ދުނިޔެ

އެއްބަސްނުވެވުނީ ދެފަރާތުން ދޫނުދިނީމަ: ޓްރަމްޕް

Feb 28, 2019

ހަނޯއީ (ފެބްރުއަރީ 28) - އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއެކު ބޭއްވުނު ދެވަނަ ސަމިޓުގައި އެއްބަސްވުމަކަށް ނާދެވުނީ، ހުށަހެޅުނު ކަންކަމަށް ދެ ފަރާތުންވެސް ދޫނިދުނުމުންކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

މިހާރު ވިއެޓްނާމުގެ ވެރިރަށް ހަނޯއީގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރަމްޕް ވިދާޅުވީ ނިއުކުލިއާ ބާރު ދޫކޮށްލުމުގައި ދެ ގައުމުގެ މާނަކުރުމުގައި ހިޔާލުތަފާތުވި ކަމަށެވެ.

"އަހަރެމެން އެކަން މާނަ ކުރަނީ އުތުރު ކޮރެއާ އިން ނިއުކުލިއާ ހަތިޔާރުތައް ނައްތާލުން، އެކަމަކު އުތުރު ކޮރެއާއިން ބުނަނީ އެކަމުގައި ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމުގެ އިތުރުން ދެކުނު ކޮރެއާގައި ތިބި އަހަރެމެންގެ ސިފައިންވެސް ބާލަންޖެހޭކަމަށް، އެއީ ވެސް ހިޔާލުތަފާތުވާ ކަމެއް،" ޓްރަމްޕް ހާމަކުރެއްވި އެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވި ގޮތުގައި، އުތުރު ކޮރެއާގައި ހުރި މައި ނިއުކުލިއާ ސައިޓެއް ނައްތާލުމުގެ ބަދަލުގައި ކިމް އެދިވަޑައިގެންނެވީ އެމެރިކާއިން މިހާރު އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތައް ނެގުމަށެވެ.

"ނަމަވެސް އެއީ އަހަރެމެންނަށް އެއްބަސްވެވޭނެކަމެއް ނޫން،" ޓްރަމްޕް ވިދާޅުވި އެވެ. މަޝްވަރާތައް ކުރުކޮށްލަންޖެހުނު ސީދާ ސަބަބާއި ގުޅޭ ގޮތުން މާބޮޑު ތަފްސީލެއް ޓްރަމްޕް ނުދެއްވި އެވެ.

"އަހަރެން ނުބުނާނަން މަޝްވަރާތައް ކުރުކޮށްލަން ނިންމީ ސީދާ އަހަރެންނެކޭ، އެކަމަކު އަހަރެން ބޭނުން މި ގުޅުން މިއޮތް ގޮތުގައި ކުރިއަށް ގެންދަން،" މުސްތަގުބަލުގައި ކުރިއެރުންތަކެއް ލިބޭނެކަމުގެ އުއްމީދު ބޮޑުކަމަށް އިޝާރާތްކުރައްވަމުން ޓްރަމްޕް ވިދާޅުވި އެވެ.

މިފަހަރު އެއްބަސްވުމަކަށް ނާދެވުނު ނަމަވެސް، ނިއުކުލިއާ ޓެސްޓުތައް ކުރިއަށް ގެންދިއުން މަޑުޖައްސާލާފައިވާ އޮތުމަށް އިހުތިރާމް ކުރައްވާނެކަމުގެ ޔަގީންކަން ކިމް ދެއްވިކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ނަމަވެސް، ތިންވަނަ ސަމިޓެއް ބޭއްވުމަށް އެ މަޝްވަރާތަކުގައި އެއްބަސްވެފައިނުވާކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

މިރޭގެ ވަގުތެއްގައި ޓްރަމްޕް އެނބުރި އެމެރިކާއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާއިރު، ހޮނިހިރު ދުވަހުގެ ނިޔަލަށް ކިމް ވިއެޓްނާމުގައި މަޑުކުރައްވާނެކަމަށް ވަނީ ބުނެފަ އެވެ.

އެއްބަސްވުމަކަށް ނާދެވުމުން، އެހާ އަވަސް އަރުވާލައިގެން މި ސަމިޓު ބޭއްވުމުގެ ބޭނުމާއިމެދު ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ.