ދުނިޔެ

އީސްޓާ ބޮމުގެ ހަމަލާ ތަހުގީގުކުރަން ރަނިލް އަމުރުކުރައްވައިފި

ލަންކާގައި 2019 ގައި ދިން އީސްޓާ ސަންޑޭ ބޮމުގެ ހަމަލާ ތަހުގީގުކުރަން އެ ގައުމުގެ ރައީސް ރަނިލް ވިކްރަމަސިންހާ އަމުރުކުރައްވައިފި އެވެ.

ރަނިލް މި ގޮތަށް ރިޔާސީ އަމުރެއް ނެރުއްވި ސަބަބަކީ މި ހަމަލާއާ ބެހޭ ގޮތުން އިނގިރޭސި ޓީވީ ޗެނަލަކުން ކޮށްފައިވާ ތުހުމަތަކާ ގުޅިގެންނެވެ.

އިނގިރޭ ޓީވީ ޑޮކިއުމެންޓްރީއެއްގައި ބުނެފައިވާ ގޮތުން މި ހަމަލާ ރާވައި ހިންގުމުގައި -- ރަނިލް ވިކްރަމަސިންހާ ސަރުކާރުގެ ޖާސޫސީ ވެރިޔާ ސުރޭޝް ސަލޭގެ އަތެއް ވެއެވެ.

ޚަބަރުތައް މިގޮތަށް ފެތުރެމުން ދިއުމާ އެކު ރަނިލް ވަނީ މި ހާދިސާ އަލުން ތަހުގީގުކުރުމަށް ޓީމެއް އެކުލަވާލައްވައި -- ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެއް، އިސްކުރައްވާފަ އެވެ.

ލަންކާގައި މިހާތަނަށް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި 279 މީހަކު ވަނީ މަރާލާފަ އެވެ.

ޖާނު ގޮއްވާލައިގެން ދިން މި ހަމަލާގައި ތިން ފައްޅިއެއް ގޮއްވާލުމުގެ އިތުރުން ތިން ހޮޓަލެއްގައި ވަނީ ބޮންގޮއްވާފަ އެވެ. މި ހަމަލާތައް ދީފައި ވަނީ އިސްލާމް ދީނުގެ ނަމުގައި، އެކަމަކު އެއްގޮތަކަށް ވެސް އިސްލާމް ދީން ދަންނަ ބައެއް ނޫނެވެ.

އިސްލާމް ދީންގައި ޖާނު ގޮއްވާލައި އަމިއްލައަށް މަރުވުމަކީ ހަރާމް ކަމެކެވެ. އަދި ކުށެއް ނެތް ބަޔަކަށް ޝަރީއަތުން ބޭރުން އަނިޔާކޮށް މެރުމަކީ ވެސް ހަރާމް ކަމެކެވެ.

ކުށެއް އޮތް ނަމަވެސް، އެ ބަޔަކާ މެދު ޝަރީއަތުން ގޮތެއް ނިންމައި ތަންފީޒުކުރުމުގެ ހުރިހާ ބާރުތަކެއް ލިބިގެންވަނީ ދައުލަތަށެވެ. ވަކިވަކި ފަރުދުންނަކަށް ނޫނެވެ.

އީސްޓާ ސަންޑޭ ބޮމުގެ ހަމަލާއާ ބެހޭ ގޮތުން ލަންކާ ސަރުކާރަށް ވެސް އެތައް ކަމެއް އަދިވެސް އޮޅުމެއް ނުފިލަ އެވެ.

ބަޔަކު ހެދި ޓީފީ ރިޕޯޓަކާ ގުޅިގެން ނަމަވެސް، މި ހާދިސާ އަލުން ބަލައި، ޝައިކުތައް ފިލުވާލުމަށް ލަންކާ ރައީސްގެ ހައިސިއްޔަތުން ރަނިލް އިސްނެންގެވުމަކީ ވަރަށް ޒިންމާދާރު ކަމެއް ކަމަށް މަސްލަހަތަށް ލޯބިކުރާ މީހުން އަންނަނީ ބުނަމުންނެވެ.

ރަނިލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ތަހުގީގުތަކަށް ފަހު ތަފުސީލުކުރަން ޖެހޭ ކަމެއް ފާހަގަކުރެވިއްޖެ ނަމަ ގާނޫންހަދާ މަޖިލީހަށް ހުށަހަޅާނެ އެވެ. އަދި ލަންކާ ގާނޫނުތައް ހުއްދަކުރާ އެންމެ ފުޅާ ދާއިރާއެއްގައި މައްސަލަ ބަލާނެ އެވެ.

ލަންކާ ސަރުކާރުން ނެރުނު ބަޔާނުގައި އަދި ބުނެފައި ވަނީ މި ފަހަރުގެ ތަހުގީގަކީ އދ ފަދަ ބައިނަލްއަގްވާމީ ޖަމާއަތްތައް ހިތްހަމަޖެހޭ ވަރުގެ ތަހުގީގަކަށް ހަދާނެ ކަމަށެވެ.

މީގެ ކުރިން ދޫކޮށްލާފައި ހުރި ހުރިހާ ނުކުތާއެއް އަލުން ހުޅުވައި ބަލާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.