ފަރުކޮޅުފުށި

ފަރުކޮޅުފުށީގައި ބުޅަލަށް ހާއްސަ ސެންޓަރެއް ގާއިމުކުރަނީ

ފަރުކޮޅުފުށީގައި ބުޅަލަށް ހާއްސަ ސެންޓަރެއް ގާއިމުކޮށް މާލޭގެ މަގުމަތީގައި އުޅޭ ބުޅާތައް އެތަނަށް ގެންދަން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމު އިބްރާހީމް އެވެ.

ނާޒިމު ވިދާޅުވީ ޕެޓް ކެއާ ފެސިލިޓީއެއް ގާއިމުކުރަން ފަރުކޮޅުފުށިން ބިން ހަމަޖެހިފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީ އާއި މާލޭ ސިޓީ ކައުންސިލާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން ފަރުކޮޅުފުށީގައި ޕެޓް ކެއާ ފެސިލިޓީއެއް ގާއިމުކުރަން ނިންމާފައިވާ ކަމަށެވެ. އަދި ބުޅަލަށް ހާއްސަ ސެންޓަރު ގާއިމުކުރާނީ ފަރުކޮޅުފުށިން ހަމަޖެހިފައިވާ ބިމުން ބައެއްގައި ކަމަށްވެސް ނާޒިމު ވިދާޅުވި އެވެ.

"ފަރުކޮޅުފުށިން ހަމަޖެހިފައިވާ ބިމުން ބައެއްގައި ކެޓް ސެންޓަރެއް މާލޭ ސިޓީ ކައުންސިލުން ގާއިމުކޮށް އެތަނަށް މާލޭ މަގުތަކުގައި އުޅޭ ބުޅާތައް ބަދަލުކޮށް ކެޓް ޝެލްޓާގެ ހިދުމަތް އެތަނުގައި ގާއިމުކުރަން ވަނީ ނިންމާފަ،" ނާޒިމު ވިދާޅުވި އެވެ.