ހަބަރު

ބައެއް ސަރަހައްދުތަކަށް މިރޭ އުދައަރާނެ، ސަމާލުވޭ

ރާއްޖޭގެ ބައެއް ސަރަހައްދު ތަކަށް މިރޭ އުދަ އަރާނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފި އެވެ.

މޫސުމާބެހޭ އިދާރާ، މެޓް އޮފީހުން ބުނީ، ދިޔަވަރު އެންމެ ބޮޑުވާ ވަގުތު ތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށެވެ. އެގޮތުން އުތުރުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މިއަދު އިރުއޮއްސި 6:39 އެހާއިރެވެ. މެދު ރާއްޖޭގެ ރަށްތަކަށް އެންމެ ދިޔަވަރު ބޮޑުވާނީ މިރޭ 19:53ގައި އަދި ދެކުނުގެ ރަށްތަކަށް ދިޔަވަރު އެންމެ ބޮޑުވާނީ މިރޭ 9:20ގައި އެވެ.

މެޓް އޮފީހުން ބުނީ، މިއަދާއި މާދަމާ ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށެވެ. އަދި ވައިޖެހޭނީ ހުޅަނގުދެކުނާއި ހުޅަނގުން މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާ 23 މޭލާދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު ފަސް މޭލާ 15 މޭލާދެމެދުގެ ބާރުމިނުގައި ކަމަށެވެ.

މެޓުން ބުނީ، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ކަނޑުތައް މެދުތެރޭގެ އަތޮޅުތަކުގައި އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ.

ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވެ ކަނޑުދަތުރު ކުރުމަށްވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.