ދުނިޔެ

ސަލާމަތީ މަޖިލީހަށް މިއަންންމާއާމެދު ގޮތެއް ނުނިންމުނު

މިއަންމާ އަސްކަރިއްޔާއިން މަދަނީ ސަރުކާރު ވައްޓާލައި ހިންގާމުންދާ ލާއިންސާނީ ޖަރީމާތައް ކުށްވެރި ކުރުމުގައި އދ. ގެ ސަލާމަތީ މަޖިލީސް ނުވަތަ ސެކިޔުރިޓީ ކައުންސިލްއަށް ގޮތެއް ނުނިންމުނެވެ. ގައުމުތައް ގުޅިގެން ބަޔާނެއް ނެރެން ބައިވެރިންނަށް ވަނީ އެކު ނުވެވިފަ އެވެ.

މިއަންމާގައި ސުލްހަ ގާއިމު ކުރުމަށްޓަކައި އދ. މެދުވެރިވުމަށް އެމެރިކާ އަދި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ގޮވާލި ނަމަވެސް ހުކުރު ދުވަހުު އޮތް ބައްދަލުވުން ނިމުނީ ކުރާނެ ކަމެއް، ހަދާނެ ގޮތެއް ނޭނގި ކޮޅެއްގައިވެސް ނުޖެހި އެވެ.

ޗައިނާއާ ރަޝިއާ ކުރިން ވެސް ބުނަމުން އައީ މިއަންމާގައި ހިންގާ ކަންތައްތަކުގެ ތެރެއަށް ވަނުން ބުއްދިވެރި ނޫން ކަމަށާއި އެއީ ދާޚިލީ ކަމެއް ކަމަށެވެ. އދ. މިކަމުގައި އޮތް ބިރަކީ، ސެކިޔުރިޓީ ކައުންސިލުން މިއަންމާއާ ދެކޮޅަށް ގަރާރެއް ނެރެން ކުރާ މަސައްކަތްތަކަށް ޗައިނާއާ ރަޝިއާ ހުރަސް އަޅާނެ ކަމަށް ބެލެވުމެވެ. އެ ދެ ގައުމަށް ވެސް ވީޓޯގެ ބާރު ލިބިފައި އޮވެ އެވެ.

މިއަންމާގައި ހިނގާ ހަމަނުޖެހުންތަކަށް ގޮތެއް ނިންމައި ދެއްވުމަށް އދ. އިން މިއަންމާއަށް ކަނޑައަޅުއްވާފައި ހުންނަވާ އެންވޯއީ ކްރިސްޓީން ޝްރޭނާ ބާގެނާ ބައްދަލުމުގައި މެންބަރު ގައުމުތަކަށް ގޮވާލެއްވި އެވެ. ވިދާޅުވީ ރައްޔިތުން މަގުތަކަށް ނުކުމެ ކުރަނީ އާދޭސް ކަމަށެވެ.

އިނގިރޭސިވިލާތުން ބުނީ މެންބަރު ގައުމުތަކުން އެއްއަޑަކުން ވާހަކަދައްކަން ޖެހިފައިވާ ކަމަށާއި ސެކިއުރިޓީ ކައުންސިލް މެދުވެރިކޮށް މިއަންމާ އަސްކަރިއްޔާއާ މެދު އަމަލު ކުރާނެ އިތުރު ގޮތްތަކެއް ވިސްނާނެ ކަމަށެވެ.

މިއަންމާ އަސްކަރިއްޔާއިން، އަން ސަން ސުޗީގެ މަދަނީ ސަރުކާރު ވައްޓާލީ ފެބްރުއަރީ އެކެއްގަ އެވެ. މިކަމާ ގުޅިގެން އެގައުމުގައި ހުއްޓިނެތި ހަމަނުޖެހުން ހިނގަމުންދާތާ މަހަކަށް ވުރެ ގިނަ ދުވަސްވީ އެވެ. އަސްކަރިއްޔާއަށް ދެކޮޅަށް މަގުތަކަށް އެއްވާ އާންމުންނަށް އަސްލު އުންޑައިން ހަމަލަދީ އެތައް ބަޔަކު ވަނީ މަރާލާފަ އެވެ. މި ހަމަނުޖެމުގައި މަރުވި މީހުންގެ އަދަދު 50 ފަހަނައަޅައި ވަނީ އިތުރުވެފަ އެވެ.