ހަބަރު

ރާއްޖޭގެ ބަހަނާ: ވޯޓުން އެނގުނީ ކުދި ގައުމުތަކަށް ފުރުސަތު ނެތްކަން

ދުނިޔޭގެ ސުލްހަ އާއި ސަލާމަތަށްޓަކައި އެކަށީގެންވާ ވަރަށް މަސައްކަތް ކުރުމުގެ ފުރުސަތު ކުދި ގައުމުތަކަށް ނުލިބޭތީ ކަންބޮޑުވާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

އދ.ގެ ސަލާމަތީ މަޖިލީހަށް ދާއިމީ ނޫން މެމްބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ރާއްޖެއަށް ނާކާމިޔާބުވުމާ ގުޅިގެން ފޮރިން މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ އދ. އަށް 72 އަހަރުވީ އިރު ކުދި ގައުމުތަކުގެ ތެރެއިން އެ ގައުމުގެ ސަލާމަތީ މަޖިލީހަށް އިންތިހާބުވީ އެންމެ އަށް ގައުމު ކަމަށެވެ. އަދި އެ ފުރުސަތު ކުދި ގައުމުތަކަށް ނޯންނާތީ ރާއްޖެއިން ކަންބޮޑުވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެ ވޯޓުގެ ސަބަބުން ކުރިޔަށް އޮތްތަނުގައި ވެސް ކުދި ގައުމުތަކުން އެ ސީޓަށް ކުރިމަތިލުމަށް ފަސް ނުޖެހޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ގައުމެއްގެ ސަލާމަތަށްޓަކައި ކޮށްފައި ހުރި މަސައްކަތަށް ބެލާ ކުދި އަދި ބޮޑެތި ގައުމުތަކަށް ތަފާތު ކުރުމެއް ނެތި އދ. ގެ ހުރިހާ މެންބަރު ގައުމުތަކަށް ވެސް ސަލާމަތީ މަޖިލީހުގެ މެންބަރުކަން ކުރުމަށް ހަމަހަމަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރަން،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އިންޑޮނޭޝިޔާއަށް ލިބުނު ކާމިޔާބީއަށް މަރުހަބާ ކިޔާ ކަމަށާއި ރާއްޖެއަށް އެ ގޮނޑި ނުލިބުނަސް އދ.ގެ ކަންކަމުގައި ވަކާލާތުކޮށް ކުރިޔަށް އޮތް ތަނުގައި ވެސް މެންބަރު ގައުމުތަކަ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އަދި އާ ހިޔާލުތަކާއި އިޖާދުތަކާއެކު އެހެން ގައުމުތަކާއެކު ގުޅުން ބަދަހި ކުރުމަށް އިތުރަށް މަސައްކަތްތަކެއް ކުރާނެ ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އދ. ގެ އާންމު ޖަލްސާގައި މިރޭ ނެގި ވޯޓުގައި ސަލާމަތީ މަޖިލީހުގެ މެމްބަރުން ހޮވި އިންިތިހާބު އިންޑޮނޭޝިޔާއަށް ލިބުނީ 144 ވޯޓެވެ. ރާއްޖެއަށް ލިބުނީ 46 ވޯޓެވެ.

އދ. ސަލާމަތީ މަޖިލީހުގައި ތިބެނީ ދާއިމީ ފަސްމެމްބަރުންނާއި ދާއިމީ ނޫން 10 މެމްބަރުންނެވެ. ދާއިމީ މެމްބަރުންނަނީ ޔޫއެންގެ ފައުންޑާ މެމްބަރުންކަމަށްވާ އެމެރިކާ، ރަޝިޔާ،ޗައިނާ، އިނގިރޭސިވިލާތް އަދި ފްރާންސެވެ.