ދުނިޔެ

މަސްވެރިކަންކުރި ކަނޑެއްގައި މިހާރު ދަނޑުވެރިކަން

އުޒްބެކިސްތާނުގެ މޮއިނަކްގެ ބޭރުން އެތައް މޭލެއްގެ ދުރުގައި ދެ ޓްރެކްޓަރު ހަރަކާތްތެރިވަމުން ދިޔައެވެ. ޖެހިޖެހިގެން ދުއްވަމުން ދިޔަ އެ ދެ ޓްރެެކްޓަރުގައި ތިބި ޒުވާނުން ކުރަމުން ދިޔަ ކަމަކީ ބިމުގައި ދޮގު ރޮނގު ރޮނގަށް ފަސްގަނޑު ޖެހުމެވެ. ޓްރެކްޓަރުތަކުގެ ފަހަތުގައި ތިބި ޒުވާނުން ކުރާ ކަމަކީ ފަސްގަނޑުޖެހެމުންދާ ތަންތަނަށް އޮށްތަކެއް އެޅުމެވެ. އެމީހުން ގަސް އިންދަމުން އެތާ ސަރަހައްދަކީ މީގެ 40 އަހަރު ކުރިއަށް ޖެހިލައިފި ނަމަ ކަނޑުގެ 80 ފޫޓު އަޑިއެވެ.

" އަވިދިނަސް ނުވަތަ ވާރޭ ވެހުނަސް، ހެކްޓަރެއްގައި އޮށް އަޅަން އަހަރެމެންނަށް އޮތީ ދެ ހަފުތާ. ފަހަކަށް އައިސް ވިއްސާރަ އަދި ފިނި. އެކަމަކު ލަނޑުދަނޑިއަށް ވާސިލު ނުވެވެނީސް އަހަރެމެންނެއް ނުދާނަން،" ބީބީސީއާ ވާހަކަ ދައްކަމުން އޭގެ ތެރެއިން އެކަކު ބުނެފައި ވެއެވެ.

އެމީހުން އިންދަމުން ދިޔައީ ސެކްޒޯލް ނަމަކަށް ކިޔާ ގަހުގެ އޮށެވެ. އެއީ މެދުތެރޭ އޭޝިއާގެ ސަހަރާތަކުގައި ހެދޭ ކުދި ގަހުގެ ބާވަތެކެވެ. އުޒްބެކިސްތާނުގައި އެ ގަސް މިހާރު ވެފައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ދިފާއުވުމުގެ ފުރަތަ ސަފަށެވެ.

" ރަނގަޅަށް ހެދިފައިވާ ސެކްޒޯލް ގަހެއްގެ މޫތަކުން 10 ޓަނުގެ ފަސް ހިމާޔަތްކޮށްދޭނެ،" ފޮރެސްޓޭޝަން ސްޕެޝަލިސްޓެއް ކަމަށްވާ އޮރަސްބޭ އަލަނަޒަރޯފް ވިދާޅުވެފައި ވެއެވެ.

އެގަސްތަކުން ކޮށްދޭނެ ކަމަކީ ހިކިފައިވާ ކަނޑު އަޑީގެ ބިންގަނޑުން ވަޔާއި އެކު ފަޒާގެ ތެރެއަށް ހިރަފުސް އެރުން ހުއްޓުވައިދިނުމެވެ. " އަރަލްސީ" ނަމަކަށް ކިޔާ ކަނޑުން ހިކިފައިވާ ތަނުގައި ގަސް އިންދަން ހިންގާ މި މަޝްރޫއުގައި އަމާޒު ހިފާފައި ވަނީ ހިކިފައިވާ ބައި ފުރެންދެން ގަސް އިންދުމަށެވެ.

ކުރިން މަސްވެރިކަމަށް ނުކުންނަ ކަނޑެއް

ސެކްޒޯލް ގަހުން ފުރައިލުމަށް މިހާރު މަސައްކަތް ކުރަމުން އެދާ ސަރަހައްދަށް ކުރިން މަހަށް ނުކުމެ އުޅުނު އެކަކީ މިހާރު އުމުރުން 78 އަހަރުވެފައިވާ އަލްމާސް ޓޮލްވަޝޭވް އެވެ.

" ކަރަކަލްޕަކް މީހުންގެ ތާރީހު ފެށިފައި ވަނީ ކަނޑާ ގުޅިގެން. ބަފައިން ދަރިންނަށް ދަސްކޮށްދޭ ފުރަތަމަ ކަމަކީ މަސްވެރިކަން،" ދަބަރަށް ގޮސް ހުސްވަމުންދާ ބޯޓަކާ ދިމާލަށް ހިނގަމުން ޓޮލްވަޝޭވް ބުނަމުން ދިޔައެވެ.

އޭނާގެ އުފަންރަށް މޮއިނަކް އަކީ އުޒްބެކިސްތާނުގައިވާ ވަކި ވަރަކަށް މިނިވަންކަން އޮންނަ ސަރަހައްދެއް ކަަމަށްވާ ކަރަކަލްޕަކްސްތާނުގެ މެދުތެރޭގައިވާ ރަށެކެވެ. އެރަށުގެ ރަން ޒަމާނުގައި އުޒްބެކިސްތާނަށް ބޭނި މަހުގެ 98 ޕަސެންޓަކީ އެރަށަށް ބޭނި މަހެވެ.

" އަހަރެންނަކީ މޮއިނަކްގެ ފުރަތަމަ މުސްލިމް ކެޕްޓަން. އަހަރެންގެ ބޯޓަށް ކިޔަނީ ދަ ވޮލްގާ. އާއްމުގޮތެއްގައި ކެޕްޓަންކަން ކުރަނީ ރަޝިޔާ ނަސްލުގެ މީހުން،" އޭނާ ފަހުރުވެރިކަމާ އެކު ބުނެލިއެވެ.

އަރަލްސީ ނަމަކަށް ކިޔާ މިކަނޑު ހިކެން ފެށީ ކަނޑަށް ފެން އަންނަ ދެކޯރުގެ ފެން އެހެން ދިމާލަކަށް ދާ ގޮތަށް ބަދަލުކުރުމުންނެވެ. ކޮޓަން ދަނޑުތަކަށް ފެންދޭން ފަސޭހަކުރަން އެކަން އެގޮތަށް ކުރީ ސޯވިއެޓް ޔޫނިއަން(މިހާރުުގެ ރަޝިޔާ) ސަރުކާރުންނެވެ.

އެފިޔަވަޅާ އެކު ކަނޑު ހިކޭ ކަމުގެ ޝަކުވާ އާއްމުން ކުރަން ފެށިއެވެ. ނަމަވެސް ސޯވިއެޓް ސަރުކާރުން އެކަން ގަބޫލެއް ނުކުރެއެވެ. އެހެންވެ، އެކަން ކަށަވަރުކޮށްދިނުމަށްޓަކައި އާއްމުން ދިޔައީ ރާޅުފެންފަށުގައި ފާހަގަތައް ލަމުންނެވެ. ފެންގަނޑު ހިނދެމުން ދިޔަ ވަރަކަށް ފެނުގައި ލޮނު އެކުލެވޭ މިންވަރު ދިޔައީ މަތިވަމުންނެވެ. އެންމެ ފަހުން ގޮސް ލޮނުގަދަވެ، ފެންގަނޑު އެކުގައި ވިހަވީއެވެ.

އަރަލްސީ ކުރިން އޮތް ސައިޒުގެ އެންމެ 10 ޕަސެންޓާ އެއްވަރަށް އެކަނޑު ވަނީ ހިކި ކުޑަވެފައެވެ. ގެއްލިގެން ދިޔައީ އަޔަލޭންޑާ އެއްވަރުގެ ލޮނުގަނޑެކެވެ. އެކަމުން ހަމަ އެކަނި އަސަރުކުރީ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަކަށް ނޫނެވެ.

" މިހާރު ކުރިން ހެނެއް ނޫން. ވައިފެން މިހާރު ގޯސް. މިހާރު މުޅި ވައިގައި އޮންނަނީ މި ހިރަފުސް،" ބޯމަތިން އަތް ހޫރަމުން ކެޕްޓަން ޓޮލްވަޝޭވް ބުންޏެވެ.

ދިރިއުޅުން ނުރައްކަލުގެ ތެރޭގައި

މޮއިނަކްގެ ހޮސްޕިޓަލުގައި މަސައްކަތް ކުރަން ޑރ. ޔުލްޑަޝްބޭ ޑޮސިމޯފް ވަޑައިގެންނެވި އިރު ވެސް އަރަލްސީގެ ރާޅުފެންފަށް ވަނީ އެރަށާ 12 މޭލު ފެޔަށް ޖެހިފައެވެ. އެއާ އެކު އެ ސަރަހައްދުގައި އާއްމުވި ސިއްހީ މައްސަލަތައް އޭނާގެ ހަނދާނުގައި އެބަހުއްޓެވެ.

" ނޭވާލާ ނިޒާމުގެ މައްސަލަތަކާއި ޓިއުބަކިއުލޯސިސް[ޓީވީ] އޮތީ އާއްމުވެފައި. ވަރަށް ފަހަކާ ޖެހެންދެން ވެސް ކުޑަކުދިން މަރުވަމުން ދިޔައީ ބޭރަށް ހިންގުން ޖެހިގެން،" އޭނާ ވިދާޅުވިއެވެ.

އުޒްބެކިސްތާނާއި ކަޒަކިސްތާނުގެ ކޮޓަން ދަނޑުތަކަށް އަޅަމުން ދިޔަ ޕެސްޓިސައިޑްތަކާއި ހާބިސައިޑްތައް ކޯރުތަކުންލާފައި ގޮސް ނިމޭނީ އަރަލްސީއަށް ކަން އެ މަސައްކަތް ކުރިއަރުވަން ފޫގަޅުއްވައިގެން ތިއްބެ ސޯވިއެޓް އޮފިޝަލުން ބައްލަވާކަށް ބޭނުންވެވަޑައެއް ނުގެންނެވިއެވެ. އޭރުގައި ކޯރުތަކަށް އެ ވިހަ މާއްދާތައް އެޅިގެން ފެންގަނޑު ދިޔައީ ތަޣައްޔަރުވަމުންނެވެ.

ކަނޑު ހިކި، އަޑީގެ ބިންގަނޑު ހާމަވުމުން އެކެމިކަލްތައް އޮތީ ވަޔާ ފެތުރޭނެހެން ހާމަޔަށެވެ. އޭގެ ފަހުން އައި ވެލީގެ ތޫފާންތަކުގައި އެތަކެތި ފެތުރިގަނެ، ވަޔާ އެކު މީހުންގެ ނޭވާލާ ނިޒާމަށް ދެމިގަތީއެވެ. އެއާ އެކު ސަރަހައްދުގެ މީހުންނަށް ސިއްހީ ގިނަ މައްސަލަތަކެއް އެއް ފަހަރާ ކުރިމަތިވިއެވެ. ހެދިބޮޑުވުމަށް ހުރަސް އެޅުމާއި ދަރިމައިނުވުމުގެ މައްސަލައެވެ. ފުއްޕާމޭގެ މައްސަލަތަކާއި ހިތުގެ މައްސަލަތަކެވެ. ކެންސަރުވެސް ވީ އިތުރެވެ.

ދިރާސާއަކުން އެނގިފައިވާ ގޮތުގައި 1981 ވަނަ އަހަރާއި 1991 ވަނަ އަހަރާ ދެމެދު އެ ސަރަހައްދުގައި ކެންސަރު ދެގުނައަށް އިތުރުވިއެވެ. އެހެން ދިރާސާއަކުން އެނގިފަައިވާ ގޮތުގައި ޅަފަތުގައި މަރުވާ ކުދިންގެ ނިސްބަތް ހާހަކުން 60ގައި ހުރެފައި 1990ގެ އަހަރުތަކުގައި އެ ނިސްބަތް ހާހަކުން 110 އަށް އިތުރުވިއެވެ. އެއީ އުޒްބެކިސްތާނުގެ އެހެން ސަރަހައްދުތަކާއި ރަޝިޔާގެ އެހެން ސަރަހައްދުތަކުގައި ކުދިން އޭރުގައި މަރުވާ ރޭޓަށް ވުރެ މާ މަތީ އަދަދެެކެވެ.

ދިގު މުއްދަތުގެ މަޝްރޫއެއް

ކަނޑު ހިކުމުން ފެންނަން އޮތް ވިހަ ބިންގަނޑުގައި ޖަންގައްޔެއް ހައްދަން އުޒްބެކިސްތާނުން ފަށާފައިވާ މަޝްރޫއު ކާމިޔާބުވާނެކަމަށް ލަފާކުރަނީ 150 އަހަރު ދުވަހުންނެވެ. މިހާރު ކުރިއަށްދާ މަޑު ދުވެލީގައި ވާނީ އެވަރެވެ.

ގަސް އިންދަމުން އަންނަނީ ކޮންމެ ދެގަހެއްގެ ދޭތެރޭގައި 10 މީޓަރުގެ ދުރުމިން ބަހައްޓައިގެންނެވެ. ގަސްތައް ހެދި ބޮޑުވެ، އޮށް އަޅަން ފެށުމުން އެ ދެމެދުގައި ވެސް ގަސް ހެދޭނެ ކަމަށް ބަލައިގެންނެވެ. މިހާރުވެސް ބައިމިލިއަން ހެކްޓަރުގައި ގަސް އިންދިއްޖެއެވެ. އެކަމަކު އަދި ތިން މިލިޔަން ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި އިންދަން ޖެހެއެވެ.

" އަހަރެމެންގެ މަސައްކަތް ލަސް. މަސައްކަތް އަވަސްކުރަން ޖެހޭ. އެކަމަކު މިކަމަށް އިތުރު ފައިސާ ބޭނުންވޭ. އިތުރު ފޮރިން އިންވެސްޓްމެންޓް ބޭނުންވޭ،" އަލަނަޒަރޯފް ބުނެފައި ވެއެވެ.