ހަބަރު

ގިނަ ޑްރަގާ އެކު އިންޑިއާއިން ތިން ދިވެއްސަކު އަތުލައިގެންފި

Jun 5, 2018
18

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ އިންޑިއާގެ ޓްރެވިންޑްރަމް އިން ގިނަ އަދަދެއްގެ ޑްރަގާ އެކު ތިން ދިވެއްސަކު ހައްޔަރުކޮށްފި އެވެ.

އިންޑިއާގެ ނޫސްތަކުން ބުނީ، ކެރެލާ ފުލުހުންގެ ނާކޮޓިކްސް ސްޕެޝަން އެކްޝަން ފޯސް ޑިވިޝަނުން ހިންގި އޮޕަރޭޝަނެއްގައި 17 ކިލޯގެ ހަޝިސް އޮއިލްއާ އެކު ހައްޔަރުކޮށްފައިވާ ދިވެހިންނަކީ، 27އ، ޝާނީޒް މަހީރު އާއި 24 އ. ގެ އައިމަން އަހުމަދު އަދި 29އ. އިބްރާހިމް ފައިޒާން ސޯލިހު ކަމަށެވެ. އެ މީހުންގެ އަތުން ފެނުނު ހަޝިސް އޮއިލްގެ އަގު، ހަތް ލައްކަ ޑޮލަރަށް ވުރެ މަތިވާނެ ކަމަށް ވެސް ކެރެލާ ފުލުހުންނާ ހަވާލާދީ ނޫސްތަކުގައިވެ އެވެ.

މީގެ އިތުރުން ނޫސްތަކުން ބުނީ، އެ އޮޕަރޭޝަންގައި ހައްޔަރުކުރި 27އ ގެ ޝާނީޒް މަހީރު އަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ އެކި ތުހުމަތުތަކުގައި ދުނިޔޭގެ އެކި ގައުމުތަކުން ހޯދަމުން އަންނަ ފަރާތެއް ކަމަށާއި ދުނިޔޭގައި ޑްރަގް ޓްރެފިކް ކުރާ ގިނަ ނެޓްވޯކްތަކާ އޭނާއާ ގުޅުންވާ ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި އޭނާ އަކީ ރާއްޖޭގައި ޑްރަގްގެ ވިޔަފާރީގެ ބޮޑެއްކަން ވެސް ކެރެލާ ފުލުހުން ފާހަގަކޮށްފައިވެ އެވެ.

ކެރެލާ ފުލުހުން ބުނެފައި ވަނީ އެ ތިން ދިވެހިން ހައްޔަރު ކުރީ، ޓްރެވިންޑްރަމްގެ ޗާލާ ބާޒާރުން 32 ޕެކެޓްގެ ކައްކާ ތެޔޮ ގަނެގެން އައިސް އެ މީހުން ތިބި ފަސްތަރީގެ ހޮޓަލްގެ ކޮޓަރީގައި އެ ޕެކެޓްތައް ހުސްކޮށްލުމަށް ފަހު އޭގެ ތެރެއަށް ހަޝިސް އޮއިލް އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ. ކެރެލާ ފުލުހުން ތުހުމަތު ކުރަނީ އެ ޑްރަގުތަކަކީ ވައިގެ މަގުން ނޫނީ ކަނޑުމަގުން ރާއްޖެ އާއި އެހެން އަވަށްޓެރި ގައުމުތަކަށް ފޮނުވަން ތައްޔާރު ކުރަމުން ދިޔަ ތަކެތި ކަމަށެވެ.

ނޫސްތަކުން ބުނީ، ފެނުނު ޑްރަގަގީ ވަރަށް ކޮލިޓީ ރަނގަޅު ތަކެތި ކަމަށާއި އެ ޑްރަގްތައް އިންޑިއާއަށް އެތެރެ ކުރި ގޮތެއް މިހާރު ބަލަން ފަށާފައިވާ ކަމަށެވެ. މި ފަހަކަށް އައިސް ޓްރެވިންޑްރަމް އަކީ ޑްރަގް ޓްރެފިކް ކުރުމުގެ މައި ހަބަކަށް ވަމުން އަންނަކަން އިންޑިއާގެ ނޫސްތަކުން ވަނީ ފާހަގަކޮށްފަ އެވެ.

މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އަވަށްޓެރި ސްރީލަންކާއިން ވެސް ތިން ދިވެއްސަކު ވަނީ ގިނަ އަދަދެއްގެ ޑްރަގާ އެކު އަތުލައިގެންފަ އެވެ. އޭގެ ތެރެއިން އެކަކު އަތުލައިގަތީ ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަނޭޝަނަލް އެއާޕޯޓަށް އޭނާ ދިޔަތަނުން ކަސްޓަމްސް އިން އޭނާގެ ތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި އޭގެއިން ގިނަ އަދަދެއްގެ ޑްރަގް ފެނިގެން އެވެ.