ފިނިޕޭޖް

އޮސްކާ ރޭހުގައި އިންސާނަކާއި ބޯވައެއްގެ ލޯބީގެ ވާހަކަ

ޕެޓްގެ ގޮތުގައި ގެންގުޅޭ އެކި ކަހަލަ ޖަނަވާރުންނާއި އިންސާނުންގެ ގުޅުމަކީ އާދަޔާހިލާފު ގުޅުމެކެވެ. ނަމަވެސް ކަނޑުގައި އުޅޭ ބޯވަޔަކާއި އިންސާނެއްގެ އޮތް ހަގީގީ އެކުވެރިކަމުގެ ވާހަކަ އަޑު އިވިފައި ވާނީ އަދި ފެނިފައިވާނީ މަދު ބަޔަކަށެވެ.

އަންނަ އާދީއްތަ ދުވަހު ބާއްވާ މި އަހަރުގެ އޮސްކާ އެވޯޑު ހަފުލާގައި ބެސްޓް ޑޮކިއުމެންޓްރީއަށް ނޮމިނޭޓްވެފައިވާ އެއް ފިލްމަކީ އިންސާނަކާއި ބޯވައެއްގެ އޮތް އާދަޔާޚިލާފު އެކުވެރިކަމުގެ ވާހަކަ "މައި އޮކްޓޮޕަސް ޓީޗާ" އެވެ. މި އިންސާނަކީ ޑައިވަރެކެވެ. އޭނާގެ އެކުވެރި ބޯވައަކީ ލައިފް ކޯޗެއްގެ ގޮތުގައި ކަނޑުގެ އަޑި އެ އިންސާނާއަށް ދަސްކޮށްދިން މަޚްލޫގެވެ. މި ޑޮކިއުމެންޓްރީ އުފެއްދުމަށް 10 އަހަރު ދުވަސް ހޭދަވެފައި ވެއެވެ.

ސައުތު އެފްރިކާގެ ފިލްމް އުފެއްދުންތެރިޔާ ކްރެއިގް ފޮސްޓާގެ "މައި އޮކްޓޮޕަސް ޓީޗާ" ގެ މަސައްކަތް ފުރަތަމަ އޭނާ ފެށީ ކޭޕް ޓައުންގެ ކައިރީގައިވާ ތަނަކަށް ފްރީ-ޑައިވިން އަށް ގޮސް އުޅުމުގެ ތެރޭގަ އެވެ. މިގޮތަށް ޑައިވްކުރުމުގެ ތެރޭގައި އޭނާއަށް އަންހެން ބޯވައަކާ ބައްދަލުވި އެވެ. ބޯވަ އުޅޭ ގޮތް އޮބްޒާވްކުރަމުން ގުދުރަތީ އަޖައިބުތައް ބަލަމުން އޭނާ މި މަންޒަރުތައް ފުރަތަމައިނުން ވީޑިއޯ ކުރަން ފެށީ އަމިއްލަ ވީޑިއޯ ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ.

"މައި އޮކްޓަޕަސް ޓީޗާ" އޮފިޝަލް ޓްރެއިލާ

ކަނޑުއަޑީގައިވާ އަލްގީ ފާޑުގެ ވިނަތަކުގެ ޖަންގަލި ތެރޭގައި އެސޮރު އުޅޭ ސިއްރު ދިރިއުޅުން އެ ބޯވަ އޭނާގެ އެކުވެރި އިންސާނާ އާ ކޮންމެ ދުވަހަކު ހިއްސާ ކުރި އެވެ. މިގޮތަށް އަހަރެއްހާ ދުވަހު ހަމަ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ބޯވައިގެ ދިރިއުޅުން ފޮސްޓާ ވީޑިއޯ ކުރަމުން ދިޔައެވެ. އަދި މި މުއްދަތުގެ ތެރޭގައި ބޯވަ އާއި ފޮސްޓާގެ މެދުގައި ގާތް ގުޅުމެއް އުފެދުނެވެ. ނަމަވެސް އެ ގުޅުން ދެމިއޮތީ އެންމެ އަހަރަކު އެވެ. ގުޅުމަށް އަހަރެއް ވީތަނާ ބޯވަ މަރުވީ އެވެ. ބިސް އެޅިފަހުން އެ ސޮރަށް ދިމާވި މައްސަލަ ތަކަކާ ހުރެ އެވެ.

ހަޔާތުގެ ނާޒުކު ކަމާއި އަހަރެމެންނާއި ގުދުރަތީ ކަންކަމާ އޮތް ގުޅުން އޭނާއަށް ވިސްނުނީ ބޯވަ އާއި އޭނާގެ މެދުގައި އުފެދުނު ގާތް ގުޅުމުގެ ސަބަބުން ކަމަށް ފޮސްޓާ ބުންޏެވެ. އެ ގުޅުމުގެ ސަބަބުން ރަނގަޅު ބައްޕައަކަށް ވުމަށް ވެސް އޭނާއަށް އެހީތެރިކަން ލިބުނު ކަމަށް ފޮސްޓާ ދެކެ އެވެ.

"އެންމެ އަޖައިބު ކަމަކީ އެ ސޮރުމެންނާ އޮންނަ ގުޅުން ގާތްވާ ވަރަކަށް އެ ސޮރުމެންނާއި އަހަރެމެންގެ އެއްގޮތް ވަރަށް ގިނަ ކަންކަން ހުންނަ ކަމުގެ އިހްސާސް ކުރެވޭ. އެހެންވެ އަހަރެންގެ ހަޔާތަށް އެކަމުން ހީވެސް ނުކުރާ ކަހަލަ ބަދަލުތަކެއް އައި. އަހަރެންނަށް އެކަންކަން ދަސްކުރެވުނީ އޭނާ (ބޯވަ)އާއެކު ކަނޑު އަޑީގައި ހޭދަ ކުރެވުނު ދުވަސްތަކުގައި،" ފޮސްޓާ ބުންޏެވެ.

އެކުވެރި ބޯވަ މަރުވުމުގެ ހިތާމަ އަދިވެސް ފޮސްޓާ ކުރެ އެވެ. ބޯވަ އާއެކު އޭނާ ހޭދަކުރި އަހަރެއްހާ ދުވަހު ވީޑިއޯކޮށްފައިވާ 3000 ގަޑިއިރުގެ ފުޓޭޖް ފޮސްޓާގެ އަތުގައި ހުއްޓެވެ. މި މަންޒަރުތައް އޭނާ ފަދައިން ޑައިވްކޮށް އުޅޭ ޑައިރެކްޓަރެއް ކަމަށްވާ ޕިޕާ އެހްރްލިޗް އަށް އޭނާ ދެއްކި އެވެ. މި ޑޮކިއުމެންޓްރީ ފުރިހަމަކުރަން ބޭނުންވާ ކަނޑު އަޑީގެ އިތުރު ޝޮޓްތައް ނެގީ އެހްރްލިޗް އެވެ.

އެހްރްލިޗް ބުނި ގޮތުގައި ވީޑިއޯ އެޑިޓްކުރަމުން ދިޔައިރު ޚުދް އޭނާގެ ޖަޒުބާތުގައި ޖެހުނު އެތައް މަންޒަރަކާ ދިމާވި އެވެ. އޭގެ ތެރޭގައި ބޯވައިގެ އެންމެ ފަހު ދުވަސްކޮޅު އެސޮރުގެ ފައި ހަލާކުވެގެން ދިޔަ ގޮތް ހިމެނެ އެވެ. އަދި އެންމެ ފަހު މަންޒަރުގައި މަހަކާއި އެ ސޮރު ކުޅެން އުޅޭ ތަނާއި އަދި އެ ސޮރު މަރުވާ މަންޒަރު ވެސް ވަރަށް ހިތަށް އަސަރު ކުރުވާ ކަމަށް އެހްރްލިޗް ބުންޏެވެ.

"ޑޮކިއުމެންޓްރީއެއްގެ ގޮތުގައި ވީޑިއޯ ތައްޔާރުކުރަން މަންޒަރުތައް އެޑިޓްކުރުމުގެ މަސައްކަތް ކުރިއިރު އަހަރެންނަށް ވެސް ރޮވުނު،" އެހްރްލިޗް ބުންޏެވެ.

ބަފްޓާ އެވޯޑު ލިބިފައިވާ ނެޓްފްލިކްސްގެ މި ޑޮކިއުމެންޓްރީއަށް އެ އެވޯޑު ލިބުމުގެ ކުރިން ހައިރާންވާ މިންވަރަކަށް ބެލުންތެރިންގެ ތަރުހީބު ލިބުނެވެ. އަދި މިހާރު އޮސްކާގެ ބެސްޓް ޑޮކިއުމެންޓްރީގެ ނޮމިނޭޝަނެއް ވެސް ވަނީ ލިބިފަ އެވެ.