ދުނިޔެ

މިއަންމާގެ ހާލަތު: އދ.އިން ކޮންމެ ދުވަހަކު ބަޔާނެއް

މި އަހަރު ފެބްރުއަރީ 1 ގައި މިއަންމާގެ މަދަނީ ވެރިކަން އަސްކަރިއްޔާއިން ޖަހައިގަތް ފަހުން ނޫސްތަކުގެ ސުރުހީ ބަދަލުވުން ނޫން ކަމެއް ނުވެ އެވެ. އަސްކަރީ ވެރިކަމަށް އިންކާރުކޮށް މަގުތަކަށް އެއްވާ އާންމުންނާ މެދު ސިފައިންނާ ފުލުހުން ހާލަތާ ނުބައްދަލު ބާރު ބޭނުން ކުރަމުން އަންނައިރު ވެސް ބާރުގަދަ ގައުމުތަކުން ބަޔާން ނެރުމުގައި އަދި ވެސް ތިބީ އެވެ.

އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނަރު މިޝޭލް ބަޗެލޭއަށް ވެސް އެނގިވަޑައިގަންނަވާ އޮންނަނީ ދެ ލަފުޒެކެވެ. އިންސާނީ ހައްގުތަކާއި ގަތުލު އާންމެވެ. މިއިން ކަމަކާ ގުޅިގެން ނޫސްތަކަށް ހަބަރު ސުރުހީއެއް ދެއްވުން ފިޔަވައި އެކަމަނާއަށް ދެން އޮންނަ ކަމަކީ ބަޔާނެއް ނެރުއްވުމެވެ.

މިއަންމާގެ ހަބަރުތައް ރޮއިޓާސްއިން ކިޔައި ދޭއިރު، މިއަދަކީ އަނިޔާވެރިކަން އެންމެ ބޮޑު ދުވަހެވެ. ސިފައިންނާ ފުލުހުން އާންމުންނާ ދެކޮޅަށް ހިނގާ ޖަރީމާތަކުގައި 141 މީހުން މަރާލާއިފި އެވެ. އޭގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނެ އެވެ. ސިފައިން ބަޑިޖަހުމުގެ ސަބަބުން މަރުވި މީހުންގެ ތެރޭގައި މުޒާހަރާއާ ގުޅުމެއް ނެތް މީހުން ވެސް ހިމެނެ އެވެ. ފިލަން ދުވަނިކޮށް ބޮލަށް ބަޑިޖެހި މަންޒަރު ކެމެރާތަކާށް އަރާފައި އެބަ ހުއްޓެވެ.

އިނގިރޭސިވިލާތާއި ޔޫރަޕް އަދި އެމެރިކާއިން ވެސް މިއަންމާގެ އަސްކަރީ ޖެނެރަލުންނާ ދެކޮޅަށް ދަތިކރުމުގެ ފިޔަވަޅުއަޅައިފި އެވެ. މި ގައުމުތަކުން ބުނާ ގޮތުން އަން ސަން ސޫކީގެ މަދަނި ސަރުކާރު ވައްޓާލުމުގައި އިސްކޮށް ހަރަކާތްތެރިވި އެކަކަށް ވެސް އެއިން ގައުމަކަށް ނޭރޭނެ އެވެ. މިހެން ބުނުމުން ހީވަނީ އަސްކަރިއްޔާއިން މިއަންމާގެ ވެރިކަން ވައްޓާލީ ޔޫރަޕްގައި ޗުއްޓީ ހޭދަކުރަން ދާ ހިތުންހެންނެވެ.

މިއަންމާގައި މިހާރު ހިނގާ ކަންތައްތަކާ ހެދި ކަންބޮޑުވަނީ އދ.އިން އެކަންޏެއް ނޫނެވެ. ރޮހިންޖާ މުސްލިމުންނަށް ކުރާ އަނިޔާއަކީ ދެންތިބި މުސްލިމުންނަށް ވެސް ބޮޑު ހިތާމައެކެވެ. ވިގޫރު މުސްލިމުންގެ ވާހަކަވެސް އެބަ އޮތެވެ. މިއިން ކޮންމެ ކަމަކާ ގުޅީގެން ވެސް އދ.ގެ ނަން ގެންނަން ޖެހެނީ ދުނިޔޭގެ ބަލަދުވެރިޔާ ކަމަށް ބުނާތީ އެވެ.