ރ. އަތޮޅު ފައިނުގައި އެއާޕޯޓެއް އެޅުމަށް އެ ރަށުގެ ގިނަ ބަޔަކު ބޭނުންވާ ކަމަށާއި އެކަމާ ދެކޮޅު ހަދަނީ މަދު ބައެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ފައިނަށް އުފަން އާދަމް ޝަރީފް މިހެން ވިދާޅުވީ އެ ރަށުގައި އެއާޕޯޓެއް އަޅައި ސިޓީ ހޮޓެލެއް ހިންގުމުގެ މަޝްރޫއަކީ އެންމެ ރަނގަޅު ވިސްނުމެއް ނޫން ކަމަށާއި ގަސް ހެދިފައިވާ ބޮޑު ސަރަހައްދު ހަލާކުކޮށްލަން ބޭނުން ނުވާ ކަމަށް ބުނެ އެތަށް ބަޔަކު އަޑު އުފުލާ، ސޯޝަލް މީޑިއާގައި ސޭވް ފައިނުގެ ނަމުގައި ކެމްޕެއިންއެއްވެސް ފަށާފައި ވަނިކޮށެވެ.
އެކަމާ ގުޅިގެން އާދަމް ޝަރީފްގެ ފޭސްބުކް ޕޭޖުގައި ލިޔުއްވާފައި ވަނީ ފައިނުގެ އެއާޕޯޓު އެޅުމަށް ރަށުގެ ގިނަ ބަޔަކު ނިހާޔަތަށް ބޭނުންވާ ކަމާށާއި ރަށުގެ މެޖޯރިޓީ ތާއީދު ކުރާ ކަމެއް ކަމަށެވެ. އަދި އެކަމަކީ މީގެ 26 އަހަރު ކުރިން އޮތް ސަރުކާރުން ކުރަން ރާވާފައިވާ ކަމެއް ކަމަށާއި މިހާރު އެކަމަށް ދެކޮޅު ހަދަމުން ގެންދަނީ ވަރަށް މަދު ބައެއް ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
"...އައިލެންޑް އޭވިއޭޝަން އިން ފައިނުގައި ބޭއްވި މީޓިންއެއްގައި ވަރަށް ގިނަ ބަޔަކު ބައިވެރިވި، ކަންބޮޑުވުން ފާޅު ކުރީ ރަށުގެ ތިން ކުއްޖަކު، އެއީ ވެސް ކޮންސެޕްޓް ޑްރޮވިންއިން ގޮތުން، އެ މީޓިން އަކީ ރަށުގެ ކައުންސިލުން ވެސް ބައިވެރިވި މީޓިންއެއް،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ފައިނާ ގުޅޭ ގޮތުން ފެތުރިފައިވާ އަޑުތަކަކީ އެއްވެސް ފަރާތެއްގެ ބަހެއް ނުހޯދާ މީޑިއާތަކުން ވަކި ބަޔަކު ބޭނުންވާ ގޮތަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށެވެ.
މީގެ ކުރިން ހދ. ކުޅުދުއްފުށީ ކުޅި ހިއްކައިގެން އެއާޕޯޓް އަޅާތީ އެކަމާ ދެކޮޅަށް ވެސް ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ކުރި އެވެ. ނަމަވެސް އެ އެއާޕޯޓަށް މިހާރު ވަނީ ކުޅި ހިއްކާފަ އެވެ.