ދުނިޔެ

ޗައިނާ-އިންޑިއާ ގުޅުން ބަދަހިކޮށް ދެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އިންޑިއާއާއި ޗައިނާ ދެމެދު މިހައިތަނަށް ހައްލު ނުވެ އޮތް މައްސަލައެއް ހައްލުކޮށް ގުޅުން އިތުރަށް ބަދަހިކޮށް، ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޗައިނާގެ ބަނދަރުމަތީ ރަށް ގިންޑާއޯގައި މިހާރު ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން ސަމިޓުގެ ހަވާސާގައި ޗައިނާގެ ރައީސް ޝީޖިންޕިންއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ބައްދަލުކުރައްވައި މަޝްވަރާތައް ކުރެއްވިއެވެ. އެ މަޝްވަރާތަކަށް ފަހު ދެގައުމުން އެއްބަސްވި މުހިއްމު އެއް ކަމަކީ ހިޔާލުތަފާތުވުން އުފެދިފައިވާ ބްރަހުމަޕުތުރާ ކޯރުގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލު ކުރުމެވެ.

އިންޑިއާއިން ކުރިއްސުރެ އެދެމުން އައީ ބްރަހުމަޕުތުރާ ކޯރުގެ ފެންގަނޑު ދައުރުވާ ގޮތާއި ފެނުގެ ފެންވަރާ ބެހޭ ސައިންޓިފިކް މައުލޫމާތުތައް ޗައިނާއިން އެގައުމާ ހިއްސާކުރުމަށެވެ. ޗައިނާއިން ބުނަމުން އައީ އެކަމުގައި ޓެކްނިކަލް ދަތިތަކެއް އެބަހުރި ކަމަށެވެ. ނަމަވެސް އެމައުލޫމާތު ގަވައިދުން ހިއްސާކުރުމުގެ އެއްބަސްވުމެއްގައި މިއަދު ދެގައުމުން ސޮއިކުރިއެވެ.

ދެގައުމުން މިއަދު ސޮއިކުރި އަނެއް އެއްބަސްވުމަކީ އިންޑިއާއިން ޗައިނާއަށް ހަނޑޫ އެކްސްޕޯޓްކުރުމުގައި މިހާރަށް ވުރެ ބޮޑު ލުޔެއް ދިނުމުގެ އެއްބަސްވުކެވެ. ދެ އެއްބަސްވުމުގައި ސޮއިކުރިކަން ވެސް ހާމަކުރެއްވީ އިންްޑިއާގެ އެކްސްޓާނަލް މިނިސްޓްރީގެ ތަރުޖަމާނު ރަވީޝް ކުމާރު ކުރެއްވި ޓްވީޓެއްގައެވެ.

ހަނޑޫ އެކްސްޕޯޓުކުރުމުގެ އުސޫލު ކުރިއަށް ވުރެ ފަސޭހަކޮށްދިނުމުން އިންޑިއާއާ ޗައިނާއާ ދެމެދު އޮތް ވިޔަފާރީގެ ފަރަގު މިހާރަށް ވުރެ ކުޑަ ކުރަން އިންޑިއާއަށް ފަސޭހަވެގެންދާނެއެވެ. އިންޑިއާއާއި ޗައިނާއާ ދެމެދު ކުރާ ވިޔަފާރީގައި ޗައިނާއަށް ލިބޭ ނަފާ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭފައި ނުވަ ގުނައަށް ވަނީ އިތުރުވެފައެވެ. އެއީ 51 ބިލިޔަން ޑޮލަރުގެ ފަރަގެކެވެ. - ރޮއިޓާސް