ދިވެހި ސިނަމާ

މުންކޮ ފިލްމެއް ހަދާ ވާހަކަ ބުނީމަ އެކްސައިޓް ވާން ޖެހޭތަ؟

މި ވާހަކައެއް އަޑުއިވުނު ފަހުން، ދިވެހި ފިލްމަށް ލޯބިކުރާ ވަރަށް ގިނަ ބައެއްގެ ހިތްތަކުގައި ވަނީ އުއްމީދުގެ ހުޅުކޮޅު ރޯވެފަ އެވެ. ދިވެހި ފިލްމަކުން އިވޭ ކަހަލަ ޑައިލޮގްކޮޅަކަށް މި ވާހަކަ ވިޔަސް، މިއީ ހަމަ އަސްލަށް ވެސް، ކަން ހިނގާފައި އޮތް ގޮތުގެ ވާހަކަ އެވެ.

ސަބަބަކީ ފިލްމީ ދާއިރާ އޮތް ހާލަތެވެ. އަދި ތިއޭޓާ މިރާޖޭ ކިޔުނު ކުޑައެއްގެ ހިޔަލުގައި މުނިފޫހިފިލުވައި ދިނުމުގެ ހަގީގީ ދުނިޔެއަކަށް ދިވެހިން ގެންގޮސް، އެތައް ބަޔަކު ގަބޫލުކޮށްފައިވާ ފަންނާކަށް ވެފައި ހުރި މުހައްމަދު މުންތަސިރު (މުންކު) އެންމެފަހުން ދިވެހި ފިލްމެއް އުފެއްދުމަށް ފޫގެޅީމަ އެވެ.

ފޫގެޅި ގޮތަށް މިހާރު އޭނާ އެހުރީ "ގެއްލުނީމާ" އޭ ކިޔުނު ސްކްރިޕްޓެއް ކޮނޑަށް ލައިގެން ދިވެހި ސިނަމާގެ ފުން ކަނޑަށް އެރި އެވެ. ވާނުވާއެއް ނޭނގޭ މި ކަނޑަށް އޭނާ ނުގެއްލިއްޖެ ނަމަ ހަމަ ނަސީބެކެވެ.

ކޮންމެއަކަސް، މުންކޮ ލިޔެ ޑައިރެކްޓްކުރާ ފިލްމުގެ ނަމަކީ "ގެއްލުނީމާ" އެވެ.

މިއީ ކަނޑެއްގައި މީހަކު ކުރާ ދަތުރެއްގެ ވާހަކަ އެވެ. ނުވަތަ ހަޔާތުގެ ފުން ކަނޑަށް ވެއްޓިގެންދާ މީހެއްގެ ވާހަކަ އެވެ.

މި ފިލްމެއް މުންކޮ ގެނެސްދޭތީ އެކަމާ އުފާވެފައި ތިބި ބަޔަކު އުފާކުރަން ޖެހޭ ސަބަބުތަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރިން މި ފިލްމަކާ ބެހޭ ގޮތުން މުންކޮ ބުނާ އެއްޗެއް ވެސް ބަލައިލާން ޖެހޭނެ ނޫން ހެއްޔެވެ؟

އެއަށް ފަހު، މުންކޮ ފިލްމެއް ހަދާތީއޭ ކިޔާފައި ކޮންމެހެން އެއަށް އެކްސައިޓްވާން ނުޖެހޭ ސަބަބުތަކެއް ވެސް ކިޔައިދޭނަމެވެ.

ހަގީގަތުގައި މި ފިލްމާ ބެހޭ ގޮތުން މާ ބޮޑު އަނގައެއް ތަޅާކަށް މުންކޮ ވެސް ބޭނުމެއް ނުވެ އެވެ.

"މިއީ 35 އަހަރުގެ ފިރިހެނެއްގެ ހަޔާތުގެ ވާހަކަ،" ފިލްމާ ބެހޭ ގޮތުން ހުރިހާ މީޑިއާއެއްގައި ވެސް މުންކޮ އަޅަމުން ދާ ރޮނގަކީ މިއީ އެވެ.

އެހެންވީމަ ވާއެއް ނުވާއެއް ނޭނގޭ ފިލްމަކަށް އެކްސައިޓްވެގެން އަހަރެމެން އެއަށް އިންތިޒާރުކުރަން ޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

ފުރަތަމަ ސަބަބަކީ މުންކޮއެވެ.

މި ފިލްމަށް ބައެއް މީހުން އިންތިޒާރުކުރަން ޖެހޭ ސަބަބަކީ ވެސް މުންކޮ އެވެ. އަދި ބައެއް މީހުން މި ފިލްމަކަށް އިންތިޒާރުކުރަން ނުޖެހޭ ސަބަބަކީ ވެސް އޭނާ އެވެ.

އެހެންވީމަ ބަޔަކު އެކްސައިޓް ވަނީ ކީއްވެ ހެއްޔެވެ؟ މާ ކުރީ ޒަމާނެއްގައި މާ މޮޅެތި ސްޓޭޖު ޑްރާމާތަކެއް މުންކޮ ހުށަހަޅައި ދީފައިވާތީ އެވެ. ޕާފޯމިން އާޓްސް އަކީ މުންކޮގެ ދާއިރާ އެވެ. އަނެއްކޮޅުން އޭނާ މިހާތަނަށް ދެއްކި މަސައްކަތް އޭނާގެ އެ ހުނަރުވެރިކަމަށް ހެކިވެ އެވެ. 

މުންކޮ ޑްރާމާއެއް ހަދަނީއޭ، ޓީވީ ޝޯއެއް އުފައްދަނީއޭ ނުވަތަ ފިލްމެއް ހަދަނީއޭ ބުނީމަ ވަކި ބައެއްގެ މެދުގައި އެ ވާހަކަ ފެތުރި އެއަށް ހާއްސަ ސަމާލުކަމެއް ލިބިގެން ދަނީ މިކަމުގެ ފަންނުވެރިކަމަށް މުންކޮ ކުރާ އިހްތިރާމަކާއި އޭނާގެ ހިތުގައި މިކަމަށް އޮތް ހަގީގީ ލޯތްބެއްގެ ބޮޑުކަމަކުންނޭ ބުނެވިދާނެ އެވެ.

އަދި މުންކޮ ފަހަތުން އެ ދުއްވައިގަންނަ ކްރައުޑަކީ ވެސް މި ދެންނެވި އިހްތިރާމާއި ލޯބި ހިފަހައްޓާ ބަޔަކަށް ވެދާނެ އެވެ.

އެހެންވީމަ "މިއާއޯ" އާއި "ކޮށީ" އަދި "އިލް ނޮއިސް" ފަދަ ހުށަހެޅުންތައް ކަމުގޮސްގެން މުންކޮ ވަރެއް ނެތްވި މީހުން މިފަހަރު ވެސް އޭނާއާ އެކު ދުއްވައިގަންނާނެކަން ޔަގީނެވެ.

ނަމަވެސް މުންކޮ އަކީ ހިޓެއް ނޫނެވެ. ދިވެހި ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި އޭނާގެ ނަން މަޝްހޫރުވެފައި ވަނީ "ކަލްޓެއް" ގެ ގޮތުގަ އެވެ.

މުންކޮގެ އާ ޚަބަރަށް އެހާ ބޮޑަށް އެކްސައިޓް ނުވާން ޖެހޭ ސަބަބަކީ މިއީ އެވެ. ދިވެހި ފިލްމަށް މަރު ދޭ މީހުންނަށް މުންކޮ ހިތި ހަބަރަށް ވެސް ވެދާނެ އެވެ.

ދެ ވަނަ ސަބަބަކީ މިއީ އެވެ.

ދިވެހި ސިނަމާގެ ރިހަގަނޑަކަށް އުއްމީދުކުރާ ނަމަ މުންކޮގެ މި ފިލްމަށް އިންތިޒާރުކުރުމުގެ ބޭނުމެއް ނެތެވެ.

މި ފިލްމާ ބެހޭ ގޮތުން މާ ގިނަ ވާހަކައެއް ދައްކަން މުންކޮ ބޭނުން ނުވިޔަސް އޭނާގެ މަސައްކަތުގެ ރަހަތަކަށް ބަލައި ވިސްނާއިރު ގަބޫލުކުރަން ޖެހެނީ "ނަހޫ-ސްޓައިލަކާ" މިއެއް ނުގުޅުވޭނެ ކަމެވެ.

މި ފިލްމަށް އޮލިމްޕަހުގެ އޯޑިއެންސް އެކްސައިޓް ނުވާން ޖެހޭ އެންމެ ބޮޑު ސަބަބަކީ މިއީ ކަމަށް ވެދާނެ އެވެ. އެކަމަކު މީގެ އިތުރަށް ވެސް، މި ފިލްމާ މެދު ނުވަތަ މުންކޮގެ އަލަތު ފިލްމާ މެދު ބޮޑު އުއްމީދުތަކެއް ކުރަން ނުޖެހޭ ބައިވަރު އެހެން ސަބަބުތަކެއް ވެސް އެބަހުއްޓެވެ.

މިސާލަކަށް މުންކޮގެ މަސައްކަތެއް ދުވަހަކުވެސް ވައިގަ ހިފައިފައެއް ނެތެވެ. ހާއްސަކޮށް މުނިފޫހިފިލުވުމުގެ ދާއިރާގައި އޭނާ ކުރާ ކަންކަމެވެ.

އޭނާގެ މަސައްކަތެއް ބަލަން މި ނުކުންނަނީ މީގެ 13 އަހަރު ކުރިން ވެސް ނުކުތް މީހުންނެވެ. އެ އޯޑިއެންސްގައި އޭރު ވެސް 13 މީހުންނެވެ. އަދި މިހާރު ވެސް 13 މީހުންނެވެ.

މުންކޮގެ ހަގީގަތަކީ މިއީ އެވެ. އެ 13 މީހުން އޭނާގެ ޝޯ ބަލާފައި ގޮސް އެންމެން ގާތުގައި މި ބުނަނީ ވަރަށް ވެސް މޮޅު ވާހަކަ އެވެ. ނަމަވެސް މުންކޮގެ އޯޑިއެންސް ބޮޑުވަމުންނެއް ނުދެ އެވެ.

މިއީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ޖެހޭ މައްސަލައެއް ނޫން ހެއްޔެވެ؟ މުންކޮގެ މަސައްކަތްތައް އެހާ މޮޅުއިރު އޭނާގެ މި އޯޑިއެންސް ބޮޑު ނުވަނީ ކީއްވެ ހެއްޔެވެ؟

މުންކޮ ކޮނޑަށް ލައިގެން ނުގެންގުޅެން ޖެހޭ އަނެއް ސަބަބަކީ މުނިފޫހިފިލުވުމުގެ ދާއިރާ އަށް އޭނާއާ ހެދި މިފަހުން ލިބިގެން ދިޔަ ހުތުރު ނަމެވެ. މުންކޮއާ ގުޅުވައިގެން ކޮރަޕްޝަންގެ ބޮޑު މައްސަލަގަނޑެއް 2013 ވަނަ ހިލިގެން ދިޔައިރު އޭނާގެ ބެލުމުގެ ދަށުން ބޭއްވި މުނިފޫހިފިލުވުމުގެ ބޮޑު ހަރަކާތެއްގައި ބައިވެރިވި އެތައް ބަޔަކަށް އެމީހުންގެ މަސައްކަތުގެ އަގު ނުދޭ ކަމަށް ބުނި އަޑެއް ވެސް އަރައިގެން ދިޔަ އެވެ.

އެހެންވީމަ މިފަހަރު އެކަހަލަ އަޑުތަކެއް ނާރާނެ ކަމަށް ބަލަމާ ހިނގާށެވެ.

ދެން އަނެއްކާވެސް މި އޮތީ މުންކޮ ކޮނޑަށް ލައިގެން ދުވަސް ޖެހޭ ވަރުގެ ވާހަކަ އެކެވެ.

އެއީ މިހުރިހައި ކަމަކަށް އޭނާ މީގެ އެތައް އަހަރެއް ކުރިން ދައްކަމުން ދިޔަ ޝައުގުވެރިކަމާއި ލޯބި އަދިވެސް އެ ތާޒާކަމުގައި ނެރެމުންދާތީ އެވެ. މިހާރު ވެސް އެ ހުރީ އެހެން ހުރިހާ މަސައްކަތެއް ހުއްޓާލާފައި ފިލްމު ކްރޫއެއް ގޮވައިގެން ގޮސް މި ފިލްމެއް ޝޫޓްކުރަން ހއ. އަށް ގޮހެވެ.

މުންކޮގެ މި ޑެޑިކޭޝަނަކަށް އަތްޖަހަން ޖެހޭނެ އެވެ. އޭނާގެ އޯޑިއެންސް ކިތަންމެ ކުޑަޔަސް ހިތްވަރާއި މި މަސައްކަތަށް އޭނާގެ ހިތުގައި އޮތް ލޯބި ވަރަށް ވެސް ބޮޑެވެ. މިހާރު ވެސް އެ ނެރެނީ މީގެ 12،13 އަހަރު ކުރިން ނެރުނު ފޯރި އެވެ.

މިއީ މުންކޮގެ އަލަތު ފިލްމު ހިޓަކަށް ވެސް ވެދާނެ ވަރުގެ ސަބަބެކެވެ. އަދި އެހެން ހުރިހައި ދިވެހި ފިލްމުތަކަށް ވުރެ މޮޅު ނުވަތަ ތަފާތު ފިލްމަކަށް ވެސް ވެދާނެ ކަމެކެވެ.

އެކަމަކު އޭނާ ބުނަނީ މިހެންނެވެ.

"ވަކި މިވެނި ކަމަކާ ހެދި މި ފިލްމަށް އިންތިޒާރުކުރާށެކޭ ނުބުނާނަން. އަދި ފިލްމު ތަފާތުވާނެޔެކޭ ވެސް ބުނާކަށް ބޭނުމެއް ނޫން. އެކަމަކު އަޅުގަނޑު ބުނެލަން ބޭނުން ވަނީ ފިލްމުގައި ދައްކުވައިދޭ ކެރެކްޓާއާ އެކު އޭނާގެ މި ދަތުރުގެ ބައިވެރިޔަކަށް ވެ އެއިން އުފާ ހާސިލުކުރާ މީހަކަށް ވާށޭ ބެލުންތެރިޔާ ވެސް"

"އެއީ މި ފިލްމުގައި ދައްކުވައިދޭ މައިގަނޑު ކެރެކްޓާއެއް އުފެއްދިއިރު ޔަގީނަށް ވެސް އަޅުގަނޑު ވަރަށް އެންޖޯއިކުރިން. އަދި ބައެއް ސީންތަކުގެ ސްކްރިޕްޓާއި ސްޓޯރީބޯޑްގެ މަސައްކަތްކުރިއިރު އިމޯޝަނަލްވެގެން ގޮސް މަސައްކަތް ހުއްޓާލާފައި ވެސް ހުންނާނެ ބައެއް ދުވަސްތަކުގައި."

އެހެންވީމަ މި ފިލްމެއް ހަދާއިރު މުންކޮ މި އޮތީ ނަހޫ-ސްޓައިލްގައި ޖެހިފަ އެވެ.

ފަހަރެއްގައި ނަހޫ-ސްޓައިލްގެ ފޭނުން މިފިލްމަކަށް ޝައުގުވެރިވާން ޖެހޭ ހަމައެކަނި ސަބަބަކީ މިއީ އެވެ.