ހަބަރު

މާލޭގެ މަގުތަކުގައި ޑަސްބިން ބަހައްޓަން ފަށައިފި

Jun 5, 2018
15

އެންވާރަމެންޓް މިނިސްޓްރީން އިސްނަގައިގެން މާލޭގެ މަގުތަކުގައި ހާއްސަ ފަރުމާއެއްގެ ޑަސްބިންތަކެއް ބެހެއްޓުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ތިމާވެށީގެ ދުވަހާ ދިމާކޮށް މިނިސްޓްރީން މިއަދު ވަނީ ޗާންދަނީ މަގުގެ ތިން ސަރަހައްދެއްގައި ޑަސްބިން ބަހައްޓާފަ އެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއަކީ މާލޭގެ މަގުތަކަށް ކުނި އެޅުމާއި، ގޯޅި ކަންމަތިތަކުގައްޔާއި މަގުތަކުގެ އެކި ދިމަދިމާލުގައި ކުނި އެއްކޮށް ޖަމާކޮށްފައިހުރުމާއި، މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކާއި ދިމާވަމުންދާ ސިއްހީ މައްސަލަތައް ހައްލުކުރުމަށް ތައާރަފްކުރި މަޝްރޫއުއެއް ކަމަށެވެ.

މި މަސައްކަތުގެ ދަށުން މާލޭގެ މަގުތަކުގައި ބަހައްޓާނީ ހާއްސަކޮށް ފަރުމާކޮށްފައިވާ ޑަސްބިންތަކެއް ކަމަށާއި ޑަސްބިންތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދުވާރުގެ ބޭރު ކައިރީގައި ކާނުގަނޑަށް ނާރާގޮތަށް ހޮޅިދަނޑިއެއް ހަރުކުރެވި އެހޮޅިދަނޑީގައި ޑަސްބިން ހަރުކުރެވިފައި ހުންނަ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ.

ޑަސްބިން ހަރުކުރެވޭ ހޮޅިދަނޑި ހުންނާނީ ދުވާރު ބޭނުންކުރާ ފަރާތްތަކަށައި އަދި ސައިކަލު ޕާކު ކުރާ ފަރާތްތަކަށް ދަތިނުވާނެހެން ބިމުން މައްޗަށް އުފުލިފައެވެ. މި މަޝްރޫއުގެ ދަށުން މާލޭގެ އެކި ހިސާބުތަކުގައި ޑަސްބިން ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި މި ޑަސްބިންތައް ހަރުކުރެވިފައި ހުންނަ ހޮޅިދަނޑިތަކުގައި އިޝްތިހާރު ހަރުކުރުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނީ މަގުތަކުގައި ބަހައްޓާ ޑަސްބިންތަކުން ގަވައިދުން ކުނި ހުސްކުރުމާއި އުކާލުމުގެ އެންމެހާ ޒިންމާތައް ވެމްކޯގެ ސީއެސްއާރް ދަށުން ކޮށްދިނުމަށް އެކުންފުނިންވަނީ ނިންމާފައިވާ ކަމަށެވެ.

މާލޭގެ މަގުތަކުގައި މީގެ ކުރިން ޑަސްބިންތައް ބަހައްޓައިގެން ދިމާވި ގޮންޖެހުންތައް ކުރިމަތިވިޔަ ނުދިނުމަށްޓަކައި މި މަޝްރޫއު ފެށުމަށް ހަމަޖެހިފައިވަނީ އަޖުމަބެލުމުގެ ޕްރޮގްރާމެއްގެ ގޮތުގަ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.