ހަބަރު

ލިވަޕޫލްގެ ޑިފެންޑަރު ވެންޑައިކް ރާއްޖޭގައި

Jun 10, 2018

ރެކޯޑް އަގަކަށް ލިވަޕޫލްއަށް ސޮއި ކުރި ހޮލެންޑް ޑިފެންޑަރު ވާޖިލް ވެންޑައިކް ޗުއްޓީ ހޭދަކޮށްލުމަށް ރާއްޖެ އައިސްފި އެވެ.

ވެންޑައިކް ޗުއްޓީ ހޭދަކުރަމުންދަނީ ވަން އެންޑް އޮންލޯ ރީތިރަށް ރިސޯޓްގަ އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މިއަދެވެ.

ވެންޑައިކް ލިވަޕޫލަށް ބަދަލުވެފައިވަނީ ފިނި މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި އެވެ. އޭނާ ކުރިން ހުރީ ސައުތު ހެމްޓަންގައި އެވެ. ރެކޯޑް ފީ އަކަށް ވެންޑައިކް ލިވަޕޫލަށް ބަދަަލުވެފައިވަނީ 75 މިލިއަން ޕައުންޑަށެވެ.

ލިވަޕޫލްގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި މިހާރު ފާހަގަ ކުރެވޭ ވެންޑައިކް ވަނީ މިދިޔަ ސީޒަނުގައި ލިވަޕޫލަށް މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން އޭނާ ލިވަޕޫލަށް ކުޅުނު ފުރަތަމަ މެޗްގައިވެސް ވަނީ ލަނޑެއް ކާމިޔާބު ކޮށްފަ އެވެ.

އެގޮތުން ޗެމްޕިއަންސް ލީގް ފައިނަލާއި ހަމައަށް ލިވަޕޫލް ގެންދިއުމަށް އޭނާގެ ރޯލް ވަރަށް ބޮޑު ކަމަށް ގިނަ ބަޔަކު ގަބޫލް ކުރެ އެވެ. ވެންޑައިކް ލިވަޕޫލާއި ގުޅުމުން އެކުލަބްގެ ޑިފެންސަށް ދިމާވެފައިވާ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެން ދިޔަ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.