ފިނިޕޭޖް

ޕްރިންސް ޗާމިންއަށް އަޑުއެޅި މީހާ މަރުވެއްޖެ

ފަންސާހުގެ އަހަރުތަކުން ފެށިގެން ހޮލީވުޑްގެ ސައިންސް ފިކްޝަން ފިލްމުތަކުން ފެނިގެންދިޔަ އެކްޓަރު އަދި 1950 ގައި ނިކުތް މަޝްހޫރުވި ޑިޒްނީގެ ކާޓޫން "ސިންދުރެއްލާ" ގައި އުޅޭ ޕްރިންސް ޗާމިންއަށް އަޑުއެޅި ވިލިއަމް އެޑްވާޑް ފިޕްސް މަރުވެއްޖެ އެވެ. މަރުވިއިރު އޭނާގެ އުމުރަކީ 96 އަހަރެވެ.

ވިލިއަމް މަރުވީ ފުއްޕާމޭގެ ކެންސަރަށް ފަރުވާކުރަމުން އަންނަނިކޮށެވެ. އެނާ މަރުވީ ކެލިފޯނިއާގެ މެޑިކަލް ސެންޓަރެއްގައި އެޓްމިޓުކޮށްފައި އޮއްވަ އެވެ. މި މަހު އެކެއްގައި އޭނާ މަރުވި ނަމަވެސް މަރުވިކަން ހާމަކޮށްފައި ވަނީ އިއްޔެ އެވެ.

އެކައުންޓިންގެ ދާއިރާއިން ކިޔެވި ވިލިއަމް އެކްޓިންގެ ދާއިރާގައި ފުރަތަމަ މަސައްކަތްކުރީ ހޮބީއެއްގެ ގޮތުގަ އެވެ. ނަމަވެސް 1941 ވަނަ އަހަރު ކިޔެވުން މެދުކަނޑާލުމަށްފަހު ހޮލީވުޑަށް ގޮސް އެކްޓިންގެ ދާއިރާއިން ކުރިއަށް ދިއުމަށް އޭނާ ދެކުނު ހުވަފެން ހަގީގަތަކަށް ހެދުމަށް މަސައްކަތް ފެށި އެވެ.

ހޮލީވުޑަށް ދިޔަތާއި މާ ގިނަ ދުވަސްތަކެއް ނުވެ އުޅެނިކޮށް އޭނާއަށް އެމެރިކާގެ ކަނޑުމަތީ ސިފައިންގެ ނަވުގައި މަސައްކަތްކުރަންޖެހުނެވެ. ނަވުގައި މަސައްކަތްކުރަންޖެހުނީ އޭނާގެ ބޭބެ ޖެކް އެ ހިދުމަތުގައި ހުއްޓާ ބަޑިޖަހައި މަރާލުމުންނެވެ. އެއީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެވެ.

ތިން އަހަރުވަންދެން ނަވުގައި ރޭޑިއޯމޭންއެއްގެ ގޮތުގައި މަސައްކަތްކުރުމަށްފަހު އޭނާ އެނބުރި ހޮލީވުޑަށް އައިސް އެކްޓާސް ލެބްއަށް ވަނެވެ. އެކްޓާސް ލެބްއަކީ ފިލްމީ ދާއިރާގެ ތަފާތު މަސައްކަތްތަކުން ކުރިއަށްދާ ބޭނުންވާ މީހުނަށް ކިޔަވައިދިނުމަށް ހިންގި ސުކޫލެކެވެ.

"ސިންދުރެއްލާ" ކާޓޫންގެ ޕްރިންސް ޗާމިންއަށް އަޑުއަޅަން ލިބުނީ 1949 ގަ އެވެ. ޕްރިންސް ޗާމިންއަށް އަޑު އެޅުމަށް އޭނާ ހޭދަކުރީ އެއްދުވަހެއްގެ މެންދުރުފަހު ދެ ގަޑިއިރެވެ. އެ ކެރެކްޓާއަށް އަޑުއެޅުމަށް ވިލިއަމް އޮޑިޝަންކުރިއިރު ޑިޒްނީގެ ބާނީ ވޯލްޓް ޑިޒްނީވެސް އަޑުއަހަން ހުއްޓެވެ. މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ވިލިއަމް ބުނީ އެ ކެރެކްޓާއަށް އޭނާ އަޑު އެޅީ އެންމެ 100 ޑޮލަރަށް ކަމަށެވެ.

ވިލިއަމް އެއްވެސް މީހަކާއި އިނދެފައެއް ނުވެ އެވެ. އަދި ލޯބީގެ ގޮތުން އެއްވެސް މީހަކާއި ގުޅިގެން އުޅުންކަންވެސް އިނގޭކަށް ނެތެވެ.