ދުނިޔެ

އެމެރިކާ މަސައްކަތް ކުރަނީ އިރާންގެ ރައްޔިތުން މަރަން: ޒާރިފް

އެމެރިކާއިން އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ގަސްތުގައި އިރާންގެ ރައްޔިތުން މަރައި އީރާނުގެ އިގްތިސޯދު ހަލާކު ކުރަން ކަމަސް އިރާންގެ ފޮރިން މިނިސްޓަރު ޖަވާދު ޒާރިފް ވިދާޅުވެއްޖެ އެވެ.

ނިއުޔޯކުގައި ހުންނަ އދ. އޮފީހުގައި ވާހަކަފުޅު ދައްކަވަމުން ޒާރިފް ވިދާޅުވީ، އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރޭގައި ބެލެސްޓިކް މިސައިލް ބޭނުން ކުރުން މަނާކޮށްފައިވާ ކަމަށެވެ. ޒާރިފް ވިދާޅުވީ، ބެލެސްޓިކް މިސައިލަކީ އެމެރިކާ އާއި އެމެރިކާއަށް ވާގިވެރިވާ އައުވާނުންގެ ކިބައިން ސަލާމަތްވާން ކޮންމެހެން ބޭނުންކުރަންޖެހޭ ހަތިޔާރެއް ކަމަށެވެ.

"އެމެރިކާއިން ދަނީ ގަސްދުގައި އިރާންގެ އާންމު ރައްޔިތުން މަރުވާނެ ގޮތް ގޮތަށް ފިޔަވަޅު އަޅަމުން، އެ ފިޔަވަޅުތަކުގެ ބޭނުމަކީ ނާޖާއިޒު ގޮތުގައި އިރާނާއި އިރާންގެ ސިޔާސީ ފަރާތްތައް ބޭނުން ކުރުން،" ޒާރިފް ވިދާޅުވި އެވެ.

އެމެރިކާއިން އަޅައިފައިވާ ދަތިކުރުމުގެ ސަބަބުން އިގްތިސޯދީ ކުރިއެރުމަށް މަސައްކަތް ނުކުރެވޭ ކަމަށް އިޝާރާތް ކުރައްވާ ޒާރިފް ވަނީ އެއީ ވަރަށް ބޮޑު ކަންބޮނޑުވުމެއްގެ ގޮތު އދ. ގައި ފާޅު ކުރައްވާފަ އެވެ. އަދި ވިދާޅުވީ ފިޔަވަޅުތަކުގެ ސަބަބުން އިރާންގެ ހޮސްޕިޓަލްތަކަށާއި ފާމަސީތަކަށް ބޭނުންވާ ބޭސް ނުލިބުގެ އިތުރުން ކާބޯތަކެތި މިހާރު އިރާންގައި ތަދު ވެފައިވާ ކަމަށެވެ.

އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އެމެރިކާއިން އަޅާފައިވަނީ، މީގެ ތިން އަހަރު ކުރިން ހެދި ނިއުކްލިއާ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ޔޫރޭނިއަމް ފައްކާ ކުރުމުންނާއި، މިސައިލްތަކެއް ބޭނުން ކޮށްގެން ތެޔޮ ޓޭންކަރުތަކަކަށް ހަމަލާ ދިން މައްސަލައިގަ އެވެ. މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވެސް ވަނީ އިރާނަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފަ އެވެ.

ޒާރިފް ވިދާޅުވީ، އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކަށް ނުބަލައި، ގައުމާއި ރައްޔިތުންގެ ދިފާއުގައި މިސައިލް އަދި ޔޫރޭނިއަމް ފައްކާ ކުރަމުން ގެންދާނެ ކަމަށެވެ.