ހަބަރު

ރައްޔިތުންގެ އިހުތިޔާރަށް ހުރަސް ނާޅަން ޓްރާންސްޕޭރެންސީން ގޮވާލަައިފި

ރައްޔިތުންގެ އިހުތިޔާރަށް ހުރަސް ނޭޅޭ ގޮތަށް ދައުލަތުގެ މުއައްސަސާތަކުން އަމަލުކުރުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް (ޓީއެމް) އިން ގޮވާލައިފި އެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީން މިއަދު ބޭއްވި ރިޔާސީ ޕްރައިމަރީ ހުއްޓުވާނެ ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް ޓީއެމް އިން ނެރުނު ބަޔާނުގައި ބުނީ ރިޔާސީ އިންތިހާބުގެ ބޭނުމަކީ ރައްޔިތުންގެ އިހުތިޔާރު ކަޑައެޅުން ކަމަށެވެ.

" ...ރިޔާސީ އިންތިހާބުގެ ބޭނުމަކީ ރައްޔިތުންގެ އިހުތިޔާރު ކަޑައެޅުން ކަމަށްވީހިނދު، ދައުލަތުގެ މުއައްސަސާތަކުގެ އަމަލުތައް
ރައްޔިތުންގެ އިހުތިޔާރަށް ހުރަސް ނޭޅޭ ގޮތަށް ބައްޓަން ކުރުމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ގޮވާލަމެވެ،" އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ހުއްޓުވަން ފުލުހުން މިއަދު ފިޔަވަޅު އެޅުމުގެ ކުރިން ޓީއެމް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީން މިއަދު ބޭއްވި ޕްރައިމަރީ ހުއްޓުވުގެ ގޮތުން ފުލުހުން އެމްޑީޕީގެ ޕްރައިމަރީގެ ވޯޓުލާ މަރުކަޒުތަކަށް ފުލުހުން ވަނީ ވަދެ ވޯޓު ފޮށިތައް ގެންގޮސްފައެވެ.

އެމްޑީޕީގެ ޕްރައިމަރީ މިއަދު މެންދުރު 2:00 ހާއިރު ފެށައިގެން ކުރިޔަށް ދިޔަ އިރު އިލެކްޝަން ކޮމިޝަންގެ އެދުމަކަށް ސިވިލް ކޯޓުން ވަނީ އެ އިންތިހާބު ހުއްޓުވުމަށް ފުލުހުންގެ މައްޗައް އަމުރުކޮށްފަ އެވެ. އެކަމާ ގުޅިގެން މިއަދު ހަވީރު 3:30 ހާއިރު ފުލުހުން ވަނީ ރަޔަޓު ގިޔަރުގައި ވޯޓުލާ މަރުކަޒުތަކަށް ވަދެ ޕްރައިމަރީއަށް ހުރަސް އަޅައިފަ އެވެ. އެގޮތުން ވޯޓުލާ މަރުކަޒުތަކުގައި ބަހައްޓާފައި ހުރި ފޮށިތަކާއި ވޯޓު ކަރުދާސްތައް ފުލުހުން ވަނީ ގެންގޮސްފަ އެވެ. މާލޭގައި ވޯޓްލާ ތަންތަނުގެ އިތުރަށް، ރަށްރަށުގައި ވެސް ފުލުހުން ވަނީ ނިކުމެ އެމްޑީޕީ ޕްރައިމަރީގެ ވޯޓްފޮށިތައް ގެންގޮސްފަ އެވެ. ރަށްރަށުގައި ކޮންމެވެސް ވަރަކަށް ފުލުހުންނާއި އާންމުންނާ ދެމެދު ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގި އެވެ.

މި ކަންތައްތަކުގެ ތެރޭގައި އަދި މީހަކު ހައްޔަރު ކުރި ކަމެއް ނޭނގެ އެވެ.