ލައިފްސްޓައިލް

22 ގަޑި އިރު ރޯދައަށް ތިބެވިދާނެ!

މި ރޯދަމަހު އެންމެ ގިނަ ވަގުތު ރޯދައަށް ތިބެން ޖެހިފައި ވަނީ އައިސްލޭންޑްގައި ތިބި މުސްލިމުންނަށެވެ. މިދުވަސްވަރު އައިސްލޭންޑުގައި ދުވާލު ވަރަށް ވެސް ދިގެވެ. އިރު އޮއްސެނީ ގާތްގަނޑަކަށް 11 ޖަހާއިރު އެވެ. އަނެއްކޮޅުން ހަތަރެއް ޖަހާކަށްް ހާއިރު އިރު އަރަ އެވެ. އެހެންވީމާ މުސްލިމުންނަށް ކައިބޮއި ހަދަން ލިބެނީ ގާތްގަނޑަކަށް ދެ ގަޑިއެއްހާއިރެވެ. ބެލެވޭ ގޮތުގައި އެގައުމުގައި 1000 މުސްލިމުން މިރޯދަމަހު އެބަތިއްބެވެ.

"އަހަރެން ރޯދައަށް މިހުންނަނީ ގާތްގަނޑަކަށް 22 ގަޑި އިރު. އެހެނީ އިސްލާމްދީނުގައި ރޯދައަށް ތިބެނީ ފަޖުރުލީއްސުރެ އިރު އޮއްސެންދެން. މިކަން ވަރަށް ފަސޭހަ. އެހެނީ މިއީ އަހަރެންގެ އަގީދާ. އެހެންވީމާ މިކަން ވަނީ ހަމަ އާދައިގެ ކަމަކަށް. މިކަން ވަނީ ދުވަހުގެ ބަޔަކަށް،" މީގެ އަހަރެއްހާ ދުވަސްކުރިން އައިސްލޭންޑަށް ހިޖުރަކުރި ސުލައިމާން ބީބީސީއަށް ބުނެފައި ވެއެވެ.

އައިސްލޭންޑްގެ މުސްލިމުންގެ ރޯދައާ ބެހޭ ގޮތުން ބީބީސީން ތައްޔާރުކުރި ވީޑިއޯ ރިޕޯޓަކަށް އޭނަ ވާހަކަ ދެއްކީ ހާރުކާން އިނދެގެންނެވެ. އޭނާ ހާރަށް ކެއީ މޭވާއާ އެއްކޮށްފައިވާ ޔޯގަޓެވެ. ދެން އޮތް ބާވީހަކަށް ގަޑި އިރު އޭނާ ހުންނާނީ ރޯދައަށެވެ. ސުލައިމާންގެ އަންހެނުން ޒާރާ އިނީ އެމީހުންގެ ދެވަނަ ދަރިފުޅަށް ބަލިވެއެވެ. އެހެންވެ އޭނާ ރޯދައެއް ނުހިފައެވެ. އެކަމަކު ހާރުދަމުގެ ވަގުތުގައި ފިރިމީހާާއާ ބައިވެރިވެ، އަދި ފަތިސްނަމާދު ކުރުމަށް ޓަކައި އޭނާވެސް ހޭލައެވެ.

"އަހަރެން ރޯދައަށް ނުހުއްޓަސް އަހަރެން ހޭލަން. ހާއްސަކޮށް ނަމާދު ކުރުމަށް. ދެން ފިރިމީހާގެ ކެއުންް [ހާރު] ތައްޔާރުކުރުމުގައި އެހީވާން،" ބީބީސީގެ ވީޑިއޯ ރިޕޯޓަށް ޒާރާ ބުނެފައި ވެއެވެ.

އެހާ ގިނައިރު ނުކައި ހުރެގެން ވެސް އޭނާ ފަސް ގަޑި އިރު މަސައްކަތް ކުރެއެވެ.

ކެބާބް ރެސްޓޯރެންޓްތަކެއް ހިންގާ ޔަމާންއަށް ރޯދަ ހިފުން ސުލައިމާނަށް ވުރެ އަދި ތަންކޮޅެއް އުނދަގުލެވެ.

"ތިބާ ނުކައި ހުރެ، ކާބޯތަކެތީގެ މަސައްކަތް ކުރަންޏާ. އަސްލުވެސް ބަނޑުހައިކަން އިހުސާސްވާނެ. އެކަމަކު އެކަމުން އަހަރެންގެ ދުވަސް ހަލާކެއް ނުވޭ. ތިބާ ކަމެއް ގަބޫލު ކުރަންޏާ އެކަމެއް ކުރާނެ. އެކަމަކަށް ދާނެ،" ޔަމާން ބުނެފައި ވެއެވެ.

އައިސްލޭންޑްގެ މުސްލިމުން ރޯދަވީއްލަނީ އެގައުމުގައި ހުންނަ އިސްލާމީ މަރުކަޒުގައި އެންމެން އެކުވެގެންނެވެ. އެއަށް ފަހު އެމީހުން ނަމާދު ކުރަން ފަށައެވެ. ރޭގަނޑުގެ ކުރުކަމާ ހެދި ނަމާދުގައި ނިސްބަތުން ރޭގަނޑުގެ ބޮޑުބައެއް ހޭދަވެއެވެ.

"މިއީ ތަންކޮޅެއް އުނދަގޫ ކަމެއް. އެކަމަކު އަލްޙަމްދުލިﷲ އަހަރެމެންނަށް މިކަން ވެއްޖެ. ހުރިހާ ކަމެއް ވެސް ރަނގަޅު. މިހާރު އަހަރެންގެ ބަނޑުހައިހޫނުކަން ފިލައިފި. އަދި އަހަރެންނަށް ރޯދައަށް ހުރެގެން މާދަމާ [ގެ މަސައްކަތް] ފެށޭނެ" ރޯދަ ވީއްލައި ނަމާދުކޮށް ނިމިގެން ޔަމާން ބުންޏެވެ.