ދުނިޔެ

އެމެރިކާގެ ރައީސަކު ފުރަތަމަ ފަހަރަށް އުތުރު ކޮރެއާގައި ފައިންޕުޅު ބީއްސަވައިފި

Jun 30, 2019
1

ސޯލް (ޖޫން 30) - އުތުރު ކޮރެއާގެ ފަސް ގަނޑުގައި ފައިންޕުޅު ބީއްސެވި އެމެރިކާގެ ފުރަތަމަ ރައީސަށް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގެންފި އެވެ.

އުތުރު ކޮރެއާއާ ދެކުނު ކޮރެއާއާ ދެމެދު އޮންނަ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒީ) ގައި ޓްރަމްޕް ވަނީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާއެކު ތާރީހީ ބައްދަލުވުމެއް ބާއްވައިފަ އެވެ. ދެ ބޭފުޅުން ފޮޓޯއަކަށް ހުއްޓިވަޑައިގެންނެވުމަށް ފަހު ޓްރަމްޕް ވަނީ ބޯޑަރު ހުރަސްކުރައްވައި އުތުރު ކޮރެއާއަށް އެތެރެވެވަޑަައިގެންފަ އެވެ. އެ ދެބޭފުޅުންނާއެކު ދެކުނު ކޮރެއާގެ ރައީސް މޫން ޖެއި ވެސް ވަޑައިގެންނެވި އެވެ.

"މިއީ މުޅި ދުނިޔެއަށް ވެސް ތާރީހީ ދުވަހެއް. މާޒީގަވެފައިވާ ކަންތައްތައް ސާފުކޮށް މުސްތަގުބަލާ ދިމާލަށް އެޅުނު ފިޔަވަޅެއް،" އެ ތާރީހީ ބައްދަލުވުމަށްފަހު ޓްރަމްޕް ވިދާޅުވި އެވެ.

ޖަޕާނުގައި ބޭއްވުނު ޖީ20 ސަމިޓަށްފަހު ދެކުނު ކޮރެއާއަށް އިއްޔެ ވަޑައިގެންނެވުމަށްފަހު، ކިމްއާ ބައްދަލު ކުރައްވަން ޑީއެމްޒީއަށް ވަޑައިގެންނެވުމަށް ނިންމެވީ ކުއްލި ގޮތަކަށެވެ.

ކިމްއާއެކު ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިގެން ދިއުމަކީ މުސްތަގުބަލުގައި ދެގައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކަށް ލިބިގެންދިއަ އިތުރު ހިތްވަރެއްކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް އާ ކިމް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބައްދަލުކުރައްވައިފަ އެވެ. މިދިއަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގައި ދެ ލީޑަރުންގެ ސަމިޓެއް ބޭއްވުމަށްފަހު މިދިއަ ފެބްރުއަރީ މަހު ވިއެޓްނާމުގައި އިތުރު ސަމިޓެއް ބޭއްވުނެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވި ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީން ކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާއެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަ ކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަ ކުރައްވާފަ އެވެ.

ނަމަވެސް، ފެބްރުއަރީ 28 ގައި ބޭއްވުނު ސަމިޓުގައި އެއްވެސް އެއްބަސްވުމަކަށް ނާދެވި ދެ ލީޑަރުންގެ ބައްދަލުވުން ވަނީ ކުރުކޮށްލައިފަ އެވެ.