ދިރާގު

ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ދިރާގުން ޕްރޮމޯޝަންތަކެއް

ކުރިއަށް އޮތް ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ދިރާގުން ހާއްސަ ޕްރޮމޯޝަންތަކެއް ފަށައިފި އެވެ.

މި އޮފާތައް ދިރާގުން ތައާރަފުކޮށްފައި ވަނީ ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ޕްރެސް ކޮންފަރެންސެއްގަ އެވެ.

ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހް އާދަމް ވިދާޅުވީ ރޯދަ މަހާ ދިމާކޮށް ފެށި ޕްރޮމޯޝަންތަކަކީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން ދިވެހިންގެ އާދަތަކާއި ސަގާފަތާ ވަރަށް އެއްގޮތް ޕްރޮމޯޝަންތަކެއް ކަމަށެވެ. އަދި މިއީ ރޯދަ މަސް ފެށުމުގެ ކުރިން ކަސްޓަމަރުންނަށް އަގުހުރި އިނާމެއް ދިނުމުގެ ގޮތުން ދިރާގުން ފެށި ޕްރޮމޯޝަންތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިރާގުން ފެށި ޕްރޮމޯޝަންތަކުގެ ތެރޭގައި ރޯދައަށް ތައްޔާރު ލަކީޑްރޯ އަދި ރަމަޟާން ފްރީ ރެންޓަލް ހިމެނެ އެވެ.

ރޯދައަށް ތައްޔާރު ލަކީ ޑްރޯ

މި ޕްރޮމޯޝަންގައި ދިރާގު ޕްރީޕެއިޑް، ޕޯސްޓްޕެއިޑް ނުވަތަ ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތަށް ސަބްސްކްރައިބް ކުރާ އާ ކަސްޓަމަރުން ރޯދަ މަހަށް ތައްޔާރުވުމަށް އެހީތެރިވުމުގެ ގޮތުން ކޮންމެ ހަފުތާއަކު އަގުހުރި އިނާމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެ ގޮތުން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ދިރާގުގެ ހިދުމަތަކަށް ސަބްސްކްރައިބް ކުރާ ހުރިހާ ކަސްޓަމަރުންނަށްވެސް ކޮންމެ ހަފުތާއެކު ބޭއްވޭ މި ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮމޯޝަންގެ އިނާމުތައް

  • ހަފުތާ 1: ހިލޭ ގްރޯސަރީ ޝޮޕިން ސްޕްރީއެއް
  • ހަފުތާ 2: ގޭތެރެ ސާފުކުރުން
  • ހަފުތާ 3: ގޭތެރެ ކުލަލުން
  • ހަފުތާ 4: ބަދިގެ ސާމާނު ޕެކް

ރަމަޟާން ފްރީ ރެންޓަލް

މި ޕްރޮމޯޝަނާއެކު މިމަހުގެ 29 ވަނަ ދުވަސް ނުވަތަ އޭގެ ކުރިން އާ ދިރާގު ޕޯސްޓްޕެއިޑް ނުވަތަ ފައިބަ ބްރޯޑްބޭންޑް ހިދުމަތަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް އެއް މަހުގެ ހިލޭ ބިލާއެކު ރޯދަ މަހަށް މަރުހަބާ ކިޔާލެވޭނެ ކަމަށް ދިރާގުން ބުނެ އެވެ. އެގޮތުން މިއަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި ކަސްޓަމަރުންނަށް ލިބޭ ބިލުގައި މި ހިލޭ ރެންޓަލް އެޕްލައިކުރެވޭނެ ކަމަށްވެސް ދިރާގުން ބުނެ އެވެ.

ދިރާގުން ބުނީ މި ޕްރޮމޯޝަންތަކުގެ އިތުރުން އެ ކުންފުނިން ކުރިއަށް އޮތް ހަފުތާތަކުގައިވެސް ކަސްޓަމަރުންނަށް އިތުރު ހިތްގައިމު، އަގުހުރި އާ ރޯދަ އޮފާތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދިރާގުން ފެށި މި ޕްރޮމޯޝަންތަކުގެ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބޭނެ އެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އާ އޮފާތައް ހެޔޮ އަގުގައި ކަސްޓަމަރުންނަށް ގެނެސްދިނުމަށް ކަމަށެވެ.