އުތުރު ކޮރެއާއިން އުފައްދާފައިވާ ނިއުކިލިއާ ހަތިޔާރާއި އުފައްދަމުންދާ ނިއުކިލިއާ ހަތިޔާރުތަށް ނައްތާލައިފިނަމަ އުތުރު ކޮރެއާ އިގްތިސޯދާ އަދި އެމެރިކާގެ އެހީގައި އަސްކަރިއްޔާގެ ގޮތުން ދުނިޔޭގެ ބާރަކަށް ހަދައިދޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.
ޓްރަމްޕު ވިދާޅުވީ، ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޯންއުންގަކީ ވަރަށް ވިސްނުން ތޫނު ބޭފުޅެއް ކަމަށެވެ. އަދި އޭނާގެ ކުރިމަތީގައި ހީވެސް ނުކުރާ ވަރަށް އަގުބޮޑެތި ފުރުސަތުތަށް އެބަހުރި ކަމަށެވެ. ކިމްއާއެކު ބާއްވާ ކޮންމެ ބައްދަލުވުމެއްގައި ޓްރަމްޕު ވަނީ ނިއުކިލިއާ ހަތިޔާރު ނައްތާލުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފަ އެވެ.\
މަޝްވަރާތަކަށް ކިމް ވަނީ އެއްބާރުލުން ވެސް ދެއްވާފަ އެވެ. ނަމަވެސް މަޝްވަރާތަކަށް އެއްބަސްވުމަށްފަހު އުތުރު ކޮރެއާއިން ވަނީ ޖަޕާނުގެ ކަނޑަށް މިސައިލް ޓެސްޓުތަކެއް ކޮށްފަ އެވެ. މިއާއެކު މަޝްވަރާތަށް ފެއިލްވާ ކޮންމެ ފަހަރަކު ކިމް ވިދާޅުވަނީ، ނިއުކިލިއާ މައްސަލައިގައި ހައްލެ ނުލިބިގެން އުޅެނީ އެމެރިކާއިން އެއްވެސް ކަހަލަ އުސޫލެއް ނުގެންގުޅޭތީ ކަމަށެވެ. އަދި ވިދާޅުވަނީ އުތުރު ކޮރެއާއިން މިސައިލް ޓެސްޓު ކުރުމަކީ އެމެރިކާއެކު ނިއުކިލިއާ މައްސަލައިގައި ދާންޖެހޭ އެއްބަސްވުންތަކަށް ހުރަސް އެޅޭ ކަަމަކަށް ވެގެން ނުވާނެ ކަމަށެވެ.
އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ، އެގައުމުން ބަލަސްޓިކް މިސައިލް ޓެސްޓު ކުރަނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ގައުމަށް ދިމާވެދާނެ ހަލާތަކުން އަރައިގަތުމުގެ ބޭނުމުގައި ކަމަށެވެ. އަދި އެމެރިކާގެ އެހީގައި އަސްކަރިއްޔާ ވަރުގަދަ ބޭނުންކުރަން ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ. އުތުރު ކޮރެއާގެ އަސްކަރިއްޔާއަކީ މިހާރުވެސް ސަރަހައްދީ ބާރެކެވެ. ނަމަވެސް އެމެރިކާއިންނާއި އދ. އިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެގައުމުގެ އިގްތިސޯދު ވަނީ ހަލާކުވެފަ އެވެ.
ކިމްއަށް އިޝާރާތް ކުރައްވައި ޓްރަމްޕް ކުރެއްވި ޓްވީޓް ތަކެއްގައި ވިދާޅުވީ ކިމް އަކީ ވިސްނުން ތޫނު ބޭފުޅެއްކަމަށާ އޭނާގެ ކުރިމަތީގައި އަގުބޮޑު ފުރްސަތުތަކެއް ހުރިކަމުގައެވެ. މިގޮތުން 2018 ވަނައަހަރު ކިމްއާއެކު ސިންގަޕޫރުގައި ބޭއްވި ސަމިޓްގައި އުތުރުކޮރެއާ ގެ ނިއުކްލިޔާ ހަތިޔާރު ނައްތާލުމަށް އޭނާ ވެވަޑައިގެންފައިވާ ވައުދު ފުއްދައިފިނަމަ އިގްތިސާދީ ބޮޑުބާރަކަށް އުތުރުކޮރެއާ ހެދުމުގެ ފުރްސަތު ކިމްގެ ކުރިމަތީގައި އޮތްކަމަށާ އެފުރްސަތު ކިމް ގެއްލުވާނުލާނެކަމަށް އުންމީދު ކުރައްވާކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
އުތުރު ކޮރެއާއިންވަނީ އެމެރިކާއިން އެގައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކަށް ބައެއް ލުއިތައް ނުދޭނަމަ އެގައުމުގެ ނިއުކްލިޔާ ހަތިޔާރު ނައްތާލައި ދުރުރާސްތާގެ ބަލިސްޓިކް މިސައިލް ޕްރޮގްރާމް ރޫޅާލުމަށް އެމެރިކާއާއެކުވެފައިވާ އެއްބަސްވުމާއެއްގޮތަށް އަމަލު ނުކުރާނެކަމަށް ބުނެފައެވެ.
ޓްރަމްޕް ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާއިރު އޭނާގެ ފުރަތަމަ ދައުރުގައި ޚާރިޖީ އެއްވެސް ކަމެއްގައި މިހާތަނަށް ކާމިޔާބު ލިބިވަޑައިގެންފައެއް ނުވެއެވެ. އީރާނުގެ މައްސަލާގައާއި އުތުރުކޮރެޔާގެ މައްސަލާގައާއި ސޫރިޔާގެ މައްސަލައާއި ފަލަސްތީނާއި އިސްރާއީލުގެ ސުލްޙައިގެ މައްސަލައާ އަދި ވެނެޒުއެލާގެ މައްސަލާގައިވެސް ޓްރަމްޕަށް އެއްވެސް ކާމިޔާބީއެއް ލިބިވަޑައިގެންފައިނުވާތީ ކުރިޔަށްއޮތް އެމެރިކާގެ ރިޔާސީ ކޭންޕޭންގައި ޚާރިޖީ ގޮތުން ކަމެއް ކުރެވިފައިވާ ކަމަށް ވިދާޅުވެ ދައްކާނެ ވާހަކަތަކެއް ނެތްކަމުގެ އިޙްސާސް ޓްރަމްޕް ގެންދަވަނީ ކުރައްވަމުންނެވެ.