ވިޔަފާރި

ކުޑަ ހަރަދަކުން ވެސް ރޯދަ ހިފިދާނެ!

ރޯދަ މަހުގެ ބާޒާރަށް އެއްޗެއް ގަންނަން ނުކުންނައިރަށް އަތްމަތި ހުސްވަނީ އެވެ. ޖީބުގައި ހުންނަ ލާރިކޮޅު ހުސްވަނީ އެވެ. އެ ވަނީ ކިހިނެއް ހެޔެވެ؟ ހަމައެހާ އަގު ބޮޑީ ހެއްޔެވެ؟ ރޯދަ މަހު ހަރަދު ކުޑަކޮށް ބާޒާރު ކުރެވޭނެ ހެއްޔެވެ؟ އެކަން ކުރެވޭނެ ހެއްޔެވެ؟

މިއީ ހުސް ސުވާލެވެ. މި ސުވާލު ތަކަށް ޖަވާބު ދިނުމުގެ ކުރިން ދައްކަން ޖެހެނީ ހޭދަ ކުރުމުގެ ވާހަކަ އެވެ. ހަރަދުގެ ވާހަކަ އެވެ. ބޭކާރު ހަރަދާއި އިޝްރާފުއަކީ އަހަރެމެންގެ ހަށީގައި ހަރުލާފައިވާ އާދައެކޭ ބުނެވިދާނެ އެވެ. މިކަން އޮތީ އާއިލާ އާ ހިސާބުން ގޮސް ސަރުކާރުގެ ތެރޭގައި މޫލާފަ އެވެ. އެހެންވެ، ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ ބޭކާރު ހަރަދު ހުއްޓާލުމެވެ. އެ އަށްފަހު، ހަރަދު ކުޑަކޮށް ބާޒާރު ކުރަން ވިސްނާށެވެ.

ހަރަދު ކުޑަކޮށް "ޖީބަށް ލުއިކޮށް" ބާޒާރު ކުރަން ބޭނުންނަމަ ފުރަތަމަ ޖެހޭނީ ރޯދަ މަހުގެ އެއް ހަފުތާ ޕްލޭން ކޮށްލާށެވެ. ހަފުތާގެ ކޮންމެ ދުވަހެއްގެ ހާރުދަމާއި ރޯދަ ވީއްލަން ތައްޔާރުކުރާނެ އެއްޗިހި ނޯޓްކޮށްލާށެވެ. ރޯދަ ވީއްލަން ފަނި ގިރާނީ ކޮންއެއްޗަކުން ހެއްޔެވެ؟ ކޮންމެ ދުވަހަކު ދެ ވައްތަރު ފަންޏާއި ތިން ވައްތަރު ހެދިކާ އަދި ދެ ރިހަ އާއި ދެ ވައްތަރު ސަޓަނި ހަދަން ޖެހޭ ހެއްޔެވެ؟

އިރުކޮޅަކާ ފިހާރައަށް ދިއުން ހުއްޓާލާ!

ރޯދަ މަހު އަަހަރެމެންގެ ހޭދަކުރުމުގެ "ޓްރެންޑު" ހުރި ގޮތުގެ ރަސްމީ ދިރާސާ އެއް އަދި ރާއްޖޭގައި ނުހަދަ އެވެ. އެކަމަކު އެކި ފަންތީގެ ތިން އާއިލާއެއް ހޭދަ ކުރުމުން ހުރި ގޮތަށް ބަލައިލަމާ ހެއްޔެވެ. މާލޭގައި ދިރިއުޅޭ އެންމެ އާދައިގެ ކުޑަ އާއިލާއެއް ވެސް އެވްރެޖު ގޮތެއްގައި ކޮންމެ ދުވަހެއްގެ ރޯދަ ބާޒާރަށް 200ރ. ހޭދަކުރާނެ އެވެ. އަދި މެދުފަންތީގެ ކުޑަ އާއިލާއެއްގެ ހޭދަ އުޅޭނީ 300ރ. އާއި 500ރ.އާ ދެމެދުގަ އެވެ. އަދި އެންމެ މަތީ ފަންތީގެ އާއިލާ ތަކުން އެވްރެޖު ގޮތެއްގައި ދުވާލަކު 500ރ. އާއި 800ރ. އާ ދެމެދުގެ ވިޔަފާރިކުރާނެ ކަމަށް ބެލިދާނެ އެވެ.

ދެ ފިހާރަ ބަލައިފައި ނޫނީ ނުގަނޭ!

ފުރަތަމަ ކުރަން ޖެހޭ ކަމަކީ އިރުކޮޅަކާ ފިހާރައަށް ގޮސް އެއްޗިހ ގަތުން ހުއްޓާލުމެވެ. ހަފުތާއަކު އެއްފަހަރު ވިޔަފާރިކުރާށެވެ. އަދި ވިޔަފާރި ކުރުމުގައި ކުދި ފިހާރަތަށް ހިޔާރު ކުރުމުގެ ބަދަލުގައި ބޮޑެތި ސުޕަމާކެޓްތައް ހިޔާރުކުރާށެވެ. އެކަމަކު އެއް ފިހާރައަށް ވަދެ، އެއްޗިހި ގަނެގެން ނުކުރުމުގެ އާދަ ދޫކޮށްލަން ޖެހެ އެވެ. މީގެ ބަދަލުގައި ދެ ފިހާރައެއް ބަލާލައި އަގުތައް ރަނގަޅަށް ކޮމްޕެއާ ކޮށްލާށެވެ. އޭރުން އަގުތަކަށް އައިސްފައި ހުންނަ އަގު ރަނގަޅަށް އެނގޭނެ އެވެ. އަދި އަނެއް ކަމަކީ ކޮންމެ ދުވަހަކު އުކާލަން ޖެހޭ ވަރަށް "ވޭސްޓް" އެއްޗިހި ނުހެދުމެވެ. ރޯދަ މަހު ކުނި ގިނަވާ ސަބަބަކީ މިއީއެވެ.

ރޯދަ މަހަކީ އިޝްރާފު ކުޑަކުރަން ޖެހޭ މަހަކަށްވީއިރު، ހާރުދަމުގައި ބަތްޕެން ނޫނީ ގަރުދިޔަ ފަދަ އެއްޗެއް ތައްޔާރު ކޮށްލުން
ކިހިނެއް ވާނެ ހެެޔެވެ؟ ކޮންމެ ފަހަރަކު ތާޒާ ކަނޑުމަހުގެ ގަރުދިޔަ ކާކަށް ނުޖެހެ އެވެ. ދަޅު މަހަކީ ވެސް މީރުކޮށް ކަރުދިޔަ ކައްކައިލެވޭނެ އެއްޗެެވެ. ދެން އޮތީ ރޯދަ ވީއްލަން ގަޑިއެވެ. ކޮންމެ ދުވަހަކު ދެ ވައްތަރުގެ ހެދިކާ ހެދުމުގެ ބަދަލުގައި ރޮށްޓާއެކު ރިހައެއް އަދި އިތުރަށް ސަޓަންޏެއް ހެދިދާނެ އެވެ. އަދި އަދި ބައެއް ދުވަސް ދުވަހު ހެދިކާއެއް ތައްޔާރު ކުރެވިދާނެ އެވެ. އަދި ކޮންމެ ދުވަހަކު ދެ ވައްތަރުގެ ފަނި ގިރުމުގެ ބަދަލުގައި އެއް ވައްތަރުގެ ފަނި ގިރާށެވެ.

މި ބަދަލު ގެނެސް އަޅެ ތަޖުރިބާ ކޮށްލުން ރަނގަޅުވާނެ އެވެ. މަށަށް ހީވަނީ ކުޑަ ހަރަދަކުން ވެސް ހަމަ ރޯދަ ހިފިދާނެ ކަމަށެވެ.