ހަބަރު

އިބްތިދާއީ މަރުހަލާގައި ގާޒީ ބަދަލުވާ ސަބަބު އަންގަން ނުޖެހޭ: ހައިކޯޓު

ޝަރީއަތް ނުފަށައިވަނިކޮށް މައްސަލަ ބައްލަވާ ގާޒީ ބަދަލުވެއްޖެނަމަ އެކަން ލިޔުމުން ނޫނީ ސިޓީއަކުން އެންގުން ޖިނާއީ އިޖުރާއަތުގެ ގާނޫނު ލާޒިމް ނުކުރާ ކަމަށް ހައިކޯޓުން މިއަދު ބުނެފި އެވެ.

ހައިކޯޓުން މިހެން ބުނެފައިވަނީ ސުޕްރީމް ކޯޓުގައި ގާއިމްކޮށްފައިވާ ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް، ޖެމްސްގެ ހިދުމަތް ކަނޑާލި މައްސަލާގައި އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދުގެ މައްޗަށް އިއްވި ހުކުމުގަ އެވެ.

ޖެމްސް މައްސަލަ ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ފުރަތަމަ އިބްތިދާއީ އަޑުއެހުން ބެއްލެވީ މިހާރު އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމެވެ. ނަމަވެސް އޭގެ ފަހުން އެ މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންގޮސް ޝަރީއަތް ހިންގައި ހުކުމް އިއްވެވީ ގާޒީ އިބްރާހިމް އަލީ އެވެ.

މައްސަލާގައި ގާޒީ ބަދަލުކުރި ސަބަބު ދައުވާ ލިބޭ ފަރާތަށް ލިޔުމުން އަންގާފައިނުވުމުން އެކަމާ ވަކީލުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށް ވެސް ވަކީލުން އޭރު ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރުގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކުރިއިރު އެ ނުކުތާ ފާހަގަކޮށްފައިވެ އެވެ. ވަކީލް ވިދާޅުވެފައިވަނީ މައްސަލަ ބެއްލެވި ގާޒީ ބަދަލުވި ސަބަބު ޖިނާއީ އިޖްރާއާތުގެ ގާނޫނުގައި ބުނާ ފަދައިން އަންގަން ޖެހޭނެ ކަމަށެވެ.

މިއަދު ހައިކޯޓުން އިއްވި ހުކުމުގައި ބުނެފައިވަނީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައިވާ ގޮތުން އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ދަނިކޮށް ގާޒީ ބަދަލުވި ނަމަވެސް އެކަމުގެ ސަބަބު އަންގަން ނުޖެހޭނެ ކަމަށެވެ.

އެ މާއްދާގައި ބުނެފައިވަނީ، ޝަރީއަތް ހިނގަމުން ދަނިކޮށް ނުވަތަ ޝަރީއަތުގެ އަޑުއެހުން ނިމި، ހުކުމް އިއްވަންވެފައި ވަނިކޮށް ފަނޑިޔާރު ބަލިވެއްޖެނަމަ ނުވަތަ މަރުވެއްޖެނަމަ ނުވަތަ ފަނޑިޔާރުގެ މަގާމުގެ ދައުރު ހަމަވެއްޖެނަމަ ނުވަތަ އެ ޝަރީއަތެއް ފެށުމުގެ ކުރިން މެދުވެރިވެފައިނުވާ ނުވަތަ އެނގިފައިނުވާ އެ ފަނޑިޔާރެއްގެ މަސްލަހަތު ފުށުއަރާ ކަމެއް މެދުވެރިވުމުގެ ސަބަބުން އެ ޝަރީއަތެއް ހިންގުމަށް ފަނޑިޔާރަކު ނުކުޅެދިއްޖެނަމަ، ނުވަތަ އެ ޝަރީއަތެއް ހިންގުމަށް އެއްވެސް ގޮތަކުން ނުކުޅެދިއްޖެނަމަ، އެ ކޯޓަށް ހާއްސަ ކުރެވިފައިވާ އެހެން ފަނޑިޔާރަކު އެ މައްސަލައިގެ ޝަރީއަތް ކުރިއަށްގެންދިއުމަށް ކަނޑައެޅިދާނެ ކަމާއި އެ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް ކަނޑައެޅިދާނެ ކަމަށެވެ.

"މި މާއްދާގައި ބަޔާންކޮށްފައިމިވަނީ ޝަރީއަތް ފެށި ހިނގަމުންދަނިކޮށް ނުވަތަ ޝަރީއަތުގެ އަޑުއެހުންނިމި، ހުކުމް އިއްވަން ވެފައިވަނިކޮށް ފަނޑިޔާރަކު ބަދަލުކުރަންޖެހިއްޖެނަމަ އަމަލުކުރަންޖެހޭ އިޖުރާއާތުކަން މިމާއްދާއަށް ބެލުމުންވެސް އެނގެން އޮންނަކަމާއި، އިސްތިއުނާފްކުރެވޭ ކްރިމިނަލް ކޯޓުގެ ގަޒިއްޔާ ބައްލަވަމުން ގެންދެވި ފަނޑިޔާރު ބަދަލުވެފައިވަނީ މައްސަލައިގެ ޝަރީއަތް ފެށުމުގެ ކުރިން މައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައިކަން މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބެލުމުން އެނގެން އޮތުމުން، މިމައްސަލައިގައި އަމަލުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފަށްކަމަށް ބެލެވެން ނެތް،" ހައިކޯޓުން މިއަދު އިއްވި ހުކުމުގައިވެ އެވެ.

ހައިކޯޓުން މިހެން ހުކުމްކުރިއިރު މިހާރު ބައެއް މައްސަލަތަކުގައި އިބްތިދާއީ އަޑުއެހުމުގައި ގާޒީ ބަދަލުވެއްޖެ ނަމަވެސް ލިޔުމުން އެކަން އަންގަ އެވެ. އެގޮތުން އެކެއް ފެބުރުއަރީ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލި ބައެއް ފަރާތްތަކުގެ މައްސަލާގައި ގާޒީ ބަދަލުވިކަން ލިޔުމުން އަންގާފައިވެ އެވެ. ނަމަވެސް އެ މައްސަލަތަކުގެ ޝަރީއަތް އަދި ނުފަށަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްސަލައިގެ އިތުރުން ގާސިމް އިބްރާހިމް ދަރިކަލުން ސިޔާދު ގާސިމް މައްސަލާގައި ގާޒީ ބަދަލުވިކަން ވެސް ލިޔުމުން އަންގާފައެއް ނުވެ އެވެ. އެ މައްސަލާގައި ވެސް ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.

މީގެކުރިން ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ ރިޝްވަތުގެ މައްސަލާގައި ޝަރީއަތް ފެށި ފަހުން ގާޒީ ބަދަލުވެގެން، ލިޔުމުން އެކަން އަންގާފައިވެ އެވެ. އެއީ ގާނޫނުން ލާޒިމްކުރާ ކަމެވެ. އެކަން ހައިކޯޓުގެ ހުކުމް ވެސް މިހާރު ވަނ ީ އިތުރަށް ތަފްސީލްކޮށްދީފަ އެވެ.