ދުނިޔެ

އުތުރު ކޮރެއާ އާއެކު މަޝްވަރާކުރަން އެމެރިކާ ތައްޔާރު

Dec 17, 2019

ނިއުކުލިއާ ނައްތާލުމުގެ މަޝްވަރާގައި އެއްބާރުލުން ނުދެނީ އެމެރިކާއިން ކަމަށް ބުނުމުން ރައީސް ޑޮނަލްޑް ޓްރަމްޕު އެކަމަށް ރައްދު ދެއްވައިފި އެވެ. އެކަމާ ރައްދު ދެއްވާ ޓްރަމްޕު ވިދާޅުވީ، އެމެރިކާއިން ވަނީ މީގެ ކުރީގެ ބައްދަލުވުންތަކުގައި ނިއުކުލިއާ ނައްތާލުމާ ގުޅޭ ގޮތުން މައުލޫމާތު ދީފައި ކަމަށާއި، އިތުރު ބައްދަލުވުންތައް ބާއްވާނެ ގޮތް މިހާރު އުތުރު ކޮރެއާއަށް ރަނގަޅަށް އެގޭނެ ކަމަށެވެ.

އެމެރިކާއިން ވަނީ ނިއުކުލިއާ މައްސަލައިގައި އުތުރު ކޮރެއާއަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދެވޭނެ ގޮތަކަށް އެއްބަސްވުމަކަށް އައުމަށް ކިމް ޖޮންއުންގްއަށް ދައުވަތު ދީފައެވެ. މި އެއްބަސްވުމަށް ޓްރަމްޕު ދައުވަތު ދެއްވީ އުތުރު ކޮރެއާއިން އެެމެރިކާއަށް "ކްރިސްމަސް ގިފްޓެއް" ދޭން ޖެހިދާނެ ކަމަށް ބުނެ އިންޒާރު ދިނުމުންނެވެ. މި އިންޒާރުން އުތުރު ކޮރެއާއިން އެމެރިކާއަށް ދިނީ ފިޔަވަޅުތަކުގެ ސަބަބުން އުތުރު ކޮރެއާގެ އިގްތިސޯދު ދަށްވެ ބޭރު އެހީތައް ނުލިބޭތީ އެވެ.

އުތުރު ކޮރެއާއަށް އެމެރިކާއިން ކަނޑައާޅާފައިވާ މަންދޫބު ސްޓެފަން ބިގަން ވިދާޅުވީ ނިއުކުލިއާ ހަތިޔާރުގެ މައްސަލާގައި އެމެރިކާގެ އޮތީ އަމާޒެއް ކަމަށާއި ވަކި މުއްދަތެއްގެ ތެރޭގައި ކަންކަން ނިންމަން ޖެހޭ ފަދަ މުއްދަތުތަކެއް ނޫން ކަމަށެވެ. އަދި މަޝްވަރާއަށް އެމެރިކާ ތައްޔާރަށް ކަމަށް ވިދާޅުވެ، ސެޓްފަން ގޮވާލެއްވީ މަޝްވަރާއަށް އުތުރު ކޮރެއާއިން އައުމަށެވެ.

މަޝްވަރާއަށް ތައްޔާރު ކަމަށް ބުނެ ސްޓެފަން ވާހަކަ ދެއްކެވީ އުތުރު ކޮރެއާއިން އިއްޔެ އަނެއްކާވެސް މިސައިލެއް ޓެސްޓް ކޮށްފައި ވަނިކޮށެވެ.

ނިއުކުލިއާ ހަތިޔާރުގެ މައްސަލާގައި އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ދެ ފަހަރެއްގެ މަތިން ބައްދަލު ކުރައްވައި، މަޝްވަރާ ކުރެއްވިޔަސް، ދެ ގައުމުގެ ދެމެދުގައި އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެ އެވެ. އުތުރު ކޮރެއާއިން މިހާރު އަނެއްކާވެސް ދަނީ ކުރު ރާސްތާގެ ބެލިސްޓިކް މިސައިލް ޓެސްޓް ކުރަމުންނެވެ.