ބަތަލާ ސޮނާލީ ބެންޑްރޭއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ އޭނާގެ ހަޔާތުގެ އެންމެ ޒުވާން ދައުރު އެވެ. ގިނަ ބަޔަކު ވަރަށް ރީތި ކަމަށް ގަބޫލު ކުރާ ސޮނާލީއަށް ކެންސަރު ޖެހިފައިވާކަން އެނގުނީ 2018 ގައެވެ. އޭނާ ބަލި ވެގެން ޑޮކްޓަރަށް ދެއްކުމުން އޭނާގެ ހަށިގަނޑުގައި މައްސަލަތަކެއް އުޅޭކަން ޑޮކްޓަރުންނަށް ޝައްކު ވެގެން ޓެސްޓް ކުރުމުންނެވެ. ސޮނާލީއަށް ޖެހުނީ މެޓަސްޓޭޓިކް ކެންސާ އެވެ.
ވަގުތުން އޭނާ ފުރައިގެން އެމެރިކާއަށް ނިއުޔޯކަށް ގޮސް ދޮޅު އަހަރެއްހާ ދުވަހު ފަރުވާކޮށް މިހާރު ވަނީ ބަލިން މުޅިން ފަސޭހަ ވެފަ އެވެ.
އިއްޔެ ފާހަގަ ކުރި "ކެންސަރު ބަލިން ސަލާމަތްވެފައިވާ މީހުންގެ ދުވަސް" - ކެންސާ ސަވައިވާޒް ޑޭ - ގެ މުނާސަބަތާ ގުޅުވައިގެން ސޮނާލީ ވަނީ ކެންސަރު ބައްޔާ އޭނާ ކުރި ވަރުގަދަ ހަނގުރާމަ ސިފަ ކޮށްދޭ ފޮޓޮއެއް ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ.
ކެންސަރު ބަލީގައި އެންމެ ހާލު ބޮޑުވި ދުވަސްވަރުގެ ފޮޓޯއަކާއި މިހާރުގެ ފޮޓޯއަކާއެކު ސޮނާލީ ޝެއާ ކުރި މެސެޖުގައި އޭނާ ބުނެފައިވާ ގޮތުގައި ކެންސަރު ބައްޔާ އޭނާ ކުރީ ވަރުގަދަ ހަނގުރާމަ އެކެވެ. އަދި އެ ބަލި އޭނާގެ މައްޗަށް ގަދަވިޔަ ނުދޭން ވަރަށް ހިތްވަރާއެކު އޭނާ ހަނގުރާމަ ކުރި ކަމަށް ސޮނާލީ ބުންޏެވެ.
"ހާދަ އަވަހަކަށޭ ދޯ ދުވަސްތައް ފާއިތު ވަނީ. ފަހަތަށް އެނބުރި ބަލާލުމުން އަހަންނަށް ފެންނަނީ އަހަރެންގެ ބައްޔާ ކުރި ހަނގުރާމައިގެ ހަނދާންތައް އާވޭ. ވަރަށް ހިތްވަރު ކުރާއިރު ވެސް ކެންސަރު އަހަރެންގެ މައްޗަށް ވެރިވާން މަސައްކަތް ކުރި ގޮތް ހަނދާނަށް އަންނަނީ. "ސީ" މި އަކުރަކީ އަހަރެމެންގެ ދިރިއުޅުމުގެ މާނަޔަށް ހެދިޔަ ނުދޭން އަހަރެން ވަރަށް ހިތްވަރު ކުރިން،" ސޮނާލީގެ ޓުވީޓުގައި ލިޔެފައި ވެއެވެ.
ކެންސަރަށް ފަރުވާ ކުރަމުންދާ މީހުންނަށް އޭނާ ދެނީ އެންމެ ނަސޭހަތެކެވެ. ބައްޔާ ހަނގުރާމަ ކުރާއިރު ޕޮޒިޓިވް ވިސްނުމެއްގައި ހުރުމަށެވެ.