ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އާންމުވެގެން އުޅެނީ ސައްހަ ސިޓީއެއް ނޫން: ރައީސް

ޗާގޯސް މައްސަލައިގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފޮނުއްވެވި ކަމަށް ބުނެ އާންމުވެފައިވާ ސިޓީއަކީ ސައްހަ ސިޓީއެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީގައި މިލިޓަރީ ބޯޓުތަކުގެ ވާހަކަ ސިޓީގައި ނޯންނާނެ ކަމަށެވެ.

ސިޓީގެ ސަބަބުން މިއަދު ނިންމުމަށް އަސަރު ކުރި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނާއިރު ރައީސް ސޯލިހް ވިދާޅުވީ އެއީ މުޅިން ދެކަމެއް ކަމަށެވެ.

"މުޅިން ދެކަމެއްނޫންތޯ މިއީ. އެއްކަމެއްގައި މި ދައްކަނީ ޗާގޯސްގެ މިލްކުވެރިކަމުގެ ވާހަކަ. ސިޔާދަތީ ބާރުގެ ވާހަކަ. އަނެއްކަމަކަށް މި ދައްކަނީ ސަރަހައްދު ބެހުމުގެ ވާހަކަ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އެއްވެރިއަކު އަނެއް ވެރިއަކަށް ފޮނުވާ ސިޓީ މިހާތަނަށް ރާއްޖޭގައި ހާމަކޮށްފައިނުވާ ކަމަށެވެ.

"(ސިޓީގައި) އޭގައި ހުރި ހުރިހާ މައުލޫމާތެއް އަޅުގަނޑު ހާމަކޮށްފާނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ އިޓްލޮސްގެ ހުކުމުގެ ތަފުސީލީ ބަޔާނުގައި ސިޓީގެ ވާހަކަތައް އެބަހުރި ކަމަށެވެ.

ސިޓީއާ ގުޅޭ ގޮތުން ރައީސް ސޯލިހް ވިދާޅުވީ ޗާގޯސްއަކީ އިނގިރޭސީންގެ ތަނެއް ކަމަށް ރާއްޖެއިން ދެން ނުބުނާނެ ކަމަށް އެ ސިޓީގައި ހާމަކުރެއްވި ކަމަށެވެ.