ހަބަރު

"ރާއްޖޭއިން އަހަރަކު 27 ޕަސެންޓް މީހުން މަރުވަނީ ދުންފަތުގެ ސަބަބުން"

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އަންދާޒާކުރާ ގޮތުގައި ރާއްޖޭގައި ކޮންމެ އަހަރަކު މަރުވާ މީހުންގެ 27 ޕަސެންޓަކީ ސީދާ ދުންފަތުގެ ސަބަބުން މަރުވާ މީހުން ކަމަށް ހެލްތް މިނިސްޓަރު ނާޒިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަހުގެ ގޮތުގައު ފާހަގަ ކުރާ ދުވަހަކީ މެއި މަހުގެ 31 އެވެ. މިއަހަރުގެ ޝިއާރަކީ "ދުންފަތާއި ހިތުގެ ބަލި" އެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލް ނުކުރާ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އަހަރަކު މަރުވާ މީހުންގެ 27 ޕަސެންޓަކީ ދުންފަތުގެ ސަބަބުން މަރުވާ މީހުން ކަމަށާއި އޭގެ ތެރެއިންވެސް އެންމެ ގިނައިން މީހުން މަރުވަނީ ހިތުގެ ބަލިތަކާ ސްޓްރޯކް ފަދަ ކާޑިއޯ ވެސްކިއުލާ ޑިޒީޒަސް އަށް ނިސްބަތްވާ ބަލިތަކުގައި ކަމަށެވެ. އެހެންކަމުން މިއަހަރުގެ ޝިޢާރުގައި ދުންފަތާ މިފަދަ ބަލިތަކާ ގުޅުވާލާފައިވާ ސަބަބު ވަރަށް ބޮޑަށް ސާފުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި އަހަރެއްގެ ތެރޭގައި މަރުވާ މީހުންގެ 81 ޕަސެންޓް ހިއްސާ ކުރާ ބަލިތަކުގެ ތެރޭގައި ހިމެނޭ ބޮޑެތި ހުރިހާ ބައްޔަކަށް ހުށަހެޅޭ ހިރާސްއެއްގެ ގޮތުގައި ދުންފަތުގެ އިސްތިއުމާލު ކުރުން ނުވަތަ ދުންފަތުގެ ދުމަށް ހުށަހެޅުން ހިމެނޭ ކަމަށެވެ.

"ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނާއި ދުންފަތުގެ ނުސީދާ ދުމަށް ހުށަހެޅޭ މީހުންނަށް ލިބޭ ސިއްހީ ބޮޑެތި ގެއްލުމުގެ ވާހަކައަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާއްމު އަދި އެކަމާ ބަހުސް ނުކުރެވޭ މިންވަރަށް ސާބިތުވާ ކަންކަން، ދުންފަތުން ލިބޭ ސިއްހީ ގެއްލުމުގެ އިތުރުން މި ދެންނެވި ފަދަ ބަލިތަކުގައި އަޅުގަނޑުމެންގެ އާއިލާގެ މެންބަރެއް ބަލިވުމުން ނުވަތަ މަރުވުމުން، އާއިލާއެއްގެ އަދި ގައުމެއްގެ ނިސްބަތުން ވިއަސް ލިބިގެންދަނީ ފޫނުބެއްދޭނެފަދަ ގެއްލުންތައް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ހިތުގެ ބަލިތަކަށް ފަރުވާ ކުރުމުގައި ރާއްޖޭގެ ސިއްހީ ނިޒާމަށް ސަރުކާރުން ގެނެސްދީފައިވާ އިންގިލާބީ ތަރައްގީއާއި އެކު ބޮޑެތިކުރިއެރުންތައް ލިބިފައިވާ ކަމަށާއި ސިއްހީ ފަރުވާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ބޮޑެތިހޭދަތައް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ. ނަމަވެސް، ދުންފަތަށް ރާއްޖޭގައި 1.6 ބިލިއަން ރުފިޔާ ހޭދަކުރާއިރު، ދުންފަތާގުޅުންހުރި ބަލިތަކަށް ފަރުވާ ކުރުމަށް ދައުލަތުން އެތައްސަތޭކަ މިލިއަން ހޭދަކުރަންޖެހޭ ކަމީ މިއަދު ފުންކޮށް ވިސްނާލަންޖެހޭ ކަންކަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ދުންފަތުގެ ނުރައްކަލުން މުޖްތަމައު ސަލާމަތް ކުރުމަށް ސަރުކާރުން މިހާރުވެސްދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން، ދުންފަތުގެ ނުރައްކަލާމެދު އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް މެދުނުކެނޑި ކުރަމުން ގެންދާ މަސްކަތްތައް ސަރުކާރުން އިތުރަށް ހަރުދަނާ ކުރާނެކަމުގެ ޔަގީންކަން އަޅުގަނޑު އަރުވަން، ދުންފަތަށް ދެވިހިފާފައިވާ ފަރާތްތައް އެކަމުން ސަލާމަތް ކުރުމަށް ދެވޭ ސެޒޭޝަންގެ ޚިދުމަތްތައް ދަމަނަވެށި، އައިޖީއެމްހޮސްޕިޓަލް އަދި އޭޑީކޭ ހޮސްޕިޓަލުގައި އަގެއްނުނަގާ ފޯރުކޮށްދެމުންދާކަން ޝުކުރުވެރިކަމާއި އަދި އުފަލާއި އެކު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ކޮންމެ އަހަރަކު ދުންފަތުގެ ސަބަބުން ދުނިޔޭގައި ހަތް މިލިއަން މީހުން މަރުވަމުންދާއިރު އޭގެ ތެރެއިން nުވަ ލައްކަ މީހުންނަކީ ދުންފަތުގެ ދުމުގެ ސަބަބުން މަރުވާ މީހުން ކަމަށެވެ. އަދި އާއްމު ސިއްހަތަށް ހުރި އެންމެ ބޮޑު ހަތުރަކީ ދުންފަތް ކަމުގައިވާތީ، ދުނިޔޭގެ ހުރިހާ ގައުމެއްގައިވެސް ދުންފަތް ކޮންޓްރޯ ކުރުމަށް ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދުނިޔޭގެ ތަފާތު އޮއިވަރުތަކާއެކު ރާއްޖެއަށްވެސް ތަޢާރަފު ކުރެވިފައިވާ ވޭޕް ކުރުމާއި ޝީޝާ ނުވަތަ ޒަމާނީ ގުޑުގުޑާ ބުއިން އާއްމުވާކަމީ ކަންބޮޑުވާ ކަމެއް ކަމަށާއި އެތަކެތި މަގުމައްޗާ ހޮޓާކެފޭ ރެސްޓޯރެންޓްތަކާ އަދި އާއްމު އެހެންތަންތާގައި ބޭނުންކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ކުށެއްނެތް އެތައްބަޔެއް އެމީހުންގެ އިހްތިޔާރުން ބޭރުން ދުންފަތުގެ ވިހަ ދުމަށް ހުށަހެޅޭކަމީ އެމީހުންނަށް ގާނޫނީގޮތުން ކަށަވަރުކޮށްދީފައިވާ ދުންފަތުން ރައްކާތެރިވެތިބުމުގެ ހައްގު ގެއްލިގެންދާ ކަމެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މިފަދަ އާއްމު ތަންތާންގައި ގާނޫނާ ިލާފަށް ދުންފަތުގެ އިސްތިއުމާލު ނުކުރުމަށާ ހޮޓާ ކެފޭ ރެސްޓޯރެންޓް ހިންގަވާ ފަރާތްތަކުންވެސް އާއިލާތަކަށް ރައްކާތެރި ސިއްހީގޮތުން ދުޅަހެޔޮ މާހައުލެއް އެތަންތާގައި ގާއިމުކުރުމަށް އިސްކަންދެއްވުމަށް ގޮވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ހާއްސަ އެވޯޑު ލިބިފައިވަނީ ދަމަނަވެއްޓަށެވެ. މި އެވޯޑް ދަމަނަވެއްޓާ ހަވާލުކޮށްދެއްވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ދިވެހިރާއްޖެއަށް ޑައަޅުއްވާފައިވާ މަންދޫބު ޑރ. އަރްވިންދު މާތޫރެވެ.