ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ގެއްލުނު ކަމަށް ބުނާ ސަރަހައްދު ހޯދުމަށް ދިރާސާކުރަން ބޭރުގެ ދެ ތަޖުރިބާކާރުންނާ ހަވާލުކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި ކަނޑުގެ ސަރަހައްދުގެ މައްސަލަ ދިރާސާކުރަނީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސިލެއްގެ އިތުރުން މޯލްޓާގެ ލޯ އޮފް ދަ ސީ ގެ ޕްރޮފެސަރަކަށެވެ.
މޯލްޓާގެ ޕްރޮފެސަރު ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި އެ ބޭފުޅާގެ ރިޕޯޓް މިމަހުގެ މެދުތެރޭގައި ކެބިނެޓަށް ލިބޭނެ ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ޔޫކޭގެ ރިޕޯޓު ފެބްރުއަރީ މަހު ކެބިނެޓަށް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެކްސްޕާޓުންގެ ރިޕޯޓަށް ބަލައި ތައްޔާރުކުރާ ފައިނަލް ރިޕޯޓް ފެބްރުއަރީ މަހުގެ ފަހު ކޮޅު ކެބިނެޓަށް ހުށަހެޅޭނެ އެވެ.
މީގެ އިތުރުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މައްސަލަ އިސްތިއުނާފުކުރަން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.
"އިޓްލޮސްއަށް އެ މައްސަލަ ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހާއްސަ ކޮމިޓީއެއް މިހާރު ވަނީ އެކުލަވާލެވިފަ. އެ ކޮމިޓީގައި އޭޖީ އޮފީހުގެ ވަކީލުންނާއި ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީގެ ބައިވެރިވުން އޮންނާނެ،" ނާޒިމް ވިދާޅުވި އެވެ.