ލައިފްސްޓައިލް

ނަރްގިސްއާއި ރާޖްކުމާރްގެ "ފައިވް ވެޑިންސް" ސެޕްޓެމްބަރުގައި

"ފައިވް ވެޑިންސް" ގެ ޓްރެއިލާ.

ރާޖްކުމާރް ރާއޯ މަޝްހޫރުވެފައި ވަނީ ކޮންމެ ރޯލެއްވެސް ކުޅެލެވިދާނެ ކުޅަދާނަ އެކްޓަރެއްގެ ގޮތުގަ އެވެ. މިފަހުން ނިކުތް އޭނާގެ ހުރިހާ ފިލްމުތަކެވެސް ކާމިޔާބެވެ. ކާމިޔާބު ނުވި ފިލްމުތަކުގައިވެސް އޭނާ ދައްކާފައިވާ އެކްޓިންނަށް ތައުރީފު އޮހިގެންދިޔަ އެވެ. ކާމިޔާބު ނުވި ފިލްމުތައްވެސް ކާމިޔާބު ނުވެފައި ހުރީ ފައިސާގެ ގޮތުންނެވެ. އެ ފިލްމުތަކަށް ކްރިޓިކުން ތައުރީފުކޮށްފައިވެ އެވެ.

ރާޖްކުމާރްގެ އާ ފިލްމެއްގެ ޓްރެއިލާ މިހާރު ވަނީ އާންމުކޮށްފަ އެވެ. އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު "ފައިވް ވެޑިންސް" އެވެ. މިއަހަރުގެ ކާންސް ފިލްމު ފެސްޓިވަލުގައި ދައްކާފައިވާ މި ފިލްމުގައި އޭނާއާއެކު ލީޑުން ފެނިގެންދަނީ ނަރްގިސް ފަޚްރީ އެވެ. އަންނަ ސެޕްޓެމްބަރު މަހު 21 ގައި މި ފިލްމު އާންމުކޮށް ރިލީޒްކުރުމަށް މިހާރު ވަނީ ނިންމާފަ އެވެ.

މި ފިލްމުގައި ނަރްގިސް ކުޅެނީ އެމެރިކާއިން އިންޑިއާއަށް ދާ އިންވެސްޓިގޭޓީވް ޖާނަލިސްޓެއްގެ ރޯލެވެ. އިންޑިއާއަށް ދަނީ އޭނާ މަސައްކަތްކުރާ މެގަޒިންނަށް ލިޔާ ލިޔުމަކަށް މައުލޫމާތު އެއްކުރުމަށް ކަމަށް ބުނެ އެވެ.

އޭނާ ލިޔުމެއް ލިޔަނީ އިންޑިއާގައި ކައިވެނީގެ ހަފްލާތައް އޮންނަ ގޮތާއި ބެހޭގޮތުން ކަމަށް ފުރަތަމަ ބުނި ނަމަވެސް ފަހުން އިނގޭ ގޮތުގައި އޭނާގެ އަސްލު މަގުސަދަކީ އިންޑިއާގެ ކައިވެނީގެ ހަފްލާތަކުގައި ނަށާ އުޅޭ ޓްރާންސްޖެންޑާ މީހުންގެ މައުލޫމާތުތައް އެއްކޮށް ރިޕޯޓެއް ތައްޔާރުކުރުމެވެ.

ނަރްގިސް އިންޑިއާއަށް ދިއުމުން އޭނާއަށް އެހީތެރިވުމުށް ހަމަޖައްސާފައި ފުލުސް މީހާގެ ރޯލު ކުޅެނީ ރާޖްކުމާރް އެވެ. އެ ސަކަރާތުގެ ތެރެއިން އެ ދެމީހުންގެ މެދުގައި ހާއްސަ ގުޅުމެއްވެސް އުފެދެ އެވެ. ނަމަވެސް ރާޖްކުމާރްއަށް ނަރްޖިސްގެ އަސްލު މަގުސަދު އިނގުމުން މަންޒަރު ބަދަލުވެ އެވެ.

ނަމްރަތާ ސިންހު ގުޖްރާލް ޑައިރެކްޓުކޮށްފައިވާ މި ފިލްމުގައި ގޯލްޑެން ގްލޯބް އެވޯޑަށް ނޮމިނޭޓުވި އެކްޓްރެސް ބޯ ޑިރެކް އާއި އެކަޑެމީ އެވޯޑަށް ނޮމިނޭޓުވި އެކްޓްރެސް ކޭންޑީ ކްލާކްވެސް ފެނިގެންދެ އެވެ.