ދުނިޔެ

ފަރުބަދަ ގޮވައިގެން ގުއާޓެމާލާއިން މަރުވި މީހުންގެ އަދަދު 100 އަށް

މިދިޔަ ހޯމަ ދުވަހު ސެންޓުރަލް އެމެރިކާގެ ގައުމެއް ކަމަށްވާ ގުއާޓެމާލާގެ ފުއޭގޯ ކިޔާ އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗަށް އަރައިފި އެވެ.

އެ ގައުމުގެ ފޮރޮންސިކް ސައިންސް އެޖެންސީން ބުނީ މަރުވި މީހުންގެ ތެރެއިން ކާކުން ވަކިކުރަން އިނގުނީ އެންމެ 28 މީހުންގެ ކަމަށެވެ. އެހެންމީހުން ފިިހިފައިވާލެއް ބޮޑުކަމުން ކާކުކަން ވަކިކުރަން އަދި ނޭނގޭކަމަށް އެ އެޖެންސީން ބުނެ އެވެ.

މި ހާދިސާގައި ގެއްލިގެން ރިޕޯޓުކޮށްފައިވާ މީހުންގެ އަދަދަކީ 192 އެވެ. އެ ގައުމުގެ ޑިޒާސްޓާ މެނެޖޭމަންޓް ސެންޓަރުން ބުނީ މި ހާދިސާއާއި ގުޅިގެން 1.7 މިލިއަން މީހުނަށް އަސަރުކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 12 ހާސް މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ

ގުއާޓެމާލާގެ އޮފިޝަލުންނާ ހަވާލާދީ ބީބީސީ ބުނީ އެގައުމުގެ ވެރިރަށް ގުއާޓެމާލާ ސިޓީގެ ހުޅަނގު ދެކުނުން 25 މޭލު ދުރުގައިވާ ފުއޭގޯ އަލިފާން ފަރުބަދައިން މިހާރުވެސް ކަޅު ދުމާއި އަޅި ބޭރު ވަމުންދާ ކަމަށެވެ.

މީހުން މަރުވެ، ޒަހަމްވީ އެ ފަރުބަދައިގެން ފޭބި ވިރިކެކޭ ހިލައިގެ ސައިލެއް މީހުން އުޅޭ ރަށަކާއި ހިސާބަށް ދެމިގެން ދިއުމުން ކަމަށް ބުނެފައިވެ އެވެ.