ނިއުކްލިއަ ހަތިޔާރާއި އެނޫންވެސް ނުރައްކާތެރިކަން ބޮޑު ހަތިޔާރުތައް ނައްތައިލުމަށް ދުނިޔޭގެ ގައުމުތަކުން މަޝްވަރާ ކުރަން އދ. މެދުވެރިވެގެން ގާއިމްކޮށްފައިވާ ފޯރަމެއް ކަމަށްވާ ކޮންފަރެންސް އޮން ޑިސްއާމަމެންޓް (ސީޑީ) ގެ ރިޔާސަތު ސީރިއާއަށް ލިބުމުން ދުނިޔޭގެ ގައުމުތަކުން ވަރަށް ރުޅި އަތުވެއްޖެ އެވެ.
ސީޑީގެ ރިޔާސަތު ސީރިޔާއަށް ލިބުނީ އެކަން އޮންނަ އުސޫލުން ކަމަށް ވިޔަަސް އެމެރިކާއާއި ޔޫރަޕްގެ ބޮޑެތި ބައެއް ބާރުތަކުން އެކަމާ ނުރުހުނީ ސީރިޔާ ސަރުކާރަކީ އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ބޮޑެތި ގެއްލުންދެނިވި ގެއްލުންދެނިވި ހަތިޔާރު ބޭނުންކުރާ ސަރުކާރަކަށް ވާތީ އެވެ.
ސީރިއާގެ ހަތް އަހަރަށް ވުރެ ދިގުލީ ހަނގުރާމައިގައި ބައިމިލިޔަނަށް ވުރެ ގިނަ މީހުން މަރުވި އިރު އޭގެ ތެރެއިން ގިނަ މީހުންނަކީ ސަރުކާރު ސިފައިން ދިން ހަމަލާތަކުގައި މަރުވި މީހުންނެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ ހަތިޔާރެއް ނެތް އާއްމުން މެއެވެ. ސީރިއާ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރިކަން ވެސް ކުރިން ވަނީ ކަށަވަރުވެކުރެވިފަ އެވެ.
މިހެންް އޮއްވާ ސީޑީގެ ރިޔާސަތު އަންނަ ޖޫންމަހުގެ 24 ވަނަ ދުވަހާ ހަަމައަށް ބަލަހައްޓަން އެ ގަައުމަށް ފުރުސަތު ލިބުނީ އެކަމަކީ އަލްފަބެޓިކް އޯޑަރުންް މެމްބަރު ގައުމުތަކުގެ މެދުގައި ދައުރުވާ ގޮތަށް އޮންނަ ކަމަކަށް ވާތީ އެވެ.
ސީޑީއަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ މަންދޫބު ރޮބަޓް ވުޑް ވިދާޅުވީ މިއީ ފޯރަމްގެ ތާރީހުގައި އައި އެންމެ ކަޅު ދުވަސް ކަމަށެވެ. އޭނާ ވިދާޅުވީ ސީރިޔާ ސަރުކާރަކީ ސީޑީގެ ރިޔާސަތު ބެލެހެއްޓޭ ވަރުގެ އިތުބާރު ހުރި ސަރުކާރެއް ނޫން ކަަމަށެވެ. އަދި ހަމަޔާ އުސޫލުން ބެލިޔަސް އެއީ އެ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ވުޑް ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހަތިޔާރު ނައްތައިލުމުގެ ބައިނަލް އަގުވާމީ ހަމަތަކާއި އެއްބަސްވުންތަކާ ތަކުރާރުކޮށް ހިލާފުވެފައިވާ ގައުމަކަށް ވާތީ ސީރިއާއަށް ސީޑީގެ ރިޔާސަތު ލިބުމަކީ ހިތާމަކުރާ އަދި ކުށްވެރިކުރާ ކަމެއް ކަމަށެވެ. ހަމަ އެއާ އެކުގައިމެ ސީރިއާއަށް ރިޔާސަތު ލިބުނީ ދައުރުވާ ގޮތަށް އޮތުމުން ކަމަށް ވާތީ އެގައުމުން އަމިއްލައަސއް ދޫކޮށް ނުލާހާ ހިނދަކު ސީޑީގެ ރިޔާސަތުން އެގައުމު ދުރު ނުކުރެވެނެ ކަންް ވެސް އެބަޔާނުގައި ފާހަގަކޮށްފައި ވެެއެވެ.