ޕިޔޮންގްޔެންގް (މާޗް 6) - އުތުރު ކޮރެއާގެ ހުޅަނގު އުތުރުގައި ގާއިމުކޮށްފައިވާ މުހިންމު އެއް ރޮކެޓު އުދުއްސާ ސައިޓު އަލުން ރާވަން ފަށާފައިވާ ކަމަށް ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.
އެ ފޮޓޯތައް ނަގާފައިވަނީ، ނިއުކުލިއާ ހަތިޔާރު އުފެއްދުން ހުއްޓާލުމުގެ ގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވިއެޓްނާމުގައި ކުރެއްވި ބައްދަލުވުމުގައި އެއްވެސް އެއްބަސްވުމަކަށް ނާދެވި ނިންމާލަންޖެހުނުތާ ދެ ދުވަސް ފަހުންނެވެ.
އެމެރިކާ އާއެކު މިދިޔަ ޖޫން މަހު ވެވުނު އެއްބަސްވުމަށް އަމަލުކުރަން ފެށުމުގެ ގޮތުން ސޯހައިގައި ގާއިމުކޮށްފައިވާ ސައިޓު ރޫޅާލަންފަށާފައިވާ ކަމުގެ ނިޝާންތައް ފޮޓޯތަކުން ފެންނަކަމުގައި އެމެރިކާގެ ނިއުކުލިއާ ހަތިޔާރުތައް މޮނިޓާ ކުރާ ޖަމާއަތުން ވަނީ މިދިޔަ ޖުލައި މަހު ބުނެފަ އެވެ.
ކިމް އާއެކު ބޭއްވުނު ދެވަނަ ސަމިޓުގައި އެއްބަސްވުމަކަށް ނާދެވުނީ، ހުށަހެޅުނު ކަންކަމަށް ދެ ފަރާތުންވެސް ދޫނިދުނުމުންކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، އުތުރު ކޮރެއާގައި ހުރި މައި ނިއުކުލިއާ ސައިޓެއް ނައްތާލުމުގެ ބަދަލުގައި ކިމް އެދިވަޑައިގެންނެވީ އެމެރިކާއިން މިހާރު އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމަށެވެ.
"ނަމަވެސް އެއީ އަހަރެމެންނަށް އެއްބަސްވެވޭނެކަމެއް ނޫން،" ޓްރަމްޕް ވިދާޅުވެފައި އެވެ. މަޝްވަރާތައް ކުރުކޮށްލަންޖެހުނު ސީދާ ސަބަބާއި ގުޅޭ ގޮތުން މާބޮޑު ތަފްސީލެއް ޓްރަމްޕް ނުދެއްވި އެވެ.
"އަހަރެން ނުބުނާނަން މަޝްވަރާތައް ކުރުކޮށްލަން ނިންމީ ސީދާ އަހަރެންނެކޭ، އެކަމަކު އަހަރެން ބޭނުން މި ގުޅުން މިއޮތް ގޮތުގައި ކުރިއަށް ގެންދަން،" މުސްތަގުބަލުގައި ކުރިއެރުންތަކެއް ލިބޭނެކަމުގެ އުއްމީދު ބޮޑުކަމަށް އިޝާރާތްކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.
މިފަހަރު އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، ނިއުކުލިއާ ޓެސްޓުތައް ކުރިއަށް ގެންދިއުން މަޑުޖައްސާލާފައިވާ އޮތުމަށް އިހުތިރާމް ކުރައްވާނެކަމުގެ ޔަގީންކަން ކިމް ދެއްވިކަމަށް ޓްރަމްޕް ވިދާޅުވި އެވެ.