ހަބަރު

ވޯޓް ކަރުދާހުގައި އަޅުގަނޑުގެ ނަން އޮތުން ބިނާވަނީ ޕްރައިމަރީގައި ލިބޭ ވޯޓަށް: ނަޝީދު

May 24, 2018
12

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާހުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އޮތުން ބިނާވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މެންބަރުން ދެއްވާ ވޯޓުން ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.

ޅ. ނައިފަރު ރައްޔިތުންނަށް "ސްކައިޕް" މެދުވެރިކޮށް ދެއްވި މެސެޖްގައި ނަޝީދު ވިދާޅުވީ، ކުރިއަށްއޮތް ރިޔާސީ އިންތިހާބަކީ އެންމެ މުހިންމު ނިންމުން ނިންމަން އޮތް އިންތިހާބު ކަމަށާއި އެންމެ ބޮޑު މަސައްކަތަކީ ދިވެހިންނަށް އަނބުރާ ރާއްޖެ ހޯދައިދިނުން ކަމަށެވެ.

ނަޝީދު ވިދާޅުވީ، ވޯޓް ކަރުދާހުގައި ނަން އޮތުން ބިނާވެފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ހިންގާ ކެމްޕޭނާއި އެމްޑީޕީގެ މެންބަރުން ދެއްވާ ވޯޓްގެ އަދަދުގެ މައްޗަށް ކަމަށެވެ. ނަޝީދު ވަނީ ވީހާވެސް ގިނަ ފަރާތްތަކަކުން ޕްރައިމަރީގައި އެމަނިކުފާނަށް ވޯޓް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިިޔާރުން ވަނީ އިންތިހާބުގައި ކުރިމަތި ލެވޭނެ ކަމަށް ނިންމަވާފައި ކަމަށާއި އެހެން ކަމުން އިންތިހާބުގައި ކުރިމަތި ލެވޭނެ ކަމަށާއި ރައީސް އަބުދުﷲ ޔާމީން ބޮޑުތަކުން ބަލި ކުރާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރެއްގައި ބޯހިޔާވަހި ކަމުގެ އެންމެ ކޮންޓްރެކްޓެއް ހަދައި އެ ކޮންޓްރެކްޓްގެ ދަށުން މަޝްރޫއެއް ހިންގައި ރައްޔިތުންނަށް އެންމެ ފްލެޓެއްވެސް ދެއްވާފައިނުވާ ކަމަށެވެ. އަދި ފްލެޓް އަޅާފައި ވަނީ އެމްޑީޕީ ސަރުކާރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެގޮތުން 2187 ފްލެޓްގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ހަވާލުކޮށްފައިވަނީ އެމްޑީޕީގެ ސަރުކާރުން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުގައި ހަމައެކަނި ކުރައްވާފައިވާ ކަމަކީ ހުޅުމާލޭގައި ދިވެހި ސަރުކާރުގެ ލޯނެއްގައި 7000 ފްލެޓް އަޅުއްވާނެ ކަމަށް ބުނެ ބިންގާ އެޅުން ކަމަށެވެ. އަދި އެހެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފްލެޓް އަޅާނެކަމަށް ބުނެ އެކަންކަން އިއުލާން ކުރުން ކަމަށެވެ.

"ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ ފައިސާ ހުންނަ ކުންފުނިތަކެއް ނޫން، އެތަންތަނުން މިފަދަ މަސައްކަތް ހިންގާ ގެނެސް ފޯރުކޮށް ދިނުމަށް ބޭނުންވާނޭ ވިޔަފާރީގެ ޕްލޭން އެއްގޮތަކަށްވެސް ނެތް، ހަގީގަތަކީ ރައީސް ޔާމީންގެ ސަރުކާރުގައި ފްލެޓެއް އަޅުއްވައި ރައްޔިތަކަށް ދީފައިނުވާކަން، އެއާ ހިލާފަށް އެމްޑީޕީގެ ސަރުކާރުގައި 4125 ފްލެޓް އަޅަން ފެށުނު، އޭގެ ތެރެއިން 2187 ފްލެޓް އަޅާ ރައްޔިތުންނާއި މިވަނީ ހަވާލު ކުރެވިފައި،"

ނަޝީދު ވިދާޅުވީ، ޓޫރިޒަމްގެ ސިނާޔަތަށް ބޮޑު ހަމަލާއެއް ދެފަހަރު މަތީން ރައީސް ޔާމީން ދެއްވާފައިވާ ކަމަށެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތު ދެފަހަރު އިއުލާންކޮށް ރާއްޖެއަށް ޓުއަރިސްޓުން އަންނަ މިންވަރު އަދި ރާއްޖެއަށް ބޭރުގެ ފަރާތްތަކުން ކުރަމުން އަންނަ އިތުބާރު އެތައް ގުނައަކުން ގެއްލިގެން ގޮސްފައިވާ ކަމަށެވެ.

"މިވަނީ އެކަމުގެ ހީނަރުކަން އިންތިހާއަށް ކުރިމަތިލާން ޖެހިފައި، ޓޫރިޒަމްގެ އާންމުދަނީ ދައްވުމުން އެއާއި ގުޅިފައިވާ އެހެނިހެން އާންމުދަނީތައް ދައްވި، މުޅި ރާއްޖޭގެ ވިޔަފާރި ހީނަރުވާން ފަށައިފި، އިގްތިސޯދީ ދުވެލި މަޑުވާން ފަށައިފި، ތަކެތީގެ އަގު ދަނީ މައްޗަށް، މިދިޔަ އަހަރު ލިބުނު އަގުގައި ލިބޭނެ އެއްޗެއް މިއަހަރު ނެތް،" ނަޝީދު ވިދާޅުވި އެވެ.