ދުނިޔެ

އީ.ކޮލީ ބެކްޓީރިއާ ހުރި ލެޓިއުސް ކެވިގެން އެމެރިކާގައި ފަސްމީހުންް މަރުވެއްޖެ

ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ އީ. ކޮލީ އެމެރިކާގައި އަނެއްކާވެސް ބާރަށް ފެތުރެން ފަށައި، އެ ބެކްޓީރިއާ އެކުލެވޭ ލެޓިއުސް ކެވިގެން ފަސް މީހުން މަރުވެއްޖެއެވެ.

އެމެރިކާގެ ސިއްހީ އިދާރާތަކާ ހަވާލާދީ ބީބީސީ ބުނީ އެގައުމުގެ 35 ސްޓޭޓަކުން އީ.ކޯލީގެ 193 މައްސަލަ މިހާރު ފެނިފައިވާ ކަމަށެވެ. އަދި ބުނީ އެ ބެކްޓީރިއާގެ ސަަބަބުން މަރުވި ފަސްމީހުންގެ ތެރެއިން ދެމީހުންނަކީ މިނެސޯޓާ ސްޓޭޓުގެ މީހުން ކަމަށެވެ. އަނެއް ތިން މީހުންނަކީ އާކަންސަސް، ކެލިފޯނިއާ އަދި ނިއުޔޯކް ސްޓޭޓުގެ މީހުންނެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ބުނީ މިހިނގާ މެމަހުގެ 16 ވަނަ ދުވަހު އެ ސެންޓަރުން ރިޕޯޓު ކުރި ފަހުން އިތުރު 25 މީހަކަށް ބެކްޓީރިއާގެ އަސަރުކޮށްފައިވާ ކަމަށެވެ. އެ ސެންޓަރުން ނެރުނު ބަޔާނުގައި ބުނީ ބެކްޓީރިއާގެ އަސަރުކުރި ގިނަ މީހުން ބަލިވެފައި ވަނީ މީގެ ދެހަފުތާ ކުރިން ކަމަށާއި އީކޮލީގެ އެކުލެވިފައިވާ ލެޓިއުސް އޭރުގައި އަދި ފިހާރަތަކުގައި ހުރި ކަމަށެވެ.

ބެލެވޭ ގޮތުގައި އެމެރިކާގައި މިފަަހަރު އީކޮލީ ފެތުރެން ފެށީ އަރިޒޯނާ ސްޓޭޓުގައި ރޮމައިން ލެޓިއުސް ހައްދާ ސަރަހައްދެއް ކަމަށްވާ ޔޫމާއިންނެވެ. ނަމަވެސް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ބުނީ އެ ބެކްޓީރިއާ ފެތުރެން ފެށީ ވިކި މިވެނި ސަރަހައްދަކުން ނުވަތަ ލެޓިއުސް ހައްދާ ވަކި ބައެއްގެ ސަބަބުން ކަން ކަނޑައެއް ނޭޅޭނެ ކަަމަށެވެ.

އެންޝެރީޗިއާ ކޮލީ ނުވަތަ އީ.ކޮލީ އަކީ ބައެއް ބާވަތުގެ ދިރޭތަކެތީގެ މައިދާގައި އާއްމުކޮށް ހުންނަ ބެކްޓީރިއާގެ ބާވަތެކެވެ. އެއީ އާއްމުގޮތެއްގައި ނުރައްކާތެރި ބާވަތެއް ނޫނެވެ. ނަމަވެސް އެ ބެކްޓީރިއާއަށް އަންނަ ބަދަަލަކާ ގުޅިގެން ކާބޯތަކެތި ވިހަކޮށްލާ އެއްޗަކަށް އެ ބެކްޓީރިއާ ބަދަލުވެއެވެ. އެގޮތުން ޖެހޭ ބަލިތަކުގެ ތެރޭގައި ގޭސްޓްރޯއެންޓެރިޓިސް، ޔޫރިނަރީ ޓްރެކްޓް އިންފެކްޝަން އަދި ނިއޯނޭޓަލް މެނިންޖައިޓިސް ފަދަ ބަލިތައް ހިމެނެއެވެ.

އެމެރިކާގައި މިފަހަރު އީ.ކޮލީ ފުރަތަމަ ފެތުރެން ފެށީ މިދިޔަ އޭޕްރިލްމަހުއެވެ.