ދުނިޔެ

އީރާން، ރަޝިއާ ޖައްވީ އެއްބާރުލުން އިޒްރޭލަށް ބިރެއް

ރަޝިއާ އާއީ އީރާން ޖައްވީ އެއްބާރުލުން މިހާރު އޮތީ އިޒްރޭލު ބިރުގަންނަ ހިސާބުގައި ކަމަށް ބުނެފި އެވެ.

އިޒްރޭލުން މިހެން ބުނިއިރު، ރަޝިއާގެ ސޮޔުޒް ރޮކެޓެއްގައި އީރާންގެ ސެޓެލައިޓެއް ކާމިޔާބުކަމާ އެކު ވަނީ އޯބިޓަށް ގެންގޮސްފަ އެވެ.

އިޒްރޭލުގެ އޮފިޝަލަކާ ހަވާލާދީ ޖެރުސެލަމް ޕޯސްޓްގައި ލިޔެފައިވާ ގޮތުން އީރާނުން ޖައްވަށް ފޮނުވާ ސެޓެލައިޓްތަކުގެ އެހީގައި، އީރާނުން ހިންގާ ބެލިސްޓިމް މިސައިލް ޕްރޮގްރާމް ފުޅާކޮށް ބާރުގަދަ ކުރާނެ އެވެ.

އީރާނާ ހެދި އިޒްރޭލަށް އޮތް ބިރަކީ އިރާނުގެ ނިއުކްލިއާ ޕްރޮގްރާމެވެ. އަދި ބައްރުތައް ހުރަސްކޮށް ދުރު ރާސްތާއަށް ދަތުރުކުރެވޭ ފެންވަރަށް އީރާނުން ބެލިސްޓިމް މިސައިލް ވަރުގަަދަ ކުރުމަކީވެސް އިޒްރޭލަށް އޮތް ވަރަށް ބޮޑު ކަންބޮޑު ވުމެކެވެ.

އިޒްރޭލުގެ އޮފިޝަލް ވިދާޅުވި ގޮތުގައި ރަޝިއާގެ އެހީތެރިކަމާ އެކު ޖާސޫސްކުރުމުގެ ކުޅަދާނަކަން އިރާނުން ގާއިމުކުރާނެ އެވެ. އަދި އެއީ އިޒްރޭލުގެ ޖާސޫސީ އިދާރާގެ ބާރު ދަށްވެގެން ދާނެ ކަމެއް ކަމަށްވެސް އޮފިޝަލް ވިދާޅުވި އެވެ.

ޚަބަރުތައް ބުނާ ގޮތުން އީރާންގެ ސެޓެލައިޓް އޯބިޓަށް ވަދެ މިހާރު ވަނީ ހަމަޖެހިލާފަ އެވެ. ސެޓެލައިޓް ކާމިޔާބު ކަމާއެކު އޯބިޓުގައި އެނބުރެން ފެށުމުގެ ކުރިން ބިމަށް ފޮނުވާ ސިގްނަލް -- ސެޓެލައިޓް އޮތް އޯބިޓާއި، ތަން އަދި އުސްމިން ފަދަ އަސާސީ މައުލޫމާތު ލިބިފައިވާ ކަމަށް އީރާންގެ ޖައްވީ އިދާރާއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

އީރާން ބުނާ ގޮތުން "ޚައްޔާމް"ގެ ނަމުން ނަންދީފައިވާ ސެޓެލައިޓަކީ ހުޅަނގުން ތުހުމަތުކުރާ ކަހަލަ ބޭނުމަކު ފޮނުވި ސެޓެލައިޓެއް ނޫން ކަމަށެވެ.

އެމެރިކާގެ މި ތުހުމަތަށް ރައްދު ދެމުން އިރާނުން ބުނީ ސެޓެލައިޓަކީ ސައިންޓިފިކް ސެޓެލައިޓެއް ކަމަށެވެ. އަދި ބުނީ ސެޓެލައިޓުގެ ބޭނުމަކީ ތިމާވެއްޓަށް އަންނަ ބަދަލުތައް ދެނެގަތުމާއި ޖައްވުގައި ރޭޑިއޭޝަން ހުރި ވަރު ބެލުން އަދި ދަނޑުގޮވާން ކުރުމާ ބެހޭ ހޯދުންތަކަށް ޚާއްސަ ސެޓެލައިޓެއް ކަމަށެވެ.