ދުނިޔެ

އޯކަސްގެ ސަބަބުން އޭޝިއާ ވާނީ ދެބައި: ރަނިލް

އޯކަސް ޖަމާއަތަކީ އޮސްޓްރޭލިއާ އަށާއި އިނގިރޭސިވިލާތް އަދި އެމެރިކާއަށް އެޅިފައި އޮތް ޅައެއްޗެއް ކަމަށް ސްރީލަންކާގެ ރައީސް، ރަނިލް ވިކްރަމަ ސިންހާ ވިދާޅުވެއްޖެ އެވެ.

ރަނިލް އަދި ވިދާޅުވީ އޯކަސްގެ ނަމުގައި އޭޝިއާއަށް ނިސްބަތްކޮށް އަސްކަރީ އެއްބާރުލުމެއް އުފެއްދުމުގައި ދެމެހެއްޓެނިވި އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.

އދގެ އާންމު މަޖިލީހުގެ ހަވާސާގައި ވާހަކަދައްކަވަމުން، އޯކަސް ޖަމާއަތަށް މައުލޫ ބަދަލުކުރައްވައި ރަނިލް ވިދާޅުވީ އެއީ އެއްގޮތަކަށްވެސް ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫން ކަމަށެވެ.

ޗައިނާ ރުޅިއެރުވުމަކީ މި ޖަމާއަތް އުފެއްދި ބައެއްގެ ވިސްނުން ކަމަށް ރަނިލް ވިދާޅުވި އެވެ. ޗައިނާއާ ތޮޅެން ހަދައިގެން އޭޝިއާ ވާނީ ދެބައި ކަމަށާއި -- ކަނޑިއާ ކަނޑިވުން ނޫން ކަމެއް، ދިގު މުއްދަތަކަށް ބެއްޔަސް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޯކަސް އަކީ އަސްކަރީ ގޮތުން އެއްބާރުލުމަށް 2021 ގައި އޮސްޓްރޭލިއާ އަށާއި އިނގިރޭސިވިލާތަށް އެމެރިކާ ބުއްދިލައިދީގެން އުފައްދާފައި އޮތް ޖަމާއަތެކެވެ. މި ޖަމާއަތުގައި ހިމެނެނީ ވެސް މުޅިއެކު ތިން ގައުމެވެ.

މި ޖަމާއަތުގެ މައިގަނޑު މަގުސަދަކީ އުތުރު ޕެސިފިކްގައި ޗައިނާގެ ހަރަކާތްތަކަށް ފާރަލުމެވެ. އަދި އަސްކަރީ ގޮތުން ޗައިނާގެ ގާބިލުކަމަށް ޖާސޫސްކުރުމެވެ.

ރަނިލް ވިދާޅުވި ގޮތުގައި އެމެރިކާ އާއި ޗައިނާއާ ދެމެދުގައި އުފެދިފައި އޮތް އުދާސްގަނޑުގެ ތެރެއަށް -- ގޮތް ބަލާލަން ވެސް ލަންކާ ނުވަންނާނެ އެވެ. ލަންކާ އަކީ ނުފޫޒު ގަދަ ދެ ގައުމަކަށް ބައިއެޅޭ ވަރުގެ ގައުމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ލަންކާގެ ވިސްނުމަކީ ވަކި ކޮޅަކަށް ނުޖެހޭ ދުޅަހެޔޮ ގުޅުމެއް އެމެރިކާ އަދި ޗައިނާއާ އެކު އޮތުން ކަމަށްވެސް ރަނިލް ވިދާޅުވި އެވެ.

ރަނިލް ވިދާޅުވީ އޭޝިއާ ދެބައިވެދާނެ އެއްވެސް ކަމެއްގެ ތެރެއަށް ލަންކާ ނުވަންނާނެ ކަމަށާއި ޒައްރެއްގެ މިންވަރުން ހިއްސާ ވެސް ނުވާނެ ކަމަށެވެ.

އޭޝިއާގެ ރަސްކަން އޮންނަންވީ ޗައިނާއަށްތޯ ނުވަތަ އެމެރިކާއަށްތޯ ބެލުމަކީ ލަންކާއަށް އޮތް ވާޖިބެއް ނޫން ކަމަށް ވެސް ރަނިލް ވިދާޅުވި އެވެ.

ރަނިލް އަދި ވިދާޅުވީ އެމެރިކާ އާއި ޗައިނާގެ ދެމެދަށް ލަންކާ ވެއްދުމަށް އެއްވެސް ބަޔަކު ޕްރެޝަރުކުރާނެ ކަމެއް ނެތް ކަމަށެވެ. އެއީ އެއްގޮތަކަށް ވެސް އެދެވިގެންވާ އަމަލަކަށް ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.