ދުނިޔެ

އެމެރިކާއިން ބޭނުންވަނީ ގަދަބާރުން ކަންކަން ކުރަން: އުތުރު ކޮރެއާ

Jul 4, 2019

ނިއު ޔޯކް (ޖުލައި 3) - އެމެރިކާއިން އަބަދުވެސް ބޭނުންވަނީ ގަދަބާރުން ކަންކަން ކުރަން ކަމަށް ބުނެ އުތުރު ކޮރެއާ އިން ވަރަށް ބޮޑަށް ފާޑުކިޔައިފި އެވެ.

އުތުރު ކޮރެއާ އިން ނިއުކުލިއާ ހަތިޔާރު ނައްތާލުމާ ގުޅޭގޮތުން އެމެރިކާއާއެކު މަޝްވަރާތައް އަލުން ފަށަން ދާދި ފަހުން އެއްބަސްވެފައިވަނިކޮށް، އުތުރު ކޮރެއާގެ ވަފްދެއް އދ. ގައި ވާހަކަ ދައްކަމުން ބުނީ ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީ އެމެރިކާއިން މާ ގަޔާވާކަމެއް ކަމަށެވެ.

އޭގެ އިތުރުން، ކޮރެއާ ސަރަހައްދުގެ ސުލްހަ ނަގާލަން އެމެރިކާއިން މަސައްކަތް ކުރާ ކަމުގެ ތުހުމަތުވެސް އެ ވަފްދުން ވަނީ ކޮށްފަ އެވެ.

އެމެރިކާއަށް އެފަދަ ތުހުމަތުތަކެއް ކޮށްފައިވަނީ އުތުރު ކޮރެއާއާ ދެކުނު ކޮރެއާއާ ދެމެދު އޮންނަ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒީ) ގައި ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާއެކު ތާރީހީ ބައްދަލުވުމެއް ބޭއްވުނުތާ ދެ ދުވަސް ފަހުންނެވެ.

މިދިއަ އާދީއްތަ ދުވަހު އުތުރު ކޮރެއާގެ ފަސް ގަނޑުގައި ފައިންޕުޅު ބީއްސެވި އެމެރިކާގެ ފުރަތަމަ ރައީސަށް ޓްރަމްޕް ވަނީ ވެވަޑައިގެންފަ އެވެ.

ކިމްއާއެކު ބައްދަލުކޮށްލުމުގެ ފުރުސަތު ލިބިގެން ދިއުމަކީ މުސްތަގުބަލުގައި ދެގައުމުގެ ދެމެދުގައި ކުރެވޭ މަޝްވަރާތަކަށް ލިބިގެންދިއަ އިތުރު ހިތްވަރެއްކަމަށްވެސް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

ޓްރަމްޕް އާ ކިމް ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބައްދަލުކުރައްވައިފަ އެވެ. މިދިއަ އަހަރުގެ ޖޫން މަހު ސިންގަޕޫރުގައި ދެ ލީޑަރުންގެ ސަމިޓެއް ބޭއްވުމަށްފަހު މިދިއަ ފެބްރުއަރީ މަހު ވިއެޓްނާމުގައި އިތުރު ސަމިޓެއް ބޭއްވުނެވެ.

ޖޫން 12 ވަނަ ދުވަހު ބޭއްވި ތާރީހީ ސަމިޓަށްފަހު، ޓްރަމްޕް ވިދާޅުވެފައި ވަނީ، ސުލްހަވުމުގެ ޔަގީން ކަމެއްގެ ގޮތުން، ދެކުނު ކޮރެއާއާއެކު ހިންގާ އަސްކަރީ ހަރަކާތްތައް މިވަގުތު ހުއްޓާލަން ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެމެރިކާގެ އަސްކަރީ އެހީ އާއި ސިފައިން ކޮރެއާ ޕެނިންސުއޭލާ ސަރަހައްދުގެ ގައުމުތަކުގައި ތިބޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ސަމިޓްގެ އެންމެ މުހިންމު ކާމިޔާބީ އެއްގެ ގޮތުގައި ފާހަގަ ކުރެވުނީ، ކޮރެއާ ސަރަހައްދަށް ސުލްހަ ގެނައުމަށް ނިއުކުލިއާ ހަތިޔާރުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ކޮރެއާ ސަރަހައްދުގެ ގައުމުތައް ހެދުމެވެ. އަދި އެކަމުގެ ބަދަލެއްގެ ގޮތުން، އުތުރު ކޮރެއާއަށް ރައްކާތެރިކަން ދިނުމަށާއި އެ ގައުމުގެ މައްޗަށް އަޅާފައިވާ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ތައްޔާރަށް ހުންނެވިކަން ރައީސް ޓްރަމްޕް އޭރު ވަނީ ހާމަ ކުރައްވާފަ އެވެ.

ނަމަވެސް، ފެބްރުއަރީ 28 ގައި ބޭއްވުނު ސަމިޓުގައި އެއްވެސް އެއްބަސްވުމަކަށް ނާދެވި ދެ ލީޑަރުންގެ ބައްދަލުވުން ވަނީ ކުރުކޮށްލައިފަ އެވެ.