ރައްޔިތަކަށް އޭގެ އެންމެ ފުރިހަމަ މަންފާ ލިބޭ ގޮތަށް ނޫން ގޮތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއްވެސް ކަމެއް ނުކުރާނެ ކަމުގައި ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މީގެކުރިން އެއްވެސް ސަރުކާރެއްގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް ފަޅު ރަށްތައް ކުއްޔަށް ދީފައިވާކަން އެނގެން ނެތް ކަމަށެވެ.
"ފަޅު ރަށްތައް ވަކި ގިންތިއެއްގެ މީހުންނަށް ދޫކުރާ ކަމުގެ އަޑުތައް އަބަދުވެސް އިވެމުން ދަނީ. ރައީސް މުއިއްޒު އެ ގެންދަވަނީ އެ ކަންތައްތައް ބަދަލުކުރައްވަމުން،" އާދަމް ޝަރީފް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިހްތިސާސްގައި ފަޅު ރަށްތައް ހިމަނައިދޭ ގޮތަށް ރައީސް މުއިއްޒުގެ ސަރުކާރުން ނިންމުމާ ގުޅިގެން ވަރަށް ގިނަ ކައުންސިލްތަކުން އެކަމަށް އެދެމުންދާ ކަމަށެވެ. އަދި ބައެއް ކައުންސިލްތަކަށް މިހާރުވެސް ބައެއް ފަޅު ރަށްތައް ދޫކޮށްފައިވާ ކަމަށާއި މިއީ މީގެކުރިން އެއްވެސް ސަރުކާރަކުން ކައުންސިލްތަކަށް ކޮށްދިން ކަމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
"މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިނގާފައިވާ ކަމެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިދިޔަ އަންގާރަ ދުވަހު ރ. މަޑުއްވަރީގެ އިހްތިސާސްގައި އުފުލަންދޫ އަދި ރ. މީދޫގެ އިހުތިސާސްގައި ތާވަތާ ހިމަނުއްވާދެއްވާފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކައުންސިލްތަކަށް ދޫކުރ ފަޅު ރަށްތަކުގައި ރައްޔިތުންނަށް ފައިދާވާ ގޮތަށް މަސައްކަތްތައް ކުރުމަށް ޕްރޮޕޯސަލް ތައްޔާރުކޮށް ހުށަހެޅުމުން އެފަދަ ޕްރޮޕޯސަލްތަކަށް ސަރުކާރުން ހުއްދަވެސް ދޭނެ ކަމަށެވެ. އަދި ފަޅު ރަށްތަކުން ނެގޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ހަމަޖައްސައިދޭނެ ކަމަށާއި މިފަދަ ބަދަލުތަކާއެކު ކައުންސިލްތަކަށް ހަގީގީ ބާރުވެރިކަން ލިބިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.