ވިޔަފާރި

ރޯދަ މަސް ނިމޭއިރު ބާޒާރު މަތި ހުސްވަނީ

Jun 11, 2018
1

ރޯދަ މަސް ނިމެން ކައިރިވެފައިވާއިރު، ބާޒާރުން ބައެއް ބާވަތްތައް ހުސްވުމާ ގާތަށް ހިނގައްޖެ އެވެ.

މުޅި ބާޒާރަށް ބަލާއިރު އެންމެ މަދުވެފައިވާ އެއް ބާވަތެއްގެ ގޮތުގައި ފެންނަނީ ކަރަ އެވެ. ރޯދަ މަހުގެ ކުރިން ގިނަ އަދަދަކަށް ގެނައި ކަރާ މިހާރު ވަނީ ގެނައުން މަޑުޖެހިފަ އެވެ.

ގޮޅިތައް ހިންގާ މީހުން ބުނާ ގޮތުގައި ބައެއް ބާވަތްތައް އަންނަ އަދަދު މިހާރު މަދެވެ. ސަބަބަކީ ރާއްޖޭގެ ގިނަ ރަށްރަށުގައި ހެއްދި އެއްޗިހި ހުސްވުމާ ކައިރިވެފައިވުމެވެ.

"މިހާރު ގެންނަ ކަރާ ހަމަ މަދުވަނީ. ގިނަ ރަށްރަށުގައި ހެއްދި އެއްޗިހި ވަނީ ހުސްވާން ފަށާފަ،" ގޮޅިއެއްގައި ހުރި މީހަކު މިއަދު ބުންޏެވެ.

ކަރާ ހުސްވުމާ ކައިރިވެފައިވާއިރު، ކަރާގެ އަގުވެސް ހުރީ މަތީގަ އެވެ. މިހާރު ކަރާ ކިލޯއެއް ވިއްކަނީ 40ރ. އަށެވެ.

ބާޒާރުގައި ދެން އެންމެ މަދުވެފައިވާ އެއް ބާވަތަކީ މިރުހާއި ފަތުގެ ބާވަތްތަކެވެ. މި ބާވަތްތައް ވެސް ގެނައުން ވަނީ މަޑުޖެހިފަ އެވެ.

ރޯދަ މަހު ބޭނުންކުރާ ދަނޑުވެރިކަމުގެ ބައެއް ބާވަތްތައް ހުސްވުމާ ކައިރިނަމަވެސް، ފިޔާ އަލުވި އަދި ބިސް ބާޒާރުން އެކަށީގެންވާ ގޮތެއްގައި ލިބެން އެބަހުއްޓެވެ. އަދި މި ބާވަތްތަކުގެ އަގަށްވެސް މާބޮޑު ބަދަލެއް ނާދެ އެވެ.