ދުނިޔެ

ހައްޖާޖީން އިލެކްޓްރޯނިކް ބޭންޑެއް އަޅަންޖެހޭ ގޮތަށް ސައުދީން ހަމަޖައްސަނީ

May 25, 2015

ހައްޖުގެ އަޅުކަން އަދާކުރުމުގެ ތެރޭގައި މަގު އޮޅުން ފަދަ ކަންކަން މަދުކުރުމަށް، ކޮންމެ ހައްޖާޖީއަކު ވެސް އިލެކްޓްރޯނިކް ބޭންޑެއް އަޅަންޖެހޭ ގޮތަށް ވަރަށް އަވަހަަށް ހަމަޖައްސާނެ ކަމަށް ސައުދީ އަރަބިއްޔާގެ މީޑިއާތަކުން އިއްޔެ ބުނެފި އެވެ.

ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އަލްވަތަން ދުވަހު ނޫހުން ބުނި ގޮތުގައި ހައްޖުގެ ކަންކަމާ ބެހޭ މިނިސްޓްރީ އާއި އިންޓީރިއާ މިނިސްޓްރީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ މި މަޝްރޫއުގެ ފީސިބިލިޓީ ދިރާސާތައް ނިންމައި މިހާރު އޮތީ ބަޖެޓު ހަމަޖެއްސުމުގެ މަރުހަލާގަ އެވެ. ފިނޭންސް މިނިސްޓްރީން ބަޖެޓު ހަމަޖައްސައިދިންހާ އަވަހަކަށް މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށަން ނިންމާފައިވާ ކަމަަށް އެ ނޫހުން ބުންޏެވެ.

"މި ބޭންޑް ތައާރަފް ކުރެވުނީމަ ހައްޖާޖީންނާ ބެހޭ ތަފާސްހިސާބުތައް އެއްކުރުމަށް ވެސް ވަރަށް ފަސޭހަވާނެ،" އަލްވަތަން ނޫހާ ވާހަކަދެއްކެވި އޮފިޝަލަކު ވިދާޅުވެފައިވެ އެވެ."ކޮންމެ ހައްޖާޖީއަކު ވެސް މި ބޭންޑް އަޅަންޖެހޭނެ."

މި މަޝްރޫއުގެ ދަށުން ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ބޭންޑުގައި ކޮންމެ ހައްޖާޖީއެއްގެ ވެސް ޒާތީ މައުލޫމާތާއި ސިއްހީ ރެކޯޑުތަކާއި އެ މީހަކު ސައުދީގައި ހުންނަ ތަނުގެ އެޑްރެހާއި ހަވާލުވެފައިވާ އެޖެންޓުގެ ނަން ފަދަ މުހިއްމު މައުލޫމާތުތައް ރައްކާކޮށްފައި ހުންނާނެ އެވެ. އެ މައުލޫމާތުގެ ބޭނުން ކުރުމަށް ބާކޯޑެއް ހަރުކުރާއިރު، އެ ހައްޖާޖީއަކު ހުރި ތަނެއް ދެނެގަތުމަށް ޖީޕީއެސް ޗިޕެއް ވެސް ހިމަނާނެ އެވެ.

މީގެ އިތުރުން، ނަމާދު ވަގުތުތަކާއި ގިބުލަ ފަދަ މުހިއްމު މައުލޫމާތުތައް މި ބޭންޑުގެ އެހީގައި ހައްޖާޖީންނަށް ލިބޭނެ އެވެ. އަދި ކޮންމެ ނަމާދު ވަގުތަކު ބަންގި ވެސް ގޮވާނެ އެވެ.

އަލްވަތަން ނޫހުން ބުނި ގޮތުގައި އަރަބި ހައްޖާޖީންގެ ޖަމާއަތަކުން މިހާރު ވެސް ވަނީ އެ ބޭންޑުގެ ޓެސްޓް ވާޝަންއެއް ހަދާފަ އެވެ. އަދި ކާމިޔާބުކަމާ އެކު އެ ބޭންޑު ޓެސްޓްކޮށްފައިވާ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.

ކޮންމެ އަހަރަކު ވެސް ހައްޖު މޫސުމާ ދިމާކޮށް ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް މިލިއަން މުސްލިމުންނެއް މައްކާގެ މާތް ބިމަށް ޖަމާވެ އެވެ. އެހާ ގިނަ އަދަދެއްގެ ބަޔަކު އެއް ތަނަކަށް އެއްވެ އުޅުމުގެ ތެރޭގައި، މީހުން ގެއްލުމާއި މަގު އޮޅުމާއި ފިތި ބާރުވެގެން މީހުން މަރުވުމާއި އެ ނޫން ވެސް ހިތާމަވެރި ހާދިސާތައް ބައެއް ފަހަރު ހިނގަ އެވެ.