އެޗްބީއޯގެ ކާމިޔާބު ސީރީޒް "ގޭމް އޮފް ތްރޯންސް" އިން ގިނަ ބައެއް މަގުބޫލުކަން ލިބުނު ޖޯޑު ކިޓް ހެރިންގްޓަންއާއި ރޯޒް ލެސްލީ އަންނަ ޖޫން މަހު 23 ގައި ކައިވެނިކުރަން ނިންމާފައިވާ ކަމަށް ބީބީސީ އިން ރިޕޯޓުކޮށްފި އެވެ.
ބީބީސީ އިން ބުނީ ޖޫން މަހުގެ 23 ވަނަ ދުވަހު އެ ދެ މީހުން ކައިވެނިކުރުމަށް ސްކޮޓްލޭންޓުގެ ކައިވެނި ރެޖިސްޓްރޭޝަން ކުރާ އޮފީހުގައި ނަން ނޯޓުކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރު ސެޕްޓެމްބަރު މަހު މި ދެ ތަރިން ވަނީ އެންގޭޖުވެސްވެފަ އެވެ.
ވަރަށް އަވަހަށް ކައިވެނިކުރާނެކަމަށް މި ދެ ތަރިން އޭރު ބުނި ނަމަވެސް ވަކި ތާރީހެއް އިއުލާނުކޮށްފައެއް ނުވެ އެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން މި ދެ ތަރިންގެ މިހާރު ވަނީ ކައިވެނީގެ ހަފްލާއަށް މެހެމާނުނަށް ދައުވަތު ކާޑުތައްވެސް ފޮނުވާފަ އެވެ.
މި ދެމީހުންގެ މެދުގައި ހާއްސަ ގުޅުމެއް އުފެދުނީ 2012 ވަނަ އަހަރު ގޭމް އޮފް ތްރޯންސްގެ ދެ ވަނަ ސީޒަންގެ ޝޫޓިންގެ ތެރެއިންނެވެ. އެ ސީޒަންގައި މި ދެ މީހުން ވަނީ އޮންސްކްރީންގައިވެސް ދެ ލޯބިވެރިންގެ ރޯލު ކުޅެފަ އެވެ. އަސްލު ދިރިއުޅުމުގައި އެ ދެމީހުންގެ ލޯބީގެ ގުޅުން ފެށުނީ އެހާ ހިސާބުންނެވެ.
އެ ސީރީޒްގެ ދެ ސީޒަނެއްގައި މި ދެ މީހުން އެއްކޮށް ފެނުމަށްފަހު ރޯޒް ވަނީ ޝޯއިން ވަކިވެފަ އެވެ. ކިޓްއަކީ މިހާރު މި ސީރީޒްގެ އެންމެ މުހިންމު އެއް ރޯލު ކަމަށްވާ "ޖޯން ސްނޯ" ގެ ރޯލުން ފެންނަ ތަރި އެވެ. ރޯޒް ކުޅުނީ "ރިންގިޓް" ގެ ރޯލެވެ.