ހަބަރު

ޔުނިޓީގެ ރާއްޖޭގެ ޕާޓްނަރަކަށް ޕްރޯޑިޒައިނާސް ހަމަޖައްސައިފި

ތަފާތު ވައްތަރުތަކުގެ ގޭމް އުފެއްދުމަށް ބޭނުންކުރާ ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޕްލެޓްފޯމް ކަމަށްވާ ޔުނިޓީގެ ރާއްޖޭގެ ޕާޓްނަރަކަށް ޕްރޯޑިޒައިނާސް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޕްރޯޑިޒައިންސްއަކީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮމްޕިއުޓާ ޓެކްނޮލޮޖީ އާއި ގްރެފިކްސްގެ މަސައްކަތް ކުރަމުން އަންނަ ދިވެހި އަމިއްލަ ކުންފުންޏެކެވެ. ޔުނިޓީއާއެކު އެކުލަވާލި މި އެއްބަސްވުމާއެކު ރާއްޖޭގެ މިހާރު ހަމައެކަނި އޮތޮރައިޒްޑް ޔުނިޓީގެ ޓްރެއިނިންގް ޕާޓްނަރަކީ އަދި ޓްރެއިނިންގް ސެންޓަރަކީ ޕްރޯޑިޒައިންސް އެވެ.

މި އެއްބަސްވުމުގެ ދަށުން ޕްރޯޑިޒައިނަސްގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަކީ ޔުނިޓީގެ ސެޓިފައިޑް ޓްރެއިނަރުންނަށް ވެގެންދާނެ އެވެ. ދެ ކުންފުނި ގުޅިގެން ތަފާތު ޕްރޮޖެކްޓުތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ އެއްބަސްވުމުގެ ދަށުން ނިންމާފަ އެވެ. އެގޮތުން ރާއްޖޭގެ އެކި ސަހަރައްދުތަކަށް ގޮސް ޔުނިޓީގެ ބޭނުންކޮށްގެން ގޭމް ހަދާނެ ގޮތް ދަސްކޮށްދިނުމާއި މާލޭގައި އާންމުންނަށް ހުޅުވާލައިގެން ތަފާތު ޓްރެއިނިންގް ޕްރޮގުރާމްތައް ހިންގުމަށް ރާވާފައިވެ އެވެ.

ޕްރޯޑިޒައިންސް އިން މިހާރުވެސް އަންނަނީ ގޭމް ޑިވެލޮޕްކުރުމާއި، އޭއާރު (އޮގްމެންޓެޑް ރިއަލިޓީ) އެޕްތައް ހެދުމާއި، ވެބް ޑިވެލޮޕްކުރުމާއި، ޑިޒައިންކުރުމާއި، އަދި އެނިމޭޝަންގެ މަސައްކަތްތައް ރާއްޖެއާއި، ރާއްޖެއިން ބޭރުގައިވެސް ހިންގަމުންނެވެ.

އެ ކުންފުނިން އެންމެ ކާމިޔާބުކަމާއެކު ނިންމާފައިވާ ބައެއް ޕްރޮޖެކްޓަކުގެ ތެރޭގައި، ޑެންމާކުގެ "މާސް އެކްސްޕްލޮރޭޝަން" މައުރަޒުގެ ޕްރޮޖެކްޓާއި، ލައިން އެންޑް ޔޯ ގެ ވެބްސައިޓާއި، ހޮލޯގޯއާއި، ޓީޗިން ޓިއުބާއި، ދަމާސް ވަން އެވެނިއު އަދި ސީ ލައިފްގެ އެޕާޓްމަންޓް ކޮމްޕްލެކްސްތަކުގެ 3ޑީ ޕްރޮޖެކްޓް ގުނާލެވެ އެވެ.

ޔުނިޓީއަކީ 2004 ވަނަ އަހަރު ޑެންމާކުގައި އުފެއްދި ކުންފުންޏެކެވެ. އެމެރިކާގެ ސެން ފްރެސިސްކޯގައި މައި އޮފީސް ހުންނަ މި ކުންފުންޏަކީ މަޝްހޫރު ޕޮކޮމޮން ގޯ އާއި، ޓެމްޕްލް ރަން ޓްރިލޮޖީއާއި، އެސަސިންސް ކްރީޑް: އައިޑެންޓިޓީއާއި، މޮނިއުމެންޓް ވެލީ ފަދަ ގޭމްތައް އުފެއްދި ކުންފުންޏެވެ. މި ކުންފުނިން އުފައްދާފައިވާ ގޭމް ބޭނުންކުރާ މީހުންގެ އަދަދު 2.4 ބިލިއަނަށް އަރަ އެވެ.