ހަބަރު

ލަންކާއަށް ޑްރަގް އެތެރެކުރި ދިވެއްސަކު ހައްޔަރުކޮށްފި

May 23, 2018
3

ގިނަ އަދަދެއްގެ ޑްރަގާ އެކު ސްރީލަންކާއިން އަނެއްކާ ވެސް ދިވެއްސަކު ހައްޔަރުކޮށްފި އެވެ. މިދިޔަ ހަފްތާ ތެރޭގައި ޕާޓީ ޑްރަގާ އެކު ސްރީލަންކާއިން ވަނީ ދެ ދިވެއްސަކު ހައްޔަރުކޮށްފަ އެވެ.

ސްރީލަންކާގެ ނޫސްތަކުން ބުނީ މިފަހަރު ހައްޔަރު ކުރި ދިވެހި ޒުވާނާގެ އަތުން 2.39 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށެވެ. އަދި އެތަކެތި އޭނާގެ އަތުން ފެނުނީ އޭނާ ސްރީލަންކާއަށް އެތެރެވި ތަނުން އެއާޕޯޓްގެ ސެކިއުރިޓީ އިން އޭނާ ޗެކްކުރުމުގެ ތެރޭގައި ކަމަށެވެ.

ސްރީލަންކާގެ ނޫސްތަކަށް އެ ގައުމުގެ ފުލުހުން މައުލޫމާތު ދިން ގޮތުގައި އޭނާގެ އަތުން އަތުލައިގަތް ހެރޮއިންގެ މަވުމަތީ އަގު، ތިން ލައްކައަށް ވުރެ ގިނަ ޑޮލަރަށް އަރާނެ އެވެ. އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރު ކުރަން ލަންކާ ފުލުހުން ވަނީ ނިންމައިފަ އެވެ.

މިދިޔަ ހަފްތާ ދެ ޒުވާނަކު ހައްޔަރުކުރީ، ޕާޓީ ޑްރަގްގެ ބާވަތެއް ކަމަށްވާ، އެކްސްޓަސީގެ 1,925 ގުޅަ އެ މީހުންގެ އަތުން ފެނިގެން އެވެ.