ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޮ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މިއަދު ނިންމި ނިންމުމަކީ ލިބުނު ކާމިޔާބީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
އިޓްލޮސްގެ ނިންމުމުގެ ސަބަބުން ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ހާއްސަ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި ވަޒީރުންނާއެކު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ އިޓްލޮސްގެ ނިންމުމުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުން ރާއްޖޭގެ އިން ވަކިކުރެވިފައިވާ ކަމަށެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ކަނޑައެޅިގެން ދިއުމާއެކު އަމަލުކުރާނެ ގޮތްތަކާއި ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.
"އެގޮތުން ފުރަތަމަ ކަމަކަށް އެ އީއީޒެޑް ބެލެހެއްޓުން ކޯސްޓްގާޑުން، އަޅުގަނޑުމެންގެ އުތުރުގައި އީއީޒެޑް ބަލަހައްޓާ ގޮތަށް، ވަށައިގެން ބަލަހައްޓާ ގޮތަށް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމުނު،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރާއްޖޭގެ ސަރަހައްދު ގާނޫނު އަސާސީގައި ކަނޑައެޅިފައިވާ ކަމަށާއި އެއީ ރާއްޖޭގެ ކޯސްޓަލްއެޖުން ފެށިގެން 12 ނޯޓިކަލް މޭލުގެ ސަރަހައްދެއް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.
އޭގެ އިތުރުން ހާއްސަ އިގުތިސާދީ ސަރަހައްދެއް ކޮންމެ ގައުމަކަށްވެސް ލިބޭ ކަމަށާއި ރާއްޖޭގެ އުތުރާއި އިރުއުތުރުގެ ހާއްސަ އިގުތިސާދީ ސަރަހައްދު ކަނޑައެޅުނީ 1976 ވަނަ އަހަރު ކަމަށް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ދެކުނުގެ ސަރަހައްދު މިހާތަނަށް އައިއިރުވެސް އޮތީ ކަނޑަނޭޅި. ދެކުނުގައި 200 ނޯޓިކަލް މޭލު ރާއްޖެއިން މިންއަޅާއިރުގައި މޮރިޝަސްގެ ސަރަހައްދާ ފުށުއަރާ ބައެއް އެބަ އޮތް. މިއަދު ނިމިގެން އެދިޔައީ އެ ސަރަހައްދާއި ބެހޭ ގޮތުން ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްގޮތަށް ގާނޫނުތަކާއި އެއްގޮތަށް ކަނޑައަޅަންޖެހޭ ކަނޑައެޅުން،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ރާއްޖެއިން ބައިނަލްއަގްވާމީ މުއާހަދާއެއްގައި ސޮއިކޮށްފައިވާ ކަމަށާއި އީއީޒެޑް ފުށު އަރާނަމަ މުއާހަދާގެ ދަށުން އެ ސަރަހައްދު މެދުން ހަމަޔަށް ބަހަންޖެހޭ ކަމަށެވެ.
އެއީ ރައްޔިތުންގެ މަޖިލީހުން ރުހުންދީފައިވާ މުއާހަދާއެއް ކަމަށާއި 2000 ވަނަ އަހަރުން ފެށިގެން ތަންފީޒުކުރަމުންދާ މުއާހަދާއެއް ކަމަށް ރައީސް ސޯލިހް ވިދާޅުވި އެވެ.