ދުނިޔެ

އުތުރު ކޮރެއާއިން ދޭ "ސިހުމަށް" ތައްޔާރު: ޓްރަމްޕް

Dec 25, 2019

ކްރިސްމަސް ގިފްޓެއް ނުވަތަ ސިހުމެއް ގެނުވާނެ ފަދަ އިންޒާރެއް އެމެރިކާއަށް ދޭނެ ކަމަށް އުތުރު ކޮރެއާއިން ބުނުމުން އެމެރިކާއިން އެކަމަށް ރައްދު ދީފި އެވެ. އުތުރު ކޮރެއާއަށް ރައްދު ދެއްވާ އެމެރިކާގެ ރައީސް ޑޮނަލްޓް ޓްރަމްޕް ވިދާޅުވީ، އުތުރު ކޮރެއާއިން ދޭ ކްރިސްމަސް ގިފްޓަށް އެމެރިކާއިން ފުރިހަމައަށް ތައްޔާރު ކަމަށާއި އެކަމުން އެއްވެސް ކަހަލަ ސިހުމެއް އެމެރިކާއަށް ނުލިބޭނެ ކަމަށެވެ.

މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކޭ ގޮތުގައި އުތުރު ކޮރެއާއިން އެބުނާ ކްރިސްމަސް ގިފްޓަކީ އުތުރު ކޮރެއާއިން އަލަށް ތައްޔާރުކުރި މިސައިލެއްގެ ހަބަރެވެ. އަދި އެ މިސައިލް ޓެސްޓުކުރަން ހަމަޖެހިފައިވަނީ މިހާރު އެމެރިކާގެ ސިފައިން ތަމްރީނު ހަދަމުންދާ އުތުރު ކޮރެއާގެ ކަނޑަށް ކަމަށް ބެލެވެ އެވެ. މީގެ ކުރިން މިސައިލް ޓެސްޓުތައް ކޮށްފައިވަނީ ޖަޕާނު ކަނޑަށެވެ. އުތުރު ކޮރެއާއިން މިސައިލް ޓެސްޓުކުރި ކޮންމެ ފަހަރަކު އެމެރިކާއަށް ވަނީ ސިހުމެއް ގެނުވައިފަ އެވެ.

އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާ އަދި އެ ގައުމުގެ ބައިވެރިންނާ މެދު ނުތަނަވަސްކަން އުފެދުމުން ޗައިނާއިން އެމެރިކާއަށް ގޮވާލީ އުތުރު ކޮރެއާގެ ލީޑަރު ކިމްޖޮން އުން އާއި އެމެެރިކާގެ ރައީސް ޓްރަމްޕް މިދިޔަ އަހަރު ބޭއްވެވި މަޝްވަރާތަކުގައި އެއްބަސްވެފައިވާ ކަންތައްތައް އަވަހަށް ތަންފީޒުކުރަން ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށެވެ. ޗައިނާއަކީ ބޮޑެތި ގައުމުތަކުގެ ތެރެއިން އުތުރު ކޮރެއާއަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ޓްވިޓާ މެދުވެރިކޮށް އެމެރިކާއަށް ގޮވާލާފައި ވަަނީ ކޮރެއަން ޕެނިންސިއުލާ އަކީ ނިއުކްލިއާ ހަތިޔާރު ނުގެންގުޅޭ ތަނަކަށް ހެދުމަށްޓަކައި ދާއިމީ ސުލްހަ ގާއިމްކުރެވޭ ފަދަ މަގު ޗާޓެއްގެ މަސައްކަތް ކުރުމަށެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި އުތުރު ކޮރެއާއިން ޓެސްޓުކުރަން އުޅެނީ ނިއުކިލިއާ މިސައިލެކެވެ. މިއާއެކު އެމެރިކާގެ ގައުމީ ސަލަމާތަށް ނުރައްކާވާނެ އެވެ. އަދި ޗައިނާ އުތުރު ކޮރެއާ، ދެކުނު ކޮރެއާ، ޓައިވާން އަދި ޖަޕާނުގެ ކަނޑުގެ ހަމަޖެހުމަށް ވެސް ބުރޫއަރާނެ އެވެ. މި ގައުމުތަކުގެ ތެރެއިން ގިނަ ގައުމުތަކުގެ ކަނޑުގެ ސަރަހައްދަކީ އިމްޕޯޓް އެކްސްޕޯޓަށް ބޭނުންކުރަމުންދާ، އަހަރެއްގެ މައްޗަށް ޓްރިލިއަން ޑޮލަރު މުދާ އުފުލާ ކަނޑުގެ މަގުތަކެވެ.