އުތުރުކޮރެއާގެ ލީޑަރު ކިމްޖޮން އުން އާ އެކު ޖޫން މަހުގެ 12 ވަނަ ދުވަހު ބާއްވަވަން އިއުލާނު ކުރެއްވި ބައްދަލުކުރެއްވި ބައްދަލުވުން އަދިވެސް އެތާރީހުގައި ބޭއްވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް އަނެއްކާ ވިދާޅުވެއްޖެއެވެ.
ކިމްއާ އެކު ބާއްވަވަން އުޅުއްވި ބައްދަލުވުން ދެން ނުބޭއްވޭނެކަން ޓްރަމްޕް ކިމްއަށް އެންގެވީ އިއްޔެގައި ފޮނުއްވި ސިޓީއެއްގެ ޒަރިއްޔާއިންނެވެ. އެކަމަކު ޓްރަމްޕް މިއަދު ވިދާޅުވީ އެބައްދަލުވުން ބާއްވަން އުތުރުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އޭނާވެސް އެކަމާ ހިތްޕުޅާ ހަމަކުރައްވާ ކަމަށެވެ.
" އަހަރެމެން ބަލާނަން ކިހިނެތްތޯ ވަނީ. އެެއީ ހަމަ [ޖޫންމަހުގެ] 12 ވަނަ ދުވަސް ކަމަށް ވެސް ވެދާނެ. އަހަރެމެން މިހާރު މިއަންނަނީ އެމީހުންނާ ވާހަކަ ދައްކަމުން. އެމީހުން ވަރަށް ބޮޑަށް ބޭނުންވޭ އެކަން ކުރަން. އަހަރެމެން އެކަމާ ގަބޫލު،" ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވި ކަމަށް ބީބީސީގެ ހަބަރުގައި ވެއެވެ.
ކިމްއާ އެކު ބާއްވަަވަން އުޅުއްވި ބައްދަލުވުން ކެންސަލްކުރެއްވިކަން ޓްރަމްޕް ކިމްއަށް އެންގެވީ، އިއްޔެގައި ކިމްއަށް ފޮނުއްވި ސިޓީފުޅެއްގަ އެވެ.
ވައިޓްހައުސް އިން އާންމުކޮށްފައިވާ އެ ސިޓީގައި ވިދާޅުވެފައި ވަނީ، އެމެރިކާއާ ގުޅޭ ގޮތުން އުތުރު ކޮރެއާއިން މި ފަހުން އާންމު ކުރި ހަރުކަށި ބަޔާނުގެ ސަބަބުން މި ވަގުތަކީ ދެ ބޭފުޅުން އެކުގައި ބައްދަލުކުރުން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ. އަދި އެ ފަރާތަށް ވެސް އެންމެ ރަނގަޅު ގޮތަކަށް ވާނީ މިވަގުތު ބައްދަލު ނުކުރުން ކަމަށް ވެސް ޓްރަމްޕް ވަނީ އެ ސިޓީފުޅުގައި ވިދާޅުވެފަ އެވެ.
ދެ ގައުމުގެ ދޭތެރޭގައި އަނެއްކާ ވެސް މައްސަލަ ހޫނުވީ، އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސަކީ ޖޯކެއް ކަމަށް މިދިޔަ ބުދަ ދުވަހު އުތުރުކޮރެއާގެ ފޮރިން މިނިސްޓްރީގެ ނައިބު ވިދާޅުވެ ވާހަކަ ދެއްކެވުމާ ގުޅިގެން އެވެ. އުތުރު ކޮރެއާއިން ޒާތީ ގޮތެއްގައި އެމެރިކާގެ ނައިބު ރައީސްއަށް ފާޑުކިޔުމުން އެގައުމަށް ވަރުގަދަ ރައްދެއް ދިނުމަށް ވައިޓްހައުސްގެ އޮފިޝަލުން ޓްރަމްޕްއަށް ދިޔައީ ފިއްތުންތައް ކުރިމަތިކުރުވަމުން އެވެ.
ޓްރަމްޕް ސިޓީގައި ވިދާޅުވެފައި ވަނީ، ކިމްއާ ބައްދަލު ކުރެއްވުމަަށް އޭނާ ކެތް މަދުވެފައި ހުންނެވި ކަމަށާއި އެހެން ނަމަވެސް ސަމިޓް ކެންސަލް ކުރަން ޖެހުނީތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި އުތުރުކޮރެއާގެ ޖަލުތަކުގައި ތިއްބި އެމެރިކާގެ މީހުން މިނިވަންކޮށްދެއްވީތީ އެކަމަށް ވެސް ޓްރަމްޕް ވަނީ ކިމްއަށް ޝުކުރު ދަންނަވާފަ އެވެ. އަދި މުސްތަގުބަލުގައި، ކިމްއާ ބައްދަލުވާނެ ކަމުގެ އުންމީދު އަދިވެސް ކުރައްވާ ކަމަށް ޓްރަމްޕްގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރަށް ޓްރަމްޕް ވިދާޅުވެފައި ވަނީ ގެއްލިގެން މިދިޔައީ، ދުނިޔޭގެ ސުލްހަޔަށް ވަރަށް މުހިންމު ފުރުސަތެއް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް ހަރުކަށިކަން ދޫކޮށް ދެ ގައުމު މަޝްވަރާކުރަން ބޭނުން ނަމަ، އެ ފުރުސަތު އޮންނާނެ ކަމަށާއި އެފަދަ ކަމަކަށް ބޭނުން ނަމަ ގުޅުއްވައި ނޫނީ ސިޓީއަކުން ވެސް ދަންނަވާލެއްވުމަށް ކިމްގެ ކިބައިން ޓްރަމްޕް ވަނީ އެދިވަޑައިގެންފަ އެވެ.
އެމެރިކާއާ އެކު ބާއްވާ ވާހަކަތައް ކާމިޔާބު ނުވެއްޖެ ނަމަ، އެ ގައުމުގެ ނިއުކުލިއާ ބާރު ދައްކާލާނެ ކަމުގެ އިންޒާރު އުތުރުކޮރެއާގެ ފޮރިން މިނިސްޓްރީގެ ނައިބު ދެއްވާފައިވެ އެވެ. އުތުރުކޮރެއާގެ ހިތްހަމަ ނުޖެހުން ބޮޑުވީ ދެކުނު ކޮރެއާގައި އެމެރިކާގެ އަސްކަރީ ފަރިތަކުރުންތަކެއް ދެކުނު ކޮރެއާގައި ފެށުމާ ގުޅިގެން އެވެ.
ޓްރަމްޕްގެ ސިޓީފުޅަށް ފަހުގައި ވެސް އުތުރުކޮރެއާއިން ބުނީ އެމެރިކާއާ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށެވެ.