ދުނިޔެ

ޕޫޓިންއަށް ޖޯން ކެރީގެ މޫސުމާ ބެހޭ ފޯނުކޯލެއް

ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިންއާ ޖޯން ކެރީ މޫސުމީ ބަދަލުތަކާބެހޭ ގޮތުން ފޯނުން މަޝްވަރާ ކުރައްވައިފި އެވެ. ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިންއިން ބުނި ގޮތުން މޫސުމީ ނުރަނގަޅު ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތައް ކުޑަ ކުރެވެން ހުރި ގޮތްތަކާ މެދު ދެ ބޭފުޅުން ވާހަކަދެއްކެވި އެވެ.

ޖޯން ކެރީ އަކީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ކްލައިމެޓް އެމްބެސެޑަރެވެ. އޭނާއަށް އޮންނަ މަސައްކަތަކީ މޫސުމަށް ކުރާ ނުރަނގަޅު އަސަރުތަކާ ބެހޭ ގޮތުން އެކުވެރި އަދި ސިޔާސަތު ހިއްސާކުރާ ގައުމުތަކުގެ މެދުގައި މޫސުމާ ބެހޭ ގޮތުން އެކައްޗެއް ކިޔުއްވުނެވެ.

މޫސުމާ ބެހޭ ގޮތުން އެމެރިކާއިން އެކުލަވާލ،ާ ސިޔާސަތު ދުނިޔޭގައި ތަންފީޒް ކުރުވުމަކީ ވެސް ޖޯން ކެރީއަށް އޮތް ޒިންމާ އެކެވެ. ދުނިޔޭގައި ދަތުރު ކުރައްވައި މޫސުމީ ބަދަލުތަކަށް އާންމުން ހޭލުންތެރި ކުރުމަށް ގައުމުތަކަށް ބާރު އެޅުއްވުމަކީ ވެސް ކްލައިމެޓް އެމްބެސެޑަރަށް ހަވާލު ކުރައްވާފައި އޮންނަ މަސައްކަތެކެވެ.

އެމެރިކާއާ ރަޝިއާ ސިޔާސީ ގޮތުން ފައިސާ ފޮއްޗެއްގެ ދެފުށަށް ވެފައި އޮތްއިރު އެއްގަލަކަށް އެރިދާނެހެން ހީވާ ހަމައެކަނި މައުލޫއަކީ މޫސުމެވެ. އެމެރިކާއިން ބުނާ ގޮތުން ރަޝިއާގެ އެހީތެރިކަމާ ނުލައި މޫސުމީ ބަދަލުތަކަށް ލުޔެއް ނުލިބޭނެ އެވެ.

ޕޫޓިން ވިދާޅުވި ކަމަށް ކްރެމްލިންއިން ބުނީ ރަޝިއާއިން އެމެރިކާއާ ބައިވެރިވުމުގައި އޮތް އެދުމަކީ ކޮންމެ ކަމެއް ސިޔާސީ ނުކުރުން ކަމަށެވެ. ދުނިޔޭގެ މަސްލަހަތަށް އަދި އާންމު އާބާދީގެ ހިމާޔަތުގައި ކުރެވޭ ކޮންމެ ކަމެއްގައި ރަޝިއާ އެއްބާރުލުން އޮންނާނެ ކަމަށް ކެރީއަށް ދެންނެވި ކަމަށް ވެސް ރިޔާސީ ގަނޑުވަރުން ބުންޏެވެ.

ޖޯން ކެރީ މިދާކަށް ދުވަހު ރަޝިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފްއާ ބައްދަލު ކުރެއްވި އެވެ. ދެބޭފުޅުން ދެއްކެވި ވާހަކައް އަމާޒު ކުރެއްވީ ތަރައްގީވެފައިވާ ގައުމުތަކުން މޫސުމަށް އަޅާލުމާ ބެހޭ ގޮތުންނެވެ. ޖައްވަށް އަރައިގެންދޭ ވިހަ ގޭސްތައް ކޮންޓްރޯލް ކުރުމުގައި ކޮންމެ ގައުމަކުން ވެސް ޒިންމާ އަދާކުރުމާ ބެހޭ ގޮތުންނެވެ.