ހަބަރު

މާދަމާއިން ފެށިގެން ސިވިލް ކޯޓު ރިސެސްއަށް

May 31, 2018

މާދަމާއިން ފެށިގެން ސިވިލް ކޯޓަށް ރިސެސްއަށް ދިޔުމަށް އެ ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމަވައިފި އެވެ.

ސިވިލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައިވާ ގޮތުން 01 ޖޫން އިން ފެށިގެން 10 ޖޫންއާ ހަމައަށް ސިވިލް ކޯޓު އޮންނާނީ ރިސެސްގައެވެ.

ސިވިލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން 04 ޖަނަވަރީ 2011 ގައި ނިންމާފައިވާ ގޮތުގެ މަތިން ސިވިލް ކޯޓުގެ ރިސެސްގެ ދުވަސްތަކަކީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ ފުރަތަމަ 10 ދުވަހާއި، އަހަރުގެ ފަހުކޮޅުން ޑިސެމްބަރު މަހުގެ ފުރަތަމަ 20 ދުވަހެވެ.

ސިވިލް ކޯޓުގެ ރިސެސް މުއްދަތުގައި، އާންމުކޮށް މައްސަލަތައް ހިންގުމެއް ނޯންނާނެއެވެ. އާންމު ގޮތެއްގައި ހިނގަމުންދާނީ ސިވިލް ކޯޓަށް މައްސަލަ ބަލައިގަތުމާއި ކޯޓުގެ އިދާރީ ހިދުމަތްތަކާބެހޭ އެންމެހައި މަސައްކަތްތައް ރިސެސްގެ މުއްދަތުގެ ދުވަސްތައް ނޫން ދުވަސްތަކާއި އެއްގޮތަށެވެ. އަދި މައްސަލަތަކުގެ ތެރެއިން، ވަގުތީ އަމުރުތަކާއި ކޮންމެހެން ނިންމަންޖެހޭ މައްސަލަތައް މައްސަލަ ބައްލަވާ ގާޒީއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން ކުރިއަށްދާނެއެވެ.

ދަށު ކޯޓުތައް އަހަރުގެ މެދު ތެރެއިންނާއި ފަހު މަހު ރިސެސްއަށް ދާއިރު ސުޕްރީމް ކޯޓާއި ހައިކޯޓު އަބަދުވެސް ރިސެސްއަށް ދަނީ ޑިސެމްބަރު މަހު އެވެ.