ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި މިސަރުކާރުން ބަދަލުކޮށްފައި ނުވާ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސަރުކާރުން މިހެން ބުނެފައި މިވަނީ ޗާގޯސް މައްސަލައާ ގުޅިގެން އިދިކޮޅު ޕީޕީއެމް ޕީއެންސީން ނެރެފައިވާ ބަޔާނަކަށް ރައްދުދީ އަދި ކަމުގެ ހަގީގަތް ސާފުކޮށްދިނުމުގެ ގޮތުން ނެރުނު ބަޔާނެއްގަ އެވެ.
ޕީޕީއެމްގެ ވާހަކަތައް ދޮގުކޮށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖެއާއި ޗާގޯސްއާ ދެމެދު އިގްތިސާދ ސަރަހައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި މިސަރުކާރުން ބަދަލުކޮށްފައި ނުވާ ކަމަށެވެ.
"އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލައިގައި ފާއިތުވި ދެ ދަހަރެއްހާ ދުވަހު ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދެމެހެއްޓުމުގައި ދިވެހި ސަރުކާރުން ފަސްޖެހުމެއްނެތި ދެމިއޮންނާނެއެވެ،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ޗާގޮސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ބަލައިގަނެ ދިވެހި ސަރުކާރުން މޮރިޝަސްއަށް އެކަން އެންގީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައެއްގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެންނެވެ.
"އދގެ އާއްމު މަޖިލީހުގެ އެ ގަރާރަކީ ރާއްޖެއާއި ޗާގޯސްއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުންހުރި ގަރާރެއް ނޫނެވެ. މި ނިންމުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަން މޮރިޝަސްގެ ސަރުކާރަށްވެސް ވާނީ އަންގާފަ އެވެ،" ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކުގެ ދިފާއުގައި ނެރުނު ބަޔާނުގައިވެ އެވެ.
އިނގިރޭސިވިލާތުން ހިސޯރުކޮށްގެން އުޅޭ ޗާގޮސް، މޮރިޝަސްއާ ހަވާލުކުރުމަށް އދގެ އާންމު މަޖިލީހުގައި 2019 ވަނަ އަހަރު ނެގުނު ވޯޓުގައި އެކަމާ ދެކޮޅު ހެދީ އެންމެ ހަ ގައުމެވެ. އެހެންކަމުން ރާއްޖެއިން އޭރު ދެކޮޅަށް ވޯޓު ދިން ސަބަބުވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ބުނެފައިވަނީ ރާއްޖޭގެ އެ ވޯޓަކީ އެ ގަރާރާ ދެކޮޅަށް ލީ ވޯޓެއް ނޫން ކަމަށާއި އަދި އެއީ އިސްތިއުމާރިއްޔަތާ ދެކޮޅަށް ރާއްޖެއިން ގެންގުޅެމުން އައި ޒަމާންވީ ސިޔާސަތާ ވެސް ދެކޮޅު ވޯޓެއް ނޫން ކަމަށެވެ.
ރާއްޖެއިން އެ ގަރާރާ ދެކޮޅަށް ލީ ވޯޓަކީ އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސްގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ގާނޫނީ ނުކުތާތަކަށާއި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް 2010 ވަނަ އަހަރު ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުމަށް އެއްވެސް އުނިއިތުރުކަމެއް ގެނުވާނެ ކަމެއް ނޫން ކަމަށްވެސް ބަޔާނުގައިވެ އެވެ.
ޗާގޯސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަމަލުކުރައްވާފައިވަނީ ގާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުން ކަމަށް އިދިކޮޅު ޕީޕީއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވާތީ ދިވެހި ސަރުކާރުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.
"ގާނޫނު އަސާސީގެ ތިންވަނަ މާއްދާގައިވާ ގޮތުން ދިވެހިރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެންނަނަމަ، ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދެންޖެހެ އެވެ. ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދެވެ. މި ސަރަހައްދުގެ އިމަކީ މިހާތަނަށް އައި އިރު، ބައިނަލްއަގްވާމީ ކަނޑާބެހޭ މުއާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަހައްދެއް ނޫނެވެ،" ބަޔާނުގައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ ގާނޫނުތަކާއި ބައިނަލްއަގްވާމީ ގާނޫނުތަކުގެ ދަށުން، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ގާނޫނު އަސާސީން ލިބިދީފައިވާ ބާރަކަށް ވާތީ އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނެ ކަމަށެވެ. މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައެޅުމާއެކު، އިޓްލޮސް މެދުވެރިކޮށް މިމައްސަލައަށް ހައްލު ހޯދައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ދިވެހި ސަރުކާރުން ނިންމ ީވަޒީރުންގެ މަޖީލީހުގައި މަޝްވަރާކުރުމަށްފަހުގައި ކަމަށްވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ ލިޔެވިފައިވާ ގާނޫނު އަސާސީއެއްގެ ދަށުން ވެރިކަމެއް ރާއްޖޭގައި ކުރަމުންދާތާ ގަރުނަކާ ގާތްވާއިރު، އަދި އެއަށްވުރެ ދުރު މާޒީއަކަށް ބެލިނަމަވެސް ޗާގޯސްގެގެ މައްޗަށް ރާއްޖޭގެ ސިޔާދަތީ ބާރު ހިނގާ ކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދައުވާ ކޮށްފައި ނުވާ ކަމަށެވެ.
ޕީޕީއެމްއަށް ރައްދުދީ ދިވެހި ސަރުކާރުގެ ބަޔާނުގައި ބުނެފައިވަނީ ޕީޕީއެމްގެ ބަޔާނަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ޚައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ.
"މިކަން އެންމެ ސާފުވާކަމަކީ، 2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތް ކަމަށް މޮރިޝަސްއިން ކުރާ ދައުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވާލި އދގެ އާއްމު މަޖިލީހުގެ ގަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން ދިވެހިރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މައާފަށް އެދެންޖެހޭނެ ކަމަށް ބުނެފައިވާތީ އެވެ. އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތް ވޯޓެއްކަމަށް ވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އޭރު ބުނެފައިވެ އެވެ. އެ ޕާޓީން މިހެން ބުނެފައިވީ ނަމަވެސް، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އދގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރާ ދެކޮޅަށް ވޯޓު ލާފަ އެވެ. ބަޔާނުގައިވެ އެވެ.
މިބަޔާނުގައި އިތުރަށް ބުނެފައިވަނީ ޑިސެމްބަރު 18، 2019 ގައި ރާއްޖެއިން ވާނީ އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި އިޓްލޮސްއަށް ހުށަހެޅިފައިވާ މައްސަލަ ބެލުމުގެ އިހްތިސާސް އެތަނަށް ލިބިގެންނުވާ ކަމަށް ވަކާލާތުކޮށްފައި ކަމަށެވެ.
ނަމަވެސް އިބްތިދާއީ އަޑުއެހުންތަކަށްފަހު އިޓްލޮސް އިން ނިންމީ ޗާގޯސްގެ ސިޔާދަތީ ބާރުވެރިކަމާ ގުޅޭގޮތުން އައިސީޖޭ އިން ނެރެފައިވާ އިސްތިޝާރީ ލަފައަށް ރިއާއަތްކޮށް މޮރިޝަސްއިން އިޓްލޮސްއަށް ހުށަހަޅާފައިވާ މައްސަލަ ބެލުމުގެ އިހްތިސާސް އިޓްލޮސްއަށް ލިބިގެންވާ ކަމަށެވެ. އިޓްލޮސްގެ މިނިންމުމާއި ގުޅިގެން، އެޓްރައިބިއުނަލުގެ އަޑުއެހުންތަކުގައި ދިވެހި ސަރުކާރުން ވަކާލާތުކޮށްފައި ވާނީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދުވާ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ކުރިއްސުރެ ރާއްޖެއިން ގެންގުޅެމުންދިޔަ ސިޔާސަތުތައް ދިފާޢުކޮށެވެ.
"މިފަދަ މައްސަލައެއްގައި ދިވެހި އާންމު ރައްޔިތުންނާއި ބައިނަލްއަގްވާމީ މުޖުތަމައަށް އޮޅުން އަރާގޮތަށް ސިޔާސީ ޕާޓިތަކުން ކުރާ މަސައްކަތްތަކާ މެދު ދިވެހި ސަރުކާރުން ނުހަނު ހިތާމަކުރަމެވެ. އަދި ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިއާޔަތްކޮށް، އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިޓްލޮސް އިން މި މައްސަލަ ނިންމަވާނެ ކަމާ މެދު ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރު އޮތްކަން ފާހަގަކުރަމެވެ." ބަޔާން ނިންމާލަމުން ސަރުކާރުން ބުނެފައިވެ އެވެ.